Roadha Mihaaru
ސާބާ ކަޕުގައި ރާއްޖޭން ނޭޕާލް ބަލިކޮށްފި

ސާބާ ކަޕުގައި ރާއްޖޭން ނޭޕާލް ބަލިކޮށްފި

27 ޖޫން 2018

ފީބާ އޭޝިއާ ކަޕް ބާސްކެޓްބޯޅަ މުބާރާތުގެ ޕްރީ ކޮލިފައިންގެ ގޮތުގައި ކުޅޭ ސާބާ ކަޕުގައި ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން 63-60 ޕޮއިންޓުން މޮޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ފީބާ އޭޝިއާ ކަޕް ބާސްކެޓްބޯޅަ މުބާރާތުގެ ޕްރީ ކޮލިފައިންގެ ގޮތުގައި ކުޅޭ ސާބާ ކަޕުގައި ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން 63-60 ޕޮއިންޓުން މޮޅުވެއްޖެ އެވެ.

އެމެރިކާގެ ޖޯން ކޮފިނޯގެ ކޯޗުގެ ކަމުގެ ދަށުން ކުޅެ ރާއްޖޭން ނޭޕާލްގެ މައްޗަށް މި ހޯދި ކާމިޔާބީން ޓީމުގެ ކުރިއެރުން ވަޒަންކުރެވެ އެވެ. މިދިޔަ އަހަރު މާލޭގައި އޮތް މުބާރާތުގައި ނޭޕާލް އަތުން 59-61 ޕޮއިންޓުން ރާއްޖެ ބަލިވިއިރު 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވެސް ފަހު ވަގުތު ރާއްޖެ ބަލިވީ އެވެ.

މި މެޗުގައި ރާއްޖޭން އެންމެ މޮޅު ކުޅުމެއް ދެއްކީ ކެޕްޓަން ޒަކަރިއްޔާ އަބްދުއްލަތީފް (ޒަކިއްޓެ) އެވެ. އޭނާ 20 ޕޮއިންޓް ހޯދާފައިވެ އެވެ. ޓީމުގެ ވައިސް ކެޕްޓަނުންނަކީ އެއްބަނޑުއެއްބަފާ ދެބެން ކަމަށްވާ މުހައްމަދު ޒިލާލާއި އަހުމަދު ޒަބީރެވެ. ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންގެ ތެރޭގައި އިބްރާހިމް ރިޝްވާން (ޗިކު) އާއި އިސްމާއިލް ވިލްދާނާއި އަބްދުﷲ އަމްޒަރު މުހައްމަދާއި ރިޝްފާން ރަޝީދާއި ހުސެއިން ހަލީމް (ޗިކަނޭ) ފާހަގަކޮށްލެވެ އެވެ. ތަޖުރިބާކާރު ކުޅުންތެރިންގެ ތެރެއިން އަލީ ފަޒްލީ އާއި އަހުމަދު އަފްޝަން ފަދަ ކުޅުންތެރިން މި ފަހަރު ނުހިމެނެ އެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި މާދަމާ ބޫޓާނާ ވާދަކުރާއިރު ތިން ވަނަ މެޗުގައި ހުކުރު ދުވަހު ބައްދަލުކުރާނީ ސްރީ ލަންކާއާ އެވެ. އަދި ފަހު މެޗުގައި ހޮނިހިރު ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނާނެ އެވެ.

ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފީބާ އޭޝިއާ ކަޕުގެ ކޮލިފައިން ދެ ވަނަ ބުރުން ޖާގަ ލިބޭނެ އެވެ. އޭޝިއާގެ އެންމެ ބޮޑު ބާސްކެޓްބޯޅަ މުބާރާތުން ފުރުސަތު ލިބޭނީ އެ ބުރުން ކުރި ހޯދާ ޓީމުތަކަށެވެ.

މިދިޔަ އަހަރު މާލޭގައި ބޭއްވި ސާބާ ކަޕުގައި ނޭޕާލާއި ބަންގްލަދޭޝް އާއި އިންޑިއާ އަތުން ބަލިވިއިރު ފަހު މެޗުން ލަންކާ އަތުން މޮޅުވި އެވެ.