Roadha Mihaaru
ތުރުކީގެ ކާމިޔާބު އިކޮނޮމިސްޓް އުރުދުޣާންގެ ކެބިނެޓަށް

ތުރުކީގެ އެންމެ ކާމިޔާބު އިކޮނޮމިސްޓް އުރުދުޣާންގެ ކެބިނެޓަށް

04 ޖޫން 2023

އަންކާރާ (ޖޫން 4) - ތުރުކީގައި އެންމެ ކާމިޔާބު އިކޮނޮމިސްޓްގެ ގޮތުގައި މަޝްހޫރު ވެފައިވާ މެހްމެތު ސިމްސެކް، އެ ގައުމުގެ ރައީސްކަމުގެ އާ ދައުރަކަށް އިއްޔެ ހުވާ ކުރެއްވި، ރަޖަބް ތޮއްޔިބު އުރުދުގާންގެ ކެބިނެޓަށް އައްޔަން ކޮށްފި އެވެ.

އަންކާރާ (ޖޫން 4) - ތުރުކީގައި އެންމެ ކާމިޔާބު އިކޮނޮމިސްޓްގެ ގޮތުގައި މަޝްހޫރު ވެފައިވާ މެހްމެތު ސިމްސެކް، އެ ގައުމުގެ ރައީސްކަމުގެ އާ ދައުރަކަށް އިއްޔެ ހުވާ ކުރެއްވި، ރަޖަބް ތޮއްޔިބު އުރުދުގާންގެ ކެބިނެޓަށް އައްޔަން ކޮށްފި އެވެ.

މީގެ ކުރިން ވެސް އުރުދުޣާންގެ ސަރުކާރުތަކުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ސިމްސެކް އަށް އުރުދުޣާން މި ފަހަރު ވަނީ ބޮޑެތި ބާރުތަކެއް ދެއްވައިފަ އެވެ. އޭނާ އަށް ފިނޭންސް މިނިސްޓްރީގެ އިތުރުން ޓްރެޝަރީއާ ގުޅޭ މަސައްކަތްތައް ވެސް ހަވާލުކުރެއްވި އެވެ. ބައިނަލްއަގްވާމީ މާލީ އިދާރާއެއްގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވުމުން މިދިޔަ ދެ ތިން އަހަރު އޭނާ ހުންނެވީ ސިޔާސީ ކަންތަކާ ދުރުގަ އެވެ.

ސިމްސެކް ވަނީ 2009-2015 އާ ދެމެދު ފިނޭންސް މިނިސްޓަރުކަން ކުރައްވައިފަ އެވެ. ކުރިން ބަރުލަމާނީ ނިޒާމެއް އޮތް އިރު 2018 ވަނަ އަހަރާ ހަމައަށް ޑެޕިއުޓީ ޕްރައިމް މިނިސްޓަރުގެ ހައިސިއްޔަތުން ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުތައް ހިންގެވީ ވެސް އޭނާ އެވެ. ސިމްސެކް ފާހަގަ ކުރެވިފައި ވަނީ އިންވެސްޓަރުންގެ ވަރަށް ބޮޑު އިހުތިރާމެއް ލިބިވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގަ އެވެ.

ކުރިން ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިރު އޭނާގެ މާލީ ސިޔާސަތުގެ ސަބަބުން ތުރުކީގެ އިގްތިސޯދު ކޮޅަށް ނެގުމަށް ބޮޑު އެހީ އަކަށް ވި އެވެ. އެގޮތުން 2008 ގައި މުޅި ދުނިޔެ އަށް ކުރިމަތިވި މާލީ ދަތިކަމުން އެންމެ އަވަހަށް އަރައިގަތް ގައުމުތަކުގެ ތެރޭގައި ތުރުކީ ހިމެނުމެވެ. އޭނާ ތައާރަފް ކުރި ބައެއް ކަންތައްތަކުގެ ތެރޭގައި ޓެކްލްސް އޮޑިޓް ބޯޑާއި ޓެކްސް ޕޭޔަރުންގެ ހައްގުތަކާއި ޓެކްސް ގެ ނިޒާމު ރެގިއުލޭޓް ކުރުމަށް ގެނައި ބަދަލުތައް ފާހަގަ ކުރެވެ އެވެ.

ތިން ވަނަ ރިޔާސީ ދައުރުގެ ހުވާ އިއްޔެ ކުރެއްވި އުރުދުޣާން ވަނީ ކުރީގެ ކެބިނެޓްގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ހެލްތު މިނިސްޓަރާއި ޓުއަރިޒަމް މިނިސްޓްރު ފިޔަވައި ކެބިނެޓްގެ ހުރިހާ މެންބަރުން ބަދަލުކޮށްފަ އެވެ.

ކެބިނެޓަށް އުރުދުޣާން ގެންނެވި ފާހަގަ ކުރެވޭ އެންމެ ބޮޑު ބަދަލަކީ ތަޖުރިބާކާރު ޑިޕްލޮމެޓް މެވްލޫޓް ޗަވުޝޮގްލޫގެ ބަދަލުގައި ގިނަ ދުވަސްތަކެއް ވަންދެން ތުރުކީގެ ޖާސޫސީ އިދާރާގެ އިސްވެރިޔެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ހަކާން ފިޑާން ހާރިޖީ ވަޒީރުކަމަށް ހަމަޖެއްސުމެވެ. މިއީ، އުރުދުޣާންގެ ކުރިއަށް އޮތް ދައުރުގައި ތުރުކީގެ ހާރިޖީ ސިޔާސަތަށް ބޮޑު ބަދަލެއް އަތުވެދާނެ ކަމުގެ އަލާމާތެކެވެ.