Roadha Mihaaru
މާލެ-ހުޅުމާލެ ބަސް އަވަށު ތެރެއަށް

މާލެ-ހުޅުމާލެ ބަސް އަވަށު ތެރެއަށް

28 ނޮވެމްބަރ 2018

މާލޭގެ ބަސް ޓާމިނަލުން ހުޅުމާލެއަށް ދަތުރުކުރާ ބަސްތައް، ހުޅުމާލޭގައި މީހުން ދިރިއުޅޭ ސަރަހައްދާ ހަމައަށް ބޭއްވުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލޭގެ ބަސް ޓާމިނަލުން ހުޅުމާލެއަށް ދަތުރުކުރާ ބަސްތައް، ހުޅުމާލޭގައި މީހުން ދިރިއުޅޭ ސަރަހައްދާ ހަމައަށް ބޭއްވުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސިނަމާލެ ބްރިޖު ހުޅުވުމާ އެކު، އެމްޕީއެލްއިން ފެށި ބަސް ދަތުރުތައް މިހާރު ކުރަނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި ހަދާފައިވާ ބަސް ޓާމިނަލުން ފެށިގެން ހުޅުމާލެއަށް އަރާ ހިސާބުގައި ގާއިމް ކޮށްފައިވާ ބަސް ޓާމިނަލާ ހަމައަށެވެ. ހުޅުމާލޭގެ ތެރެއަށް ދާން ބޭނުން ނަމަ އިތުރު ބަހެއް ބޭނުންކުރަން ޖެހެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ، ބަހުގެ ޚިދުމަތަށް އަލަށް ގެންނަ ބަދަލާ އެކު، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ބަސް އެ އަވަށުގެ ނިރޮޅުމަގު [ހުޅުމާލޭގެ ބޮޑުމަގު] ނިމޭ ހިސާބަށް ދަތުރުކުރާނެ ކަމަށެވެ.

"ދެން އެންޓްރީ ސްޓޮޕްގައި މަޑެއް ނުކުރާނެ. ނެއިބާހުޑްގެ ތެރެއަށް ވަދެގެން ގޮސް ނިރޮޅުމަގު އެއްކޮށް ކަވާ ކުރާނެ. ނިރޮޅުމަގު އެއްކޮށް ކަވާ ކުރީމާ ހުޅުމާލެ ދާ މީހަކަށް ކޮންމެ ފަރާތަކަށް ދިޔަސް އެކްސެސް ވެވޭނެ،" ރަފީއު ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަފީއު ވާހަކަ ދައްކަވަނީ-- ފޮޓޯ: ޓްރާންސްޕޯޓް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަފީއު ވާހަކަ ދައްކަވަނީ-- ފޮޓޯ: ޓްރާންސްޕޯޓް

އޭނާ ވިދާޅުވިގޮތުގައި މާލެއިން ހުޅުމާލެއަށް ކުރާ ބަސް ދަތުރުތަކަށް ބަދަލު ގެނައުމަށްޓަކައި ޕްލޭން ވަނީ އެކުލަވާލައި ނިމިފަ އެވެ. އަދި މި ހަފްތާ ނިމުމުގެ ކުރިން އެބަދަލު ގެންނާނެ ކަމަށް ރަފީއު ވިދާޅުވި އެވެ. އެއީ ދާއިމީކޮށް ގެންނަ ބަދަލެއް ކަމަށާއި ނަމަވެސް މީހުންގެ ހިޔާލަށް ބަލައި ފަހުން ވެސް ބަދަލު ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބަދަލު ގެނައުމަކީ މި ސަރުކާރުގެ ފުރަތަމަ މަސް ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ، މާލޭގައި ބަހުގެ ހިދުމަތް ފަށަން ނިންމާފައިވާއިރު، މާލެއަށް ހާއްސަކޮށް ބަސްތަކެއް ގެނައުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެއީ މިހާރު ބޭނުންކުރާ ބަސްތަކަކީ ބޮޑެތި ބަސްތަކަކަށް ވުމުން މާލޭގައި ދުއްވަން ދަތިވާނެތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.