Roadha Mihaaru
ތިން ތަށި ހޯދުން ވާނީ އާދަޔާ ހިލާފުކަމަކަށް: ހާލަންޑް

ބޮޑު ތިން މުބާރާތުގެ ތަށި ހޯދުން ވާނީ އާދަޔާ ހިލާފުކަމަކަށް: ހާލަންޑް

02 ޖޫން 2023

މެންޗެސްޓާ (ޖޫން 2) - މެންޗެސްޓާ ސިޓީއާ އެކު މި ސީޒަނުގައި ބޮޑު ތިން މުބާރާތުގެ ތަށި ވާނީ އާދަޔާ ހިލާފު ކާމިޔާބަކަށް ކަމަށް އެ ޓީމުގެ ފޯވާޑް، އާލިން ބްރައުޓް ހާލަންޑް ބުނެފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

މެންޗެސްޓާ (ޖޫން 2) - މެންޗެސްޓާ ސިޓީއާ އެކު މި ސީޒަނުގައި ބޮޑު ތިން މުބާރާތުގެ ތަށި ވާނީ އާދަޔާ ހިލާފު ކާމިޔާބަކަށް ކަމަށް އެ ޓީމުގެ ފޯވާޑް، އާލިން ބްރައުޓް ހާލަންޑް ބުނެފި އެވެ.

މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށް ސިޓީން މިހާރު އަންނަނީ އިނގިރޭސި އެފްއޭ ކަޕާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ތައްޔާރުވަމުންނެވެ. އެފްއޭ ކަޕްގެ ފައިނަލުގައި މާދަމާ ރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެ އެވެ. ޗެމްޕިއަންސް ލީގު ފައިނަލުގައި ޖޫން 10 ވަނަ ދުވަހު ވާދަކުރާނީ އިޓަލީގެ އިންޓަ މިލާނާ އެވެ.

އިނގިރޭސި ފުޓްބޯޅައިގައި އެއް ސީޒަނެއްގައި ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބު ކުރެވުނީ ހަމައެކަނި މެންޗެސްޓާ ޔުނައިޓެޑަށެވެ. މީގެ 24 އަހަރު ކުރިން 1999 ވަނަ އަހަރު އަލެކްސް ފާގަސަންގެ ކޯޗުކަމުގައި ހޯދި ކާމިޔާބީ، އިނގިރޭސި އެހެން ކްލަބަކަށް އަދި ތަކުރާރެއް ނުކުރެވެ އެވެ.

"ތިން ތަށި ހޯދުން ވާނީ އާދަޔާހިލާފު ކަމަކަށް. އެ ހުވަފެން ހަގީގަތަކަށް ހެދުމަށް އަހަރެންނަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރާނަން" ނޯވޭ އަށް އުފަން 22 އަހަރުގެ ފޯވާޑް ބުންޏެވެ.

އިނގިރޭސި ފުޓްބޯޅައިގައި ކާމިޔާބީ ހޯދި ނަމަވެސް، ސިޓީ އަށް އަދި ޗެމްޕިއަންސް ލީގު ކާމިޔާބެއް ނުކުރެވެ އެވެ. ޔޫރަޕްގައި އެޓީމަށް ލިބުނު ހަމައެކަނި ކާމިޔާބީ އަކީ 1970 ވަނަ އަހަރު ޔޫރަޕިއަން ކަޕް ވިނާސް ކަޕް ހޯދުމެވެ. ޗެމްޕިއަންސް ލީގު ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރު 2021 އަހަރު ޗެލްސީ އަތުން ބަލިވީ އެވެ.

"ސިޓީ އިން އަހަރެން ގެނައީ އެ ކާމިޔާބީ ހޯދަން. އެކަމަކު ފައިނަލްތައް ފަސޭހައެއް ނުވާނެ. ވާދަކުރަން މި ޖެހެނީ މޮޅު ދެ ޓީމާ. އެ ޓީމުތަކުން މަސައްކަތްކުރާނެ ސިޓީގެ ކުޅުން ހަލާކުކޮށްލަން" ހާލަންޑް ބުންޏެވެ.

"ޗުއްޓީ އަށް ދިއުމުގެ ކުރިން މިވަގުތު ހުރިހާ ސަމާލުކަމެއް ހުރީ މި ދެ މެޗަށް."

ސިޓީގައި ހޭދަކުރާ ފުރަތަމަ ސީޒަނުގައި ހާލަންޑް ވަނީ 52 ގޯލު މިހާތަނަށް ޖަހައިފަ އެވެ. ޕްރިމިއާ ލީގުގައި ހާލަންޑް ޖެހި 36 ގޯލަކީ ރެކޯޑެކެވެ. މީގެ ކުރިން އެ އަދަދަށް އެއް ސީޒަންގައި އެހެން ކުޅުންތެރިޔަކަށް ޖެހިފައެއް ނެތެވެ. ހާލަންޑް ވަނީ އިނގިރޭސި ފުޓްބޯލް ރައިޓާސް އެވޯޑާއި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އަދި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ވެސް މި ސީޒަނުގައި ހޯދައިފަ އެވެ.