Roadha Mihaaru
ފެރީ ޓާމިނަލާއި ސެނަހިޔާ ކައިރިއަށް ބަސް މަޑުކުރަނީ

ފެރީ ޓާމިނަލާއި ސެނަހިޔާ ކައިރީގައި ބަސް ސްޓޮޕް ހަދަނީ

11 އެޕްރީލް 2019

މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލާއި ސެނަހިޔާ ހޮސްޕިޓަލް ކައިރީގައި އާ ބަސް ސްޓޮޕްތަކެއް ހަދައި އާ ރޫޓެއް ފަށަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލާއި ސެނަހިޔާ ހޮސްޕިޓަލް ކައިރީގައި އާ ބަސް ސްޓޮޕްތަކެއް ހަދައި އާ ރޫޓެއް ފަށަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފި އެވެ.

އެމްޕީއެލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރޯދަ މަސް ފެށުމުގެ ކުރިން އާ ބަސް ސްޓޮޕްތައް ހަދައި ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށެވެ. ހުޅުމާލެ އިން މާލެ އަށް ކުރާ ބަސް ދަތުރުތަކުގައި މާލޭ ފެރީ ޓާމިނަލް ކައިރިއަށް މަޑުނުކުރެވޭތީ އާއްމުންގެ ޝަކުވާ ބޮޑެވެ.

އެމްޕީއެލްގެ ބަސް ދަތުރުތައް މިހާރު ހަމަޖައްސާފައި ވަނީ ހުޅުމާލެއިން ފެށިގެން މާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި ހަދާފައިވާ ބަސް ޓާމިނަލާއި ބަސް ސްޓޮޕްތަކަށެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ދަތުރުތައް އިތުރަށް ފަސޭހަކޮށް ދިނުމަށް ހަދާ އާ ރޫޓަށް ބޭނުން ކުރަން ނިންމާފައި ވަނީ އާ ބަސްތަކެކެވެ. ދަތުރުގައި ކޮޅަކަށް ނަގާނީ 10ރ. ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުޅުމާލެ އިން ބަސް އައިސް އެންމެ ފުރަތަމަ މަޑުކުރާނީ ސެނަހިޔާ ކައިރީގައި ހަދާ ބަސް ސްޓޮޕަށް. ދެން ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި ހަދާ ބަސް ސްޓޮޕުން މީހުން އަރުވައިގެން އަނެއްކާ ވެސް އަނބުރާލާފައި ދާނީ ސެނަހިޔާ ކައިރީގައި ހަދާ ސްޓޮޕަށް. ދެން އެތަނުން މީހުން ނަގައިގެން ދާނީ ހުޅުމާލެއަށް،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ބަހުގެ ދަތުރުތަަކަށް އާ ރޫޓެއް ފަށަނީ ގިނަ ބައެއްގެ އެދުމުގެ މަތިންނެވެ.

އެމްޕީއެލުން ފެށި މާލެ-ހުޅުމާލޭގެ ބަހުގެ ދަތުރުތައް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އެމްޓީސީސީގެ ދަށަށް މި ފަހުން ބަދަލުކޮށްފަ އެވެ.