Roadha Mihaaru
ބުލީގެ ތުހުމަތަކުން ބޭޒާރުވީ ސިޔާސީ އެކްޓިވިސްޓުން

ދަރިވަރަކަށް ބުލީކުރި ކަމުގެ ތުހުމަތުން ބޭޒާރުވީ ސިޔާސީ އެކްޓިވިސްޓުން

14 ޖޫން 2021

ދެކުނުގެ ރަށެއްގެ ޓީޗަރަކު އޭނާގެ ދަރިވަރަކަށް ބުލީކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެންމަތިވި މައްސަލައެއްގެ ބަހުސް ފުޅާވެ، މިހާރު ބުލީކުރުމާ ދެކޮޅަށާއި ހައްގުތަކަށް ގޮވާލާ ސިޔާސީ މީހުންނާއި އެކްޓިވިސްޓުން މީގެ ކުރިން މީހުންނަށް ބުލީކޮށް ސޯޝަލް މީޑިއާގައި ދައްކާފައިވާ ހުރި ވާހަކަތައް ހާމަކޮށް ސޯޝަލް މީޑިއާގައި އެ ބަހުސް ޓްރެންޑްވާން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ދެކުނުގެ ރަށެއްގެ ޓީޗަރަކު އޭނާގެ ދަރިވަރަކަށް ބުލީކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެންމަތިވި މައްސަލައެއްގެ ބަހުސް ފުޅާވެ، މިހާރު ބުލީކުރުމާ ދެކޮޅަށާއި ހައްގުތަކަށް ގޮވާލާ ސިޔާސީ މީހުންނާއި އެކްޓިވިސްޓުން މީގެ ކުރިން މީހުންނަށް ބުލީކޮށް ސޯޝަލް މީޑިއާގައި ދައްކާފައިވާ ހުރި ވާހަކަތައް ހާމަކޮށް ސޯޝަލް މީޑިއާގައި އެ ބަހުސް ޓްރެންޑްވާން ފަށައިފި އެވެ.

"ސްޓޮޕްބުލީންއެމްވީ" ހޭޝްޓެގް ރާއްޖޭގެ ޓްވީޓާގައި ޓްރެންޑްވާން ފެށީ ސިޔާސީ ބައެއް ބޭފުޅުން އިންސާނީ ހައްގުތަކުގެ ދިފާއުގައި ނުކުމެ މިހާރު ބަސް ވިދާޅުވިޔަސް އެ ބޭފުޅުން މީގެ ކުރިން ވަރަށް ހުތުރުކޮށް މީހުންނަށް ބުލީކޮށް ލިޔެފައި ހުރި ޓްވީޓްތަކުގެ ސްކްރީންޝޮޓްތަކާ އެކުގަ އެވެ. އެއީ ޖިންސީ އަނިޔާ އާއި ފުރައްސާރަ ފަދަ އަަމަލުތަކާ ދެކޮޅަށް ކެމްޕޭނުކުރާ "ރައިޒްއަޕް" މޫވްމަންޓުން ފެށި ކެމްޕޭނަކާ ގުޅުވައިގެންނެވެ.

ހަމަ މި ހޭޝްޓެގާ އެކު، އެކި މީހުން ގެންދަނީ އެ މީހުން ބުލީގެ ޝިކާރައަކަށްވި ގޮތް ވެސް ކިޔައިދެމުންނެވެ. އޭގެ ތެރޭގައި އާއިލާގެ މީހުންގެ ފަރާތުން ބުލީގެ ޝިކާރައަކަށްވި ހާދިސާތަކާއި ސިޔާސީ މީހުންގެ ހަމަލާތަކުގެ ޝިކާރައަކަށްވި ގޮތް ވެސް ކިޔައިދީފައި އެބަހުއްޓެވެ.

އެންމެ ގިނައިން ހުރީ ވިހެއުމަށް ފަހު މިހާރު ނިއާވެފައިވާ ޑރ. ހައުލަތު މުހައްމަދު އެމްޑީޕީއާ ދެކޮޅަށް ވާހަކަތަކެއް ދެއްކެވުމުން އޭނާ އަށް އަމާޒުކޮށް އެމްޑީޕީ އަށް ނިސްބަތްވާ މީހުން ކޮށްފައި ހުރި ޓްވީޓްތަކެވެ. އެމްޑީޕީ މީހުން 2012 ވަނަ އަހަރު ހައުލަތާ ދިމާކޮށްލައި "ފަލަ" ކަމަށް ބުނެ ކޮށްފައި ހުރި މަލާމާތާއި ފުރައްސާރައިގެ އެތައް ބައިވަރު ޓްވީޓްތަކެއްގެ ސްކްރީންޝޮޓްތައް ވަނީ އާންމުކޮށްފަ އެވެ.

ޔޫކޭގައި ދިރިއުޅުއްވި ހައުލަތުގެ ހަށިގަނޑަށް ނިސްބަތްކޮށް އޭރު މަލާމާތްކުރަމުން ދިޔައިރު ބަނޑުބޮޑެވެ. ނިއާވީ ވިހެއުމަށް ފަހުގަ އެވެ. އެ ދުވަސްވަރު ހައުލަތު ވަނީ އޭނާއަށް އަމާޒުވަމުން ދިޔަ ހުތުރު މަލާާމާތް މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް ގެނެސް، ނަޝީދު ޓެގް ކުރައްވައި ޓްވީޓް ވެސް ކުރައްވައިފަ އެވެ. އޭރު ސޯޝަލް މީޑިއާގައި ހައުލަތަށް ފުރައްސާރަކުރަން ހާއްސަކޮށްގެން ހޭޝްޓެގެއް ވެސް ބޭނުންކުރި އެވެ.

ހައުލަތަށް ބުލީ ކުރި އެއް ބޭފުޅަކީ މިހާރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ. މެމްބަރު މީކާއިލްގެ ޓްވީޓްތަކުގެ ސްކްރީންޝޮޓްތައް ވައިރަލްވެ އޭނާއަށް ފާޑުކިޔަން ފެށުމުން މީކާއިލް ވަނީ އެއީ ލަދުވެތި އަދި އެއްވެސް ވަރަކަށް ޓޮލަރޭޓް ނުކުރެވޭ ފަދަ އަމަލެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އޭރު އުމުރުން 18 އަހަރު ކަމަށާއި އެ ގޮތަށް ޓްވީޓްކުރި އިރު ތަސައްރަފު ނުފުދޭ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.

"ދެހާސް ބާރަ ވަނަ އަހަރު ހައުލަތަށް ގުޅައި މާފަށް އެދުނިން. އޭގެ ފަހުން އަޅުގަނޑަށް އެނގުނު ހައުލަތަކީ ފެމެލީ ފްރެންޑެއްކަން ވެސް،" މީކާއިލްގެ ޓްވީޓްގައިވެ އެވެ.

ރައިޒްއަޕް މޫވްމަންޓުގެ ކެމްޕެއިން ޓްވީޓް

ބުލީކުރުމާ ދެކޮޅަށް ގިނަ ބަޔަކު ވާހަކަ ދައްކަމުން އަންނަ މިދަނޑިވަޅުގައި އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ވަނީ ކުރިން ބުލީ ކުރި މީހުން ހިއުމަން ރައިޓްސް އެކްޓިވިސްޓުންނަށް ބަދަލުވެ، ކުރިން ކުރި ޓްވީޓުތައް ޑިލީޓްކޮށްލައި މާ މާތް ބަޔަކަށްވެފައިވާ ކަމަށް ވިދާޅުވެ ބަހުސް އިތުރަށް ހޫނުކޮށްލައިފަ އެވެ. އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދަށް އިންޒާރު ދީ ޓްވީޓްކުރި މައްސަލާގައި އެތައް ބައެއްގެ ނުރުހުން އަމާޒުވެފައިވާ ޒާހިދުގެ ޓްވީޓްތަކުގައި ބުނެފައިވަނީ އެގޮތަށް ޓްވީޓްތައް ޑިލީޓްކޮށް "އަލިފު" ހެދެން ދަސްކޮށްދިނީ އެމްޑީޕީ މީހުން ކަމަށެވެ. މީހުންނަށް ބުލީކުރުުން ފަދަ ކަންކަން ކޮށްފައި ފަހުން އޭގެ އަނެއްކޮޅަށް ވާހަކަ ދެއްކުމުގައި އެމްޑީޕީ އާއި އެހެން ޕާޓީތަކުގެ މީހުން ވެސް އެއްގޮތް ކަމަށް ޒާހިދު އެއްބަސްވެފައިވެ އެވެ.

އެމްޑީޕީގެ އެހެން ބައެއް އެކްޓިވިސްޓުންގެ ބުލީގެ ޓްވީޓްތައް ވެސް ދައުރުވަމުން އަންނައިރު އެ މީހުން ދަނީ ދިފާއުގައި ވާހަކަ ދައްކަމުންނެވެ. ބައެއް މީހުން ދިފާއުގައި ބުނަމުން ދަނީ އޭރު އެއީ ބުލީކުރުންކަން ނޭނގޭ ކަމަށެވެ. އަދި އޭރު ހައުލަތާ ދިމާކުރަން ބޭނުންކުރި ހޭޝްޓެގަކީ ވަކި މީހަކަށް ނިސްބަތްކޮށް ބޭނުންކުރި ހޭޝްޓެގެއްކަން ނޭނގޭ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ހުރިހާ ވާހަކައެއް ފެންމަތިވުމުގެ އަސްލަކަށްވީ ދަރިވަރަކު ޓީޗަރެއްގެ ސައިކަލަކަށް ގެއްލުންދިން ކަމަށް ބުނެ އުފެދުނު މައްސަލައަކާ ގުޅިގެންނެވެ. އެކަމުގައި ހިމެނޭ ޓީޗަރު ބުނާ ގޮތުން އޭނާ ދަރިވަަރަށް ބުލީއެއް ނުކުރެ އެވެ. ކުރިހާ ވެސް ކަމަކީ ސައިކަލަށް ބިސް ޖަހާފައި ހުރުމުން، އެކަން ކުރިންތޯ ކުއްޖެއް ގާތު ސުވާލުކުރުމެވެ. އޭގެ ފަހުން ބެލެނިވެރިން އެކަން ބުލީގެ މައްސަލައެއްގެ ގޮތުގައި އެޑިއުކޭޝަނަށް ހުށަހެޅީ އެވެ. ނަމަވެސް އެ މައްސަލަ އެޑިއުކޭޝަނުން ބަލަމުން އައި ނަމަވެސް އަދި މިހާތަނަށް ފިޔަވަޅެއް ނާޅަ އެވެ.