Roadha Mihaaru
އެސްޓީއޯގެ ހިއްސާއަަކަަށް 77ރ. ބަހަން ނިންމައިފި

އެސްޓީއޯގެ ހިއްސާއަަކަަށް 77ރ. ބަހަން ނިންމައިފި

31 މެއި 2023

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް 77ރ. ބަހަން މިރޭ ފާސްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް 77ރ. ބަހަން މިރޭ ފާސްކޮށްފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެ އަދަދު ފާސްވީ، ޖަލްސާގައި ބައިވެރިވި މީހުންގެ 99 ޕަސެންޓު ވޯޓުންނެވެ. މިރޭގެ ޖަލްސާގައި އެސްޓީއޯގެ ހިއްސާދާރުންގެ ތެރެއިން 300 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.

މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް ބަހަން ފާސްކުރި 77ރ. އަކީ އެ އަހަރު ފާސްކުރި އަދަދަށް ވުރެ 12ރ. ބޮޑު އަދަދެކެވެ. ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯ އަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބުނެވެ. ސާފު ފައިދާގެ އަދަދަކީ 742 މިލިއަން ރުފިޔާ އެވެ. މިއީ 2021 ވަނަ އަހަރުގެ އާމްދަނީ އަށް ވުރެ 80 ޕަސެންޓް އިތުރު އަދަދެކެވެ.

އެސްޓީއޯ އިން ބުނީ އާމްދަނީ އާއި ކުންފުނީގެ ސާފު ފައިދާ އިން އެހާ ބޮޑު ކުރިއެރުމެއް ލިބުނީ، ކުންފުނީގެ ދަށުން ހިންގާ ތެލާއި ކޮންސްޓްރަކްޝަން ދާއިރާ އާއި ޝިޕިން ދާއިރާ އިން ލިބުނު އާމްދަނީ އިތުރުވެ، ވިޔަފާރިތަކުގެ މާކެޓް ޝެއާ ބޮޑުވުމުގެ ސަބަބުން ކަމަށެވެ. އެ ވިޔަފާރިތަކުގެ އިތުރުން އެ ކުންފުނީގެ ޓްރޭޑުންނާއި ގޭހާއި އިންޝުއަރެންސާއި މަސްވެރިކަމުން ވެސް އާމްދަނީ ލިބެ އެވެ. ވޭތުވެދިޔަ އަހަރު އެސްޓީއޯގެ ހިއްސާ އެންމެ މަތިން ޓްރޭޑް ކޮށްފައި ވަނީ 1،450ރ. ގަ އެވެ. އެންމެ ދަށުން ޓްރޭޑް ކުރީ 580ރ. ގަ އެވެ.

މިރޭގެ ޖަލްސާގައި ހިއްސާގެ ފައިދާގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޕްރައިޒް ވޯޓާ ހައުސް ކޫޕާސް ހަމަޖެއްސި އެވެ. އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 63،800 ޑޮލަރު (983،796 ރުފިޔާ) ދިނުމަށް އެސްޓީއޯ އިން ނިންމި އެވެ. ވޭތުވެދިޔަ ތިން އަހަރު ވެސް އެސްޓީއޯގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ހޮވީ އެ ކުންފުންޏެވެ. ކުރިއަށް އޮތް ދައުރަށް އާއްމު ހިއްސާދާރުން ތަމްސީލު ކުރުމަށް ޑިރެކްޓަރުގެ ބޯޑަށް މުހައްމަދު އަހުސަން މިރޭ އައްޔަންކުރި އެވެ.