13 ޖޫން 2023
ދަރިވަރުން ތަހައްމަލް ކުރަމުންދާ ކަންކަމުގައި އުޅެން ޖެހެނީ ބުލީގެ ޝިކާރައަކަށްވާ ބެލެނިވެރިޔާ އެކަނި ހެއްޔެވެ؟ ޓީޗަރުންނާއި ސްކޫލުގެ މެނޭޖްމަންޓުގެ ޒިންމާ ކޮބައިހެއްޔެވެ؟
ދަރިވަރުން ތަހައްމަލް ކުރަމުންދާ ކަންކަމުގައި އުޅެން ޖެހެނީ ބުލީގެ ޝިކާރައަކަށްވާ ބެލެނިވެރިޔާ އެކަނި ހެއްޔެވެ؟ ޓީޗަރުންނާއި ސްކޫލުގެ މެނޭޖްމަންޓުގެ ޒިންމާ ކޮބައިހެއްޔެވެ؟
ފޭސްބުކްގައި މަންމައިންނަށް އެހީތެރިވުމުގެ ގޮތުން ހަދާފައި އޮންނަ "މަމްސް އެއިޑް" ގްރޫޕުގައި މީގެ ހަފްތާއެއްހާ ދުވަސް ކުރިން މަންމައަކު ޕޯސްޓެއް ޖެހީ އޭނާގެ ދަރިފުޅަށް ސްކޫލުގައި ބުލީ ކޮށްގެން ހަދާނެ ގޮތް ހުސްވެގެންނެވެ.
"ސްކޫލުގައި ހިނގާ ބުލީގެ ޝިކާރައަކަށްވެ ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތައް ލިބުނު ދަރިއެއްގެ މަންމައެއް އެބަ އިންތޯ؟" އެ ޕޯސްޓުގައި އޭނާ އެހި އެވެ.
އެ ޕޯސްޓަށް 100 އަށްވުރެ ގިނަ މައިން އެ މީހުންގެ ދަރިން ތަހައްމަލް ކުރަމުންދާ "ސްކޫލު ބުލީ"ގެ ވާހަކަތައް ހިއްސާކުރި އެވެ.
"އަތުގައި ލޯލި ހުންނަ ކުއްޖަކު އޭނާ އަތުގައި މާ ގިނައިން، ދިގުކޮށް ލޯލި ހުންނާތީ ކްލާހުގައި އެބަ ބުލީ ކުރޭ. އެ ކުއްޖާ ގަބޫލެއް ނުކުރޭ މިހާރު އޭނަ އަކީ ރީތި ކުއްޖެއް ކަމަކަށް. މީހަކު ރީއްޗޭ ބުންޏަސް ގަބޫލެއް ނުކުރޭ،" ބެލެނިވެރިއަކު އެ ޕޯސްޓަށް ކުރި ކޮމެންޓެއްގައި ބުންޏެވެ.
އެހެން ބެލެނިވެރިއަކު ކަންބޮޑުވުން ފާޅުކުރީ ކުއްޖާ އަށް ކިޔާ ނަމުން ސްކޫލުގައި ބުލީ ކުރާތީ އެވެ.
"ދަރިއެއް ނަމެއް ހޯދާއިރު ވެސް މިހާރު އެބަ ޖެހޭ މިއީ ސްކޫލަށް ދާއިރު ނޫނީ ދިރިއުޅުމުގައި ބުލީ ނުކުރާ ފަދަ ކަމެއް ހޯދަން."
އެއަށް ޖަވާބުދީ އެހެން މަންމައަކު ބުނެފައި ވަނީ ކުއްޖާ އަށް ކޮންމެ ނަމެއް ކިޔަސް، ބުލީ އަކީ ކުރާ އެއްޗެއް ކަމަށެވެ.
ދަރިވަރަކު ސްކޫލަށް ދަނީ: ބުލީގެ ސަބަބުން ދަރިވަރުން އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަށް ފަސްޖެހޭ --ފޮޓޯ: ނިޝާން އަލީ / މިހާރު
"ބުލީ ކުރުމާ ބޮޑަށް ކުދިން ކުރިމަތިލާން ޖެހެނީ ޓީޗަރުންނާއި ބެލެނިވެރިންގެ ފަރާތުން. އަޅުގަނޑު ދަރިފުޅު ކައިރީ ބުނެފައި އޮންނާނީ އެ މީހުން ކައިރީ ބުނާށޭ މަންމަ އަށް ހުރިހާ ވާހަކައެއް ކިޔައިދޭކަން. ދަރިފުޅު ޕްރީ ސްކޫގައި ކިޔެވިއިރު ވެސް ބުލީ ކުރުން ނުހުއްޓުވިގެން ދަރިފުޅު އެ ސްކޫލުން ވަކިކޮށް އެހެން ސްކޫލަކަށް ބަދަލުކުރަން ޖެހުނީ،" ބެލެނިވެރިއަކު ބުންޏެވެ.
އެހެން ބެލެނިވެރިޔަކު ބުނީ އޭނާގެ ދަރިފުޅަށް ސްކޫލުގައި ބުލީކުރީ އިސްތަށިގަނޑު ކުރުކޮށް ކޮށާފައި ހުންނާތީ ކަމަށެވެ.
"އަސްލު އެހާ ކުރުކޮށް ކޮށައިފައެއް ނޫން ހުންނާނީ. ކަނދުރާ ފޮރުވާ ވަރަށް ހުންނާނީ. ބުލީ ކުރާކަށް ވަކި ކަމެއް ނޯވޭ. މިކަން އެނގިގެން ކްލާސް ޓީޗަރަށް އެކަން އެންގިން. ލީޑިން ޓީޗަރަށް އިންފޯމް ކުރިން. ކޮންމެވެސް ވަރަކަށް މީހުން އެޓެންޑްވި، [އެކަމަކު] ވަކި ކުއްޖަކަށް ފޯކަސް ނުވާގޮތަށް،" އެ ބެލެނިވެރިޔާގެ ދަރިފުޅަށް ސްކޫލުން ދިމާވި ކަންތައް ހިއްސާކުރަމުން ބުންޏެވެ.
"ޕޭރެންޓެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަރިފުޅަށް ދިނީ ނޯޓް ފޮތަކާއި ރީތި ވިދާ ގަލަމެއް. ދީފައި ބުނީ ބުލީ ކުރާ ހުރިހާ ކުދިންގެ ނަންތައް އެ ކުދިން ބަލަން ތިއްބައި ލިޔެގެން ގެންނާށޭ. އަހައިފިއްޔާ ބުނާށޭ މަންމަ ބުނެގެންނޭ. ކްލާސް ހުރިހާ ކުދިންގެ މަންމަމެން ބައްޕަމެން އިންނަ ވައިބާ ގުރޫޕުގައި އަަޅުގަނޑުގެ މަންމަ ވެސް އިނދޭ."
އެ ބެލެނިވެރިޔާ ބުނީ އޭގެ ފަހުން އޭނަގެ ދަރިފުޅަށް ސްކޫލުގައި ބުލީ ނުކުރާ ކަމަށާއި އަދިވެސް ކިޔަވަމުން އަންނަނީ އެ ސްކޫލުގައި ކަމަށެވެ. އޭނާ ކުދިންގެ ނަންތައް ފޮތުގައި ނޯޓުކުރަން ބުނީ ކްލާސް ވައިބާ ގްރޫޕަށް ލާން ކަމަށް ބުނި ނަމަވެސް އެކަން އެގޮތަށް ނުކުރާ ކަމަށް ވެސް އެ ބެލެނިވެރިޔާ ބުންޏެވެ. އެކަން ހުއްޓީ ދަރިވަރުން އަމިއްލަ އަށެވެ.
ބައެއް ބެލެނިވެރިން ގަބޫލުކުރާ ގޮތުގައި ސްކޫލު ބުލީ މިހާރު ގޮސްފައިވާ ހިސާބަކީ ސްކޫލާ ނުވަތަ ބުލީ ކުރާ ކުއްޖާގެ ބެލެނިވެރިންނާ ވާހަކަ ދައްކައިގެން ހައްލު ކުރެވޭ ވަރަށް ވުރެ މަތީގަ އެވެ.
ކުދިންތަކެއް ސްކޫލަށް ދަނީ: މީހުންގެ ފާޑުކިޔުންތަކުގެ ސަބަބުން ބައެއް ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ -- ފޮޓޯ: ނިޝާން އަލީ / މިހާރު
"އެ މީހުން އަޅާ ނުލިއްޔާ އަމިއްލަ އަށް ގޮސް ވާހަކަ ދައްކައިގެން ވެސް އެކަން ކުރަން ޖެހޭނެ. އެވަރު ނުވިއްޔާ ޕޮލިހާ ހަމައަށް ވެސް ދާން ވާނެ. ސްކޫލުތަކުން އެކަހަލަ (ބުލީ) ކަންކަމާ އަޅާނުލަނީ އެއީ ތަންކޮޅެއް މުއްސަދިންގެ ދަރިންވީމަ،" ބެލެނިވެރިޔަކު ބުންޏެވެ.
"ވަރަށް މޮޅު ކަމަކަށް ހަދާފައި ސްކޫލްތަކުން ބުނާނެ ބުލީކުރުން ހުއްޓުވަމޭ. ކުދިންނަށް ރައްކާތެރި މާހައުލަކަށް ސްކޫލުތައް ވާނެއޭ. ޓީޗަރު ކުދިން ކުރިމަތީގައި އެއް ކުއްޖަކަށް އެއްޗިހި ކީމަ އެހެން ކުދިން އެ ކުއްޖާ އަށް މި ބުލީ ކުރަނީ. މިހެން މިކަން ވާކަން ވެސް ގަބޫލު ކުރާނެ ވެރިޔަކު ނުހުރޭ،" ބެލެނިވެރިޔަކު ކަންބޮޑުވުން ފާޅުކޮށް ބުންޏެވެ.
ބެލެނިވެރިން ތުހުމަތު ކުރަނީ ކްލާހުގައި ކުދިންނަށް ބުލީ ކުރި ނަމަވެސް ސްކޫލުގެ މެނޭޖްމެންޓާއި ޓީޗަރުން ވެސް އަޅާނުލަނީ ކަމަށެވެ.
ސްކޫލުތަކުގައި ބުލީ ކުރުމަކީ އޮންނަ ކަމެއް ކަމަށް ހުރިހާ ޕްރިންސިޕަލުން ވެސް އެއްބަސްވެ ވަޑައިގަނެ އެވެ. އެއީ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ވެސް އެ ބޭފުޅުން ފާހަގަކުރައްވަ އެވެ. ބައެއް ޕްރިންސިޕަލުން ވިދާޅުވީ މިހާރު ބުލީ ކުރާ ކުދިންގެ އުމުރު ކުރިން އެކަހަލަ ކަންކަންކުރަން ފަށާ އުމުރަށްވުރެ ވެސް ހަގު ކަމަށެވެ.
"ސޯޝަލް މީޑިއާއިން ތަފާތު ކަންކަން ފެނޭ މިހާރު. އެކަހަލަ ކަންކަމުގެ ސަބަބުން އެއް ކުއްޖަކު އަނެއް ކުއްޖަކާ ދިމާކުރުން ކަހަލަ ކަންކަން ގިނަވޭ. ކުރިއާ އަޅާ ބަލާއިރު ބުލީ ކުރުން ޅަ އުމުރުގައި ފަށާކަން ފާހަގަވޭ،" އެއް ޕްރިންސިޕަލަކު ވިދާޅުވި އެވެ.
އެކަން ހައްލު ކުރުމަށް ސްކޫލުތަކުން ކުރަނީ ކީއްތޯ ސުވާލު ކުރުމުން ވާހަކަ ދައްކާލި ގިނަ ސްކޫލުތަކުގެ ޕްރިންސިޕަލުން ވެސް ވިދާޅުވީ ބުލީ ކުރާ ކުއްޖާ އާއި ބުލީގެ ޝިކާރައަކަށްވާ ކުއްޖާގެ ބެލެނިވެރިންނާ ވާހަކަ ދައްކައިގެން ހައްލު ކުރަނީ ކަމަށެވެ. ނޫނީ އެ ކުއްޖާ އަށް ބޭނުންވާ ކައުންސެލިން ސްކޫލުން ދެނީ ކަމަށެވެ.
ބެލެނިވެރިޔާއާއެކު ކުދިންތަކެއް ސްކޫލަށް ދަނީ: 2014ވަނަ އަހަރު "ގްލޯބަލް ސްކޫލް-ބޭސްޑް ސްޓޫޑަންޓް ހެލްތް ސާވޭ" އަކުން ދެއްކި ގޮތުގައި ރާއްޖޭގެ ކޮންމެ ހަތަރު ކުއްޖަކުން އެއް ކުއްޖަކީ ބުލީގެ ޝިކާރައަކަށްވޭ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
ބުލީ ނުވަތަ ގަނާ ކުރުމަކީ ރާއްޖޭގައި އާންމުވެފައިވާ ވަރަށް ނުބައި އާދައެކެވެ. ބުލީ ކުރުމޭ ބުނީމާ މިއީ ވަރަށް ގިނަ ކަންތައްތަކެކެވެ. އެއީ މީހަކު ހުންނަ ސިފައަކަށް މަލާމާތް ކުރުމާއި ވާހަކަ ދައްކާ ގޮތް ތަފާތުވުމުން އެކަމާމެދު ފުރައްސާރަ ކުރުމެވެ. ނުވަތަ ކުރެވޭ ކަމެއްގެ ސަބަބުން މީހުންގެ ހިތުގައި ޖެހޭ ގޮތަށް އެއްޗެހި ކިޔާ ދިމާކޮށް ހެދުމެވެ.
ބުލީގެ ޝިކާރައަކަށް ވާން ފަށަނީ އެކި މާހައުލުންނެވެ. ބައެއް ކުދިންނަށް ގޭތެރެއިންނެވެ. އަނެއްބައިކުދިންނަށް ސްކޫލުންނެވެ. ނުވަތަ މަގުމަތިންނެވެ.
ދެހާސް ސާދަ ވަނަ އަހަރު "ގްލޯބަލް ސްކޫލް-ބޭސްޑް ސްޓޫޑަންޓް ހެލްތް ސާވޭ" އަކުން ދެއްކި ގޮތުގައި ރާއްޖޭގެ ކޮންމެ ހަތަރު ކުއްޖަކުން އެއް ކުއްޖަކީ ބުލީގެ ޝިކާރައަކަށްވާ ކުއްޖެކެވެ.
ބައެއް ސައިކޮލޮޖިސްޓުން ވިދާޅުވަނީ ބުލީ ކުރުމުން ބޮޑެތި މީހުންނަށް އަސަރުކުރާ ވަރަށް ވުރެ ބޮޑަށް ކުޑަކުދިންނަށް އަސަރުކުރާލެއް ބޮޑު ކަމަށެވެ. އެގޮތުން ނަފްސާނީ ގޮތުން ބަލިކަށިކޮށް އަމިއްލަ ނަފުސުގެ މަތިން ފޫހި ކޮށްލާ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.
ބުލީ ކުރުމުން ކުއްޖާގެ އުޅުމަށް އަންނަ ބައެއް ބަދަލުތަކުގެ ތެރޭގައި ސްކޫލަށް ދާން ދެކޮޅުހެދުމާއި އިތުރު ހަރަކާތްތަކުގައި ބައިވެރިނުވުމާއި އަމިއްލަ ނަފުސަށް ކުރާ އިތުބާރު ގެއްލި އަމިއްލައަށް މަރުވާން މަސައްކަތް ކުރުފަދަ ކަންކަން ހިމެނެ އެވެ.
ބުލީގެ ޝިކާރައަކަށްވާ ކުދިންނަށް އެންމެ ގިނައިން ދިމާވާ ކަމަކީ ޑިޕްރެޝަން ނުވަތަ އެންޒައިޓީ ފަދަ ނަފްސާނީ މައްސަލަތަކާ ކުރިމަތިލާން ޖެހުމެވެ.
މިކަމަށް ހައްލެއް ގެނައުމަށް ބުލީ ކުރާ ކުއްޖާއާއި އެކަމުގެ ޝިކާރައަކަށްވި ކުއްޖާގެ އާއިލާއިން ވާހަކަ ދައްކައިގެން ނުވަތަ ސްކޫލުތަކުން އެކަން ލުއިކޮށް ނަގައިގެން ހުއްޓުވާ ވަރަށްވުރެ ބޮޑެތި ފިޔަވަޅު މިކަމަށް އަޅަން މިވަނީ ޖެހިފަ އެވެ. ހޭލުންތެރިކަމާއި ނަފްސާނީ ބަލިމަޑުކަމަކަށް ވެއްޓިއްޖެ ނަމަ ދޭނެ ފަރުވާ އާއި، އެފަދަ ކުށްކުރާ ފަރާތްތަކާމެދު އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަން ޖެހެ އެވެ.
16 އަހަރުގައި 484 މައްސަލަ: ޒިންމާވާނީ ކާކު؟
ސްކޫލްތަކުގައި ބުލީ ކޮށްގެން މި އަހަރު 26 މައްސަލަ!
ބުލީގެ ތުހުމަތަކުން ބޭޒާރުވީ ސިޔާސީ އެކްޓިވިސްޓުން
ޣިޔާސުއްދީން ސްކޫލުގައި ބުލީކުރާ ވީޑިއޯއަކީ އަސްލެއް!
އާލިފަށް އަމާޒުވި ތުހުމަތުތަކަށް ރައްދު ދީފި
އާލިފަކީ މިހާރު އެންޓި ބުލީން އެމްބެސަޑަރެއް ނޫން
ސްކޫލުގައި ބުލީކުރުމާ ދެކޮޅަށް އަމަލުކުރާނެ އުސޫލެއް
ދަރިވަރަށް ބުލީކުރި މައްސަލަ ބަލަން ފަށައިފި
ގްރޭޑް 8 ގެ ޓެސްޓު ޑިސެމްބަރާއި ފެބްރުއަރީގައި
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!