Roadha Mihaaru
ބީޓީއެސްއަށް 10 އަހަރު ވުމުން ހަދިޔާއެއް ދީފި

ބީޓީއެސްއަށް 10 އަހަރު ވުމުން ހަދިޔާއެއް ދީފި

01 ޖޫން 2023

ދެކުނު ކޮރެއާގެ މަޝްހޫރު ޕޮޕް ބޭންޑް ބީޓީއެސްއަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި، ހަދިޔާއެއްގެ ގޮތުގައި އާ ލަވައެއް ނެރެން ނިންމައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ދެކުނު ކޮރެއާގެ މަޝްހޫރު ޕޮޕް ބޭންޑް ބީޓީއެސްއަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި، ހަދިޔާއެއްގެ ގޮތުގައި އާ ލަވައެއް ނެރެން ނިންމައިފި އެވެ.

އެ ބޭންޑުން ހާމަކުރި ގޮތުގައި، "ޓޭކް ޓޫ"ގެ ނަން ދީފައިވާ މި ޑިޖިޓަލް ސިންގަލް ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ މަހު 9 ގަ އެވެ.

މިއީ ބީޓީއެސްގެ ފޭން ބޭސް "އާމީ" އަށް ދޭ ހަދިޔާ އެއް ކަމަށް އެ ބޭންޑުން ބުނެފައިވެ އެވެ. އަދި ބޭންޑުގެ ފަރާތުން ވަނީ ފާއިތުވި އަހަރުތަކުގައި ފޭނުން ދިން ސަޕޯޓާއި ލޯތްބަށް ޝުކުރު އަދާކޮށްފަ އެވެ.

"ބިގްހިޓް މިއުޒިކް"ގެ ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުން، މި ލަވައިގައި ބީޓީއެސްގެ ހަތް މެންބަރުން އުޅޭނެ އެވެ. އަދި "ޓޭކް ޓޫ"ގެ ނަން ދީފައި ވަނީ އެ ބޭންޑުގެ ދެވަނަ ފިޔަވަހީގެ ފެށުމަށް އަލިއަޅުވާލާފައި ކަމުގެ އިޝާރާތްތަކެއް ވެސް ދީފައިވެ އެވެ.

ބީޓީއެސްގެ ބޭންޑް މެމްބަރުން.

ބީޓީއެސްގެ ބޭންޑް މެމްބަރުން.

ބީޓީއެސް އުފެދުނު ދުވަސް، ޖޫން 13، 2013 ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "ބީޓީއެސް ފިއެސްޓާ" އިއްޔެ ވަނީ ފަށައިފަ އެވެ. މި ހަރަކާތުގައި ގިނަ ކޮންޓެންޓުތަކާއި ސަޕްރައިޒްތައް ނެރުމަށް ހަމަޖެހިފައިވެ އެވެ.

މިވަގުތު، ބީޓީއެސްގެ ޖިން އަދި ޖޭ-ހޯޕް އަންނަނީ ކޮރެއާގެ އަސްކަރިއްޔާގައި ހިދުމަތްކުރަމުންނެވެ. އަދި ބާކީ ތިބި މެންބަރުން އުޅެނީ އަމިއްލަ ޕްރޮޖެކްޓުތަކުގަ އެވެ. އެހެންވެ، ފޭނުންގެ ސުވާލަކީ ބީޓީއެސްގެ އިވެންޓަކަށް ހުރިހާ މެމްބަރުން އެއްތަން ވެދާނެތޯ އެވެ. އެފަދަ އެއްވެސް މައުލޫމާތެއް ބޭންޑަކުން އަދި ނުނެރެ އެވެ.