Roadha Mihaaru
ފަހުވަގުތު ރޯމާ މޮޅުވުމުން މޮރީނިއޯއަށް ތަފާތު އުފަލެއް

އިތުރު ވަގުތުގެ ގޯލުތަކުން ރޯމާ މޮޅުވުމުން މޮރީނިއޯ އަށް ތަފާތު އުފަލެއް

06 ނޮވެމްބަރ 2023

ރޯމް (ނޮވެމްބަރު 6) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކުރި ގޯލުތަކާ އެކު 2-1 އިން އަމިއްލަ ދަނޑުގައި ރޯމާ އިން ލެއްޗޭ ބަލިކުރުމުން ކޯޗު ހޯޒޭ މޮރީނިއޯ އަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރޯމް (ނޮވެމްބަރު 6) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކުރި ގޯލުތަކާ އެކު 2-1 އިން އަމިއްލަ ދަނޑުގައި ރޯމާ އިން ލެއްޗޭ ބަލިކުރުމުން ކޯޗު ހޯޒޭ މޮރީނިއޯ އަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ އެވެ.

ލެއްޗޭ އިން މެޗުގައި ލީޑު ނެގީ 72 ވަނަ މިނިޓުގައި ޕޮންޓަސް އަލްމްކްވިސްޓް ޖަހައިދިން ގޯލުންނެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި ރޯމާ އިން އެއްވަރުކޮށްދިނީ ސަރުދާރު އަޒްމޫން އެވެ. އޭގެ ތިން މިނިޓު ފަހުން މޮޅު ކޮށްދިން ގޯލު ޖެހީ ރޮމެލޫ ލުކާކޫ އެވެ.

މެޗުގެ ފަސްވަނަ މިނިޓުގައި ޕެނަލްޓީއަކުން ލީޑު ނަގަން ރޯމާ އަށް ފުރުސަތު ލިބުނެވެ. ނަމަވެސް ލުކާކޫ ފޮނުވާލި ޕެނަލްޓީ، ލެއްޗޭގެ ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.

ލުކާކޫ، ރޯމާ މޮލުކޮށްދިން ގޯލަށްފަހު.-- ފޮޓޯ: އޭއެފްޕީ

ލުކާކޫ، ރޯމާ މޮލުކޮށްދިން ގޯލަށްފަހު.-- ފޮޓޯ: އޭއެފްޕީ

"އަހަރެން އެހާ ބޮޑަށް އުފާފާޅު ނުކުރަން. އެއީ ބެލެންސްޑް ގޭމެއް ނުކުޅެވުމުން ކުޅުންތެރިންނާ ވާހަކަ ދައްކަން އަހަރެން ބޭނުންވީ. ފަހު 15 މިނިޓެއް ހާއިރު ތެރޭ އަހަރެމެން 3-2 ގެ ނަތީޖާއަކުން ބަލިވާ ހާލަތަށް ވެސް ދިޔަ، އެކަމު މެޗު ކާމިޔާބު ކުރެވިއްޖެ. އަހަރެމެންގެ ފަސް ކުޅުންތެރިން އެޓޭކަށް އަރައިގެން ކުޅުނީ، އަންޑްރޭ ބެލޮއްޓީ ފަހު ވަގުތު އަދާކުރީ ފުލް ބެކެއްގެ ރޯލު،" މެޗަށް ފަހު މޮރީނިއޯ ބުންޏެވެ.

"ކުޅުންތެރިން ވަރަށް މަސައްކަތް ކޮށްފި، އަދި އަހަރެމެންގެ އާދަޔާ ހިލާފު ވަރުގަދަ ފޭން ބޭސް އެއް ވެސް އެބަ އޮތް. ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ހައްގު މޮޅެއް މިއީ. ކުޅުންތެރިން އަހަރެން މާޔޫސް ކޮށެއް ނުލާ، އަހަރެން ކުޅުންތެރިން ގާތު މި މެޗުން ކޮށްދޭން އެދުނު ކަންތައް ވަރަށް ފުރިހަމައަށް އަދާ ކޮށްދީފި."

ރޯމާގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ގުޅުން ތަފާތު: މޮރީނިއޯ

މޮރީނިއޯ ބުނީ އޭނާ ގިނަ ޓީމުތަކަކަށް ކޯޗު ކޮށްދިން އިރު ވެސް، ރޯމާގައި ފެންނަ ފަދަ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ވަރުގަދަ ގުޅުމެއް އެހެން ކުލަބަކުން ނުދެކޭ ކަމަށެވެ.

"ހުރިހާ ވެސް ކަމަކީ ހިތާއި ވިސްނުން، ސަޕޯޓަރުންނާ މެދު އޮންނަ ގުޅުން. ވަރަށް ގިނަ ޓީމުތަކަށް އަހަރެން ކޯޗު ކޮށްދީފިން، އެކަމަކު މިހާ ބޮޑަށް ކުޅުންތެރިންނާއި ސަޕޯޓަރުންގެ ގުޅުމެއް އެއިން ކްލަބަކު ނެތް،" މޮރީނިއޯ ބުންޏެވެ.

މިދިޔަ ހަފްތާ، އެއްވަނައިގައި އޮތް އިންޓަ މިލާން އަތުން ވީ ބައްޔަށް ފަހު، ރޭގެ މޮޅާ އެކު ރޯމާ ވަނީ އަލުން ލީގުގެ ހަތްވަނައަށް ޖެހިލައިފަ އެވެ. އިންޓަ އާ ދެކޮޅަށް ކުޅުމުގެ ކުރިން ލީގުގައި މޮންޒާ ބަލިކުރި މެޗުގައި އިދިކޮޅު ބެންޗަށް މަލާމާތް ކުރުމުން މޮރީނިއޯ އަށް ދެއްކި ރަތް ކާޑާ ގުޅިގެން އިންޓަ މެޗުގައި މޮރީނިއޯ ހުރީ ސަސްޕެންޝަނުގަ އެވެ.

ލީގުގެ ދެވަނައިގައި އޮތް ޔުވެންޓަސް ވަނީ ރޭ ރަށުން ބޭރުގައި 1-0 އިން ފިއޮރެންޓީނާ ބަލިކޮށްފަ އެވެ.

އިންޓަ މިލާނުން ހޮނިހިރު ދުވަހުގެ ރޭ 2-1 އިން އެޓަލާންޓާ ބަލިކޮށް އެއްވަނައިގައި މަގާމު ދެމެހެއްޓި ނަމަވެސް ތިންވަނައިގައި އޮތް އޭސީ މިލާން ވަނީ އެ ރޭ އަމިއްލަ ދަނޑުގައި އުޑިނޭޒީ އަތުން 1-0 އިން ބަލިވެފަ އެވެ. އެންމެ ފަހުގެ ލީގު ޗެމްޕިއަން ނަޕޯލީ ވަލީ 2-0 އިން ސެލާނިޓާނާ ބަލިކޮށް ހަތަރުވަނައަށް ޖެހިލައިފަ އެވެ.