Roadha Mihaaru
ޒުވާން ކުޅުންތެރިންނާ މެދު ޒިލާގެ އުއްމީދު ބޮޑު!

ޒުވާން ކުޅުންތެރިންނާ މެދު ޒިލާގެ އުއްމީދު ބޮޑު!

09 ޑިސެމްބަރ 2019

މި ފަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށް އައިއިރު ވެސް މިއީ ގައުމީ ބާސްކެޓްބޯޅާ ޓީމުގެ ކެޕްޓަން މުހައްމަދު ޒިލާލް (ޒިލާ) ގައުމީ ޓީމަށް ކުޅެދޭ ފަހު މުބާރާތްކަން އޮތީ ޔަގީންވެފަ އެވެ. މެޑެއްޔަކާ އެކު ނިންމާލުމުގެ ނަސީބު ޒިލާ އަށް ނުލިބުނު ނަމަވެސް އޭނާ ދެކޭ ހުވަފެން ޒުވާން ކުޅުންތެރިން ކުރިމަގުގައި ހާސިލްކުރާނެ ކަމުގެ އުއްމީދު އޭނާ އަށް އެބައޮތެވެ.

އައްޒާމް އަލިފުޅު ކަތުމަންޑޫ އިން އައްޒާމް އަލިފުޅު

މި ފަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށް އައިއިރު ވެސް މިއީ ގައުމީ ބާސްކެޓްބޯޅާ ޓީމުގެ ކެޕްޓަން މުހައްމަދު ޒިލާލް (ޒިލާ) ގައުމީ ޓީމަށް ކުޅެދޭ ފަހު މުބާރާތްކަން އޮތީ ޔަގީންވެފަ އެވެ. މެޑެއްޔަކާ އެކު ނިންމާލުމުގެ ނަސީބު ޒިލާ އަށް ނުލިބުނު ނަމަވެސް އޭނާ ދެކޭ ހުވަފެން ޒުވާން ކުޅުންތެރިން ކުރިމަގުގައި ހާސިލްކުރާނެ ކަމުގެ އުއްމީދު އޭނާ އަށް އެބައޮތެވެ.

"އެންމެ އުއްމީދު ކުރި ގޮތަކަށް ނޫން މި ނިންމާލެވުނީ އެކަމަކު ވަރަށް ރަނގަޅަށް ޓީމުގައި ތިބި ކުޅުންތެރިން މިފަހަރު ކުޅުނު. އެއީ ފާހަގަކުރަންޖެހޭ ކަމެއް. ވަރަށް ޒަމާނީ ބާސްކެޓެއް މިހާރު މި އަންނަނީ ޒުވާން ކުޅުންތެރިންގެ ފަރާތުން. އެހެންވެ މި ބަލަނީ އަޅުގަނޑުމެންގެ ޖޫނިއާ ޕްލޭޔާސް އަޅުގަނޑުމެންގެ ބާސްކެޓްބޯޅަ ޓީމަށް ރަނގަޅު ނަތީޖާތަކެއް ރަނގަޅު ކާމިޔާބީތަކެއް ހޯދައިދޭނެ ކަމަށް،" ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ ބުންޏެވެ.

ގައުމީ ޓީމާއި ކްލަބް ލެވެލްގައި ވެސް ކުޅޭނެ ފަހު އަހަރުކަން ޒިލާ އިއުލާނުކުރީ މިދިޔަ އަހަރު ޑިސެމްބަރު މަހުގަ އެވެ. ޒިލާ ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވެސް ކުޅެފަ އެވެ. ޒިލާ ބުނީ މި އަހަރު ތެރޭގައި ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

މި ފަހަރުގެ ގޭމްސްގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝާ ދެކޮޅަށް ފިރިހެން ބާސްކެޓްބޯޅަ ޓީމު ކުޅުނު މެޗުގެ ގިނަ ވަގުތު ލީޑުގައި އޮތީ އެ ޓީމެވެ. ބަންގްލަދޭޝް އިން ހަތަރު ވަނަ ކުއާޓަރުގައި ރާއްޖެއާ އެއްވަރުކޮށް ނަތީޖާ އަނބުރާލި އިތުރަށް ކުޅުނު ކުއާޓަރުގަ އެވެ. އިއްޔެ ނޭޕާލުން ރާއްޖޭގެ މައްޗަށް ކުރިހޯދީ 62-76 އިންނެވެ.

ޒިލާ ބުނީ މި މުބާރާތުގައި ގިނަ ބަޔަކަށް ފާހަގަކުރެވުނު ކަމަކީ ޓީމުގެ ކުޅުން ރަނގަޅުކަން ކަމަށާއި ނަތީޖާ ނެރުމުގައި ގޯސްތަކެއް ހެދުނީ ކަމަށެެވެ.

"އައިއޯއައިޖީގައި ކުޅެފައި ސިންގަޕޫރާއި ޗައިނާގައި ޓްރެއިނިން ކޭމްޕް ފުރިހަމަކޮށްފައި ވަރަށް މަސައްކަތާ އެކު އައީ. ފުރަތަމަ މެޗުގައި (ބަންގްލަދޭޝް)އާ ދެކޮޅަށް ވަރަށް ކުދިކުދި މިސްޓޭކްސްއާ އެކު މެޗު ގެއްލުނީ. ދެން މިއަދު (އިއްޔެގެ ނޭޕާލް މެޗު) ސްކޯ ކޮންވާޓް ނުކުރެވުން މައްސަލަ އަކީ. ޕާފޯމަންސަށް ބަލާއިރު ރަނގަޅުކަން ވަރަށް ގިނަ ބަޔަކު ފާހަގަކުރޭ،" ޒިލާ ބުންޏެވެ.

ކުޅިވަރު ކުޅުމާއި، މީހުން ތަމްރީނު ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު 2016 ވަނަ އަހަރު ހާސިލްކޮށްފައިވާ ޒިލާލް ބާސްކެޓްބޯޅަ ކުޅެން ފެށީ މަޖީދިއްޔާ ސްކޫލުގައި ކިޔަވަމުން ދިޔަ ދުވަސްވަރެވެ. އިންޓަ ސްކޫލުން ވިދާލުމަށް ފަހު އޭނާ ކެރިއަރު ފެށީ 2002 ވަނަ އަހަރު ޔުނިޓުއާސް އިންނެވެ. ޖެހިގެން އައި އަހަރު ވިކްޓްރީ ސްޕޯޓްސް ކްލަބަށް ބަދަލުވެ ހަތް އަހަރު އެ ޓީމަށް ގިނަ ގިނަ ކާމިޔާބީތަކެއް ހޯދި އެވެ. އޭގެ ފަހުން އަލަށް އުފެދުނު ޓީރެކްސް ބީސީ އަށް ބަދަލުވެ އެ ޓީމާ އެކު ވެސް ރާއްޖޭގެ ހުރިހާ ކާމިޔާބެއް ހާސިލްކުރި އެވެ. އަދި މިހާރު ކުޅެމުން އަންނަ ކިންގްސްއާ ގުޅުމުގެ ކުރިން ރެޑްލައިން ކްލަބަށް ވެސް ކުޅެ ތަށި ހޯދައިދިނެވެ.

ހަވީރު ސްޕޯޓްސް އެވޯޑްސްގައި ހޮވަމުން އައި ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 2008، 2011 އަދި 2012 ވަނަ އަހަރު ހޯދި ޒިލާލް އަށް ނުލިބޭ ކްލަބް ފެންވަރުގެ އަދި އިންޑިވިޖުއަލް ކާމިޔާބެއް ނެތެވެ. ގައުމީ ޓީމާ އެކު ވެސް އޭނާ ކާމިޔާބީތަކެއް ހާސިލްކުރި އެވެ. އެގޮތުން 2011 ވަނަ އަހަރުގެ ސައުތު އޭޝިއަން ބީޗް ގޭމްސް އިން ރާއްޖޭން ލޯ މެޑަލް ހާސިލްކުރިއިރު އަދި 2016 ވަނަ އަހަރުގެ ސާބާ ޒޯންގެ ފީބާ އޭޝިއާ ޗެލެންޖްގެ ކޮލިފިކޭޝަންގައި ރިހި މެޑެލް ހޯދި ޓީމުގައި ހިމެނުނެވެ. އަދި 2013 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސާބާ ޗެމްޕިއަންޝިޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި އެވެ.

އުމުރުން 34 އަހަރުގެ ޒިލާގެ އަމާޒު ދެން ހުރީ ބާސްކެޓްބޯޅައިގެ ޑިވެލޮޕްމަންޓަށެވެ. އޭނާ އަންނަނީ ޒުވާން ކުޅުންތެރިން އުފައްދަން މަސައްކަތްތަކެއް ކުރަމުންނެވެ.

އިއްޔެގެ މެޗުގެ ތެރެއިން ރާއްޖޭގެ ކޯޗު ބެލްސަ. -- އެމްއޯސީ ފޮޓޯ: ހުސެއިން ވަހީދު

އިއްޔެގެ މެޗުގެ ތެރެއިން ރާއްޖޭގެ ކޯޗު ބެލްސަ. -- އެމްއޯސީ ފޮޓޯ: ހުސެއިން ވަހީދު

ފިރިހެން ޓީމުގެ ކޯޗު ކޯރީ އަލެކްސަންޑަ ބެލްސަ ބުނީ މި މުބާރާތުން ތަޖުރިބާތަކެއް ލިބިއްޖެ ކަމަށާއި ނަތީޖާ ނެރުމުގައި ދިމާވި މައްސަލަތަކަށް ހައްލެއް ހޯދުމަށް އެންމެން އެކުގައި މަސައްކަތްކުރާނެ ކަމަށެވެ. އަދި މި މުބާރާތަކީ ޒިލާގެ އިތުރުން އެހެން ބައެއް ސީނިއާ ކުޅުންތެރިންގެ ފަހު މުބާރާތް ކަމަށާއި ބޭނުންވީ އެ ކުޅުންތެރިންނަށް ވެސް ކާމިޔާބަކާ އެކު ވަކިވުމުގެ ފުރުސަތު ދޭން ކަމަށް ބެލްސަ ބުންޏެވެ.

"މިއީ އަހަރެމެންގެ ކެޕްޓަން (ޒިލާ)ގެ ފެއާވެލް އަދި އެހެން ބައެއް ސީނިއާ ކުޅުންތެރިންގެ ވެސް. އަހަރެެމެން ވަރަށް މަސައްކަތްކުރިން އެ ކުޅުންތެރިންނަށް މެޑެއްޔަކާ އެކު ވަކިވުމުގެ ފުރުސަތު ދޭން. އެކަން ނުވީ. ޔަގީނުން ވެސް މުސްތަގުބަލު ވަރަށް އުޖާލާކޮށް ފެންނަނީ. ބައެއް ކުޅުންތެރިން އެބަހުރި މުޅިން އަލަށް ގައުމީ ޓީމާ އެކު އައިސް މޮޅަށް ކުޅުނު،" ބެލްސަ ބުންޏެވެ.

އިއްޔެ ކުޅުނު މެޗުން ލަންކާ އަތުން މޮޅުވެ ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ވަނީ ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މުބާރާތެއްގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. މިއަދު ހަވީރު ރާއްޖެ ގަޑިން 4:15 ގައި ކުޅޭ ސެމީ ފައިނަލް މެޗުގައި އަންހެން ޓީމު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.