Roadha Mihaaru
އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ސްޓޭޝަނެއް ބަހައްޓައިފި

އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ސްޓޭޝަނެއް މާލޭގައި ބަހައްޓައިފި

02 ޖޫން 2023

އެމްޓީސީސީގެ އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ސްޓޭޝަނެއް މާލޭގައި އިއްޔެ ބަހައްޓައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެމްޓީސީސީގެ އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ސްޓޭޝަނެއް މާލޭގައި އިއްޔެ ބަހައްޓައިފި އެވެ.

މި ސްޓޭޝަންގެ ހިދުމަތް ފެށުމުގެ ގޮތުން އިއްޔެ ހަވީރު ހުޅުމާލެ ފެރީ ޓާމިނަލުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ. އެމްޓީސީސީން ބޭނުންކުރާ އިލެކްޓްރިކް ވެހިކަލް (އީވީ)ގެ މިނީ ބަހަށް ހާއްސަކޮށްގެން މި ސްޓޭޝަން ބެހެއްޓީ އެ ޓާމިނަލުގެ ގޯތިތެރޭގަ އެވެ.

މާލެ-ހުޅުމާލެ ފެރީ ޓާމިނަލުގައި ބެހެއްޓި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލެ-ހުޅުމާލެ ފެރީ ޓާމިނަލުގައި ބެހެއްޓި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ހިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި މި ޕްރޮޖެކްޓަށް އެހީތެރިކަން ދިން ޔޫއެންޑީޕީ އާއި ޖަޕާނު ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.

މިއީ އދ. ގެ "ކްލައިމެޓް ޕްރޮމިސް" ޕްރޮޖެކްޓްގެ ދަށުން ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ ބެލުމުގެ ދަށުން ކުރި މަސައްކަތެކެވެ. މި ޕްރޮޖެކްޓަށް ފަންޑުކުރީ ޖަޕާނު ސަރުކާރުންނެވެ.

އެމްޓީސީސީން ބުނި ގޮތުގައި، ކުރިއަށް އޮތް ތަނުގައި މި ކަހަލަ އިތުރު ޗާޖިން ސްޓޭޝަންތައް މާލެ ސަރަހައްދުގައި އެކި ތަންތަނުގައި ބަހައްޓަން ރޭވިފައިވެ އެވެ. ހުޅުމާލެ ފެރީ ޓާމިނަލުގައި ބެހެއްޓި ސްޓޭޝަނުން މިއަދުން ފެށިގެން ހިދުމަތް ލިބޭނެ އެވެ.

މާލޭގައި އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ސްޓޭޝަނެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭގައި އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ސްޓޭޝަނެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އިއްޔެގެ ރަސްމިއްޔާތުގައި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މިއީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެއިން ކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި މި މަސައްކަތުގައި ޔޫއެންޑީޕީ އާއި ޖަޕާނު ސަރުކާރުން ރާއްޖެއަށް ދިން އެއްބާރުލުމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

"މި ޕްރޮޖެކްޓު ނިމުމަކީ، 2030ގެ ކުރިން ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ވުމަށް ކުރާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއް. އަދި ރާއްޖޭގެ ވެށި ހިމާޔަތްކުރުމަށް އަޅުގަނޑުމެންނަށް އަދާކުރެވުނު ބޮޑު ޒިންމާއެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ޗާޖިން ސްޓޭޝަން ހުޅުއްވައިދެއްވުމަށް ފަހު، މިނިސްޓަރު ނަހުލާ އާއި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިސްވެރިން އިލެކްޓްރިކް މިނީ ބަހެއް އެތަނުން ޗާޖުކޮށް، މާލޭގައި ދަތުރުކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްޓީސީސީން މާލެ ސަރަހައްދުގައި ދެމުން އަންނަ އާރުޓީއެލް ބަހުގެ ހިދުމަތުގައި އިލެކްޓްރިކް ބަސްތައް ބޭނުންކުރެ އެވެ.

ޗާޖިން ސްޓޭޝަން ހުޅުއްވައިދެއްވުމަށް ފަހު، ރަސްމިއްޔާތުގައި ބައިވެރިވި އިސްވެރިން ވަނީ އިލެކްޓްރިކް މިނީ ބަހެއް އެތަނުން ޗާޖުކޮށް، މާލޭގައި ދަތުރުކޮށްފަ އެވެ.