Roadha Mihaaru
ހޮޓަލުގެ ބަދަލުގައި އެސްޓީއޯއަށް ހުޅުމާލެއިން 2ބިމެއް

ހޮޓަލުގެ ބަދަލުގައި އެސްޓީއޯއަށް ހުޅުމާލެއިން ދެ ބިމެއް!

01 ޖޫން 2023

ހުޅުމާލޭގައި އެސްޓީއޯ އިން ހަދަން ފެށުމަށް ފަހު ހުއްޓިފައިވާ ހޮޓަލުގެ ބަދަލުގައި އާބަންކޯ އިން ދެ ބިމެއް ދޭން ނިންމާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ރޭ ވިދާޅުވި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހުޅުމާލޭގައި އެސްޓީއޯ އިން ހަދަން ފެށުމަށް ފަހު ހުއްޓިފައިވާ ހޮޓަލުގެ ބަދަލުގައި އާބަންކޯ އިން ދެ ބިމެއް ދޭން ނިންމާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ރޭ ވިދާޅުވި އެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އޭނާ ވިދާޅުވީ، އެ ހޮޓަލުގެ ސެޓްލްމަންޓް އެގްރީމެންޓަކާ މެދު އާބަންކޯއާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

"މި އެގްރީމެންޓްގައި އަޅުގަނޑުމެން އިންވެސްޓުކުރި އަދަދާ ގުޅިގެން ލިބެން ޖެހޭ ފައިސާގެ ބަދަލުގައި އާބަންކޯއިން ހުށަހަޅަނީ ބިން. އެކަމާ ވެސް މިތިބީ ދެ ފަރާތުން ވެސް އެއްބަސްވެގެން،" އޭނާ ވިދާޅުވި އެވެ.

އާބަންކޯއިން އެސްޓީއޯއަށް ދޭންޖެހޭ ދެ ބިމުގެ ޑޮކިއުމެންޓްތައް އެ ކުންފުނިން ހަވާލު ނުކުރާތީ، ހޮޓާ ރަސްމީކޮށް އަދި ހަވާލުނުކުރާ ކަަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އާބަންކޯ އިން ވަނީ އެސްޓީއޯ އިން ހެދި ހޮޓާ ބޭރުގެ ބަޔަކަށް ކުއްޔަށް ދޭން ނިންމައިފަ އެވެ.

ހުޅުމާލޭގައި އެސްޓީއޯއިން ހޮޓަލެއް ހެދުމުގެ މަސައްކަތް ފެށީ އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާ އެކު 2008 ވަނަ އަހަރު އެވެ. އެ ހޮޓަލުގެ އަމަލީ މަސައްކަތް ފެށީ 2012 ވަނަ އަހަރު އެވެ. ހޮޓާ އެޅުމަށް ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހަރަދު ކުރި ނަމަވެސް އެ މަސައްކަތް ފަހުން ވަނީ ހުއްޓިފަ އެވެ.

އެސްޓީއޯ ސިޓީ ހޮޓަލުގައި އެކި ފަންތީގެ 250 ކޮޓަރި ހިމެނެ އެވެ. އޭގެ އިތުރުން ރެސްޓޯރަންޓުތަކާއި އިވެންޓް ހޯލް އަދި ޝޮޕިން ސަރަހައްދެއް ވެސް ހިމެނެ އެވެ.

ކޮންޓްރެކްޓަރާ މައްސަލަޖެހި ހޮޓަލުގެ މަސައްކަތް ހުއްޓުނު ހުރި އިރު، އެސްޓީއޯއިން ވަނީ އެ ހޮޓާ ހިންގާނެ ބަޔަކު ހޯދަން މިދިޔަ 10 އަހަރު ތެރޭ އެކި ފަހަރު މަތިން މަސައްކަތް ކޮށްފަ އެވެ. އެކަން ކާމިޔާބު ނުވުމުން އެ މަސައްކަތް އާބަންކޯ މެދުވެރިކޮށް ކުރަން އޮތީ ނިންމައިފަ އެވެ.

ސިޓީ ހޮޓަލުގައި ނުނިމި ހުރީ ފިނިޝިންގެ މަސައްކަތެވެ. ރާނައި ސިމެންތި ޖަހައި ސްޓްރަކްޗާގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފަ އެވެ. އަދި އެސްޓީއޯ އިން މިވަގުތު އެތަން ބޭނުން ކުރަނީ ބައެއް މުދާ ބެހެއްޓުމަށެވެ.