Roadha Mihaaru
ޓިކްޓޮކް ލައިވްއެއްގައި އެހީގެ ގޮތުގައި 50،000ރ.

ޓިކްޓޮކް ސަމާގެ ލައިވްއެއްގައި އެހީ ބޭނުންވާ ކުއްޖަކަށް 50،000ރ.

05 ޖޫން 2023

ޓިކްޓޮކްގައި މަޝްހޫރު ދިވެއްސެއް ކަމަށްވާ މަރިޔަމް ސަމާ ޝަރީފްގެ ޓިކްޓޮކް ލައިވްއެއްގައި ކުޑަކުއްޖެއްގެ އޮޕަރޭޝަނަކަށް 50،000 އަށް ގިނަ ރުފިޔާ ހޯދައި ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޓިކްޓޮކްގައި މަޝްހޫރު ދިވެއްސެއް ކަމަށްވާ މަރިޔަމް ސަމާ ޝަރީފްގެ ޓިކްޓޮކް ލައިވްއެއްގައި ކުޑަކުއްޖެއްގެ އޮޕަރޭޝަނަކަށް 50،000 އަށް ގިނަ ރުފިޔާ ހޯދައި ދީފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ސަމާ މި ލައިވް ބޭއްވީ ބޮލުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ތިން އަހަރުގެ ކުޑަކުއްޖެއް ކަމަށްވާ ޔޫސުފް ހާމިދު މުހައްމަދަށް ފަންޑްރެއިޒްކުރުމަށެވެ. ކޮންމެ ދުވަހަކު ވެސް އެތައް ހާސް ބަޔަކު ބަލާ ސަމާގެ ލައިވްގައި އެ ރޭ އޭނާއެކު، ޔޫސުފްގެ މައިންބަފައިން ވެސް ބައިވެރިވި އެވެ.

ލައިވް ފެށިތާ 30 މިނެޓުގެ ތެރޭގައި ވަނީ 30،000ރ. ލިބިފަ އެވެ. އަދި ގަޑިއެއްހާއިރަށް ދެމިގެން ދިޔަ ލައިވް އެއްކޮށް ނިމުނުއިރު، 56،000ރ. ލިބިފައިވެ އެވެ. އެ ލައިވްގެ ތެރެއިން އެ ފައިސާ ޔޫސުފްގެ މައިންބަފައިންގެ އެކައުންޓަށް ސަމާ ޖަމާ ވެސް ކޮށްދިނެވެ.

ޔޫސުފްގެ މަންމަ އާއިޝަތު އާޝިދާ "މިހާރު"ގެ "ދޯ" މެގަޒިން އަށް ކުރިން ކިޔައިދީފައިވާ ގޮތުގައި، ސެޕްޓެމްބަރު 23، 2019 ގައި ސިޒޭރިއަން ހަދައިގެން ޔޫސުފް ނެގީ ބަނޑަށް ހަތް މަހުގަ އެވެ. އަދި ދަރިފުޅު ނެގިތާ މާ ގިނަ ދުވަސްތަކެއް ނުވެ، ބޯ މާ ބޮޑަށް ބޮޑުވާން ފެށި އެވެ. ޑޮކްޓަރުން ހެދި ޓެސްޓުތަކުން އެނގުނީ ދަރިފުޅުގެ ބޯ އާދަޔާ ހިލާފަށް ބޮޑުވަމުންދާ ކަމެވެ.

"ޔޫސުފް ނެގިއިރު ޔޫސުފްގެ އެއްވެސް [ގުނަވަނެއް] މަސައްކަތެއް ނުކުރޭ. [ދުނިޔޭގައި ހުންނާނެކަމުގެ] އެހާ އުއްމީދެއް ވެސް ނެތް، ހަމަ ފުރާނަ ހުރިކަން އެކަނި،" ކުރިން ދިން އިންޓަވިއުގައި އާޝިދާ ބުނެފައިވެ އެވެ.

ޔޫސުފް، އޭނާގެ މަންމަ އައިޝަތު އާޝިދާ އަދި ބައްޕަ ހާމިދު މުހައްމަދުއާއެކު.

ޔޫސުފް، އޭނާގެ މަންމަ އައިޝަތު އާޝިދާ އަދި ބައްޕަ ހާމިދު މުހައްމަދުއާއެކު.

ޔޫސުފަކީ، އަލަށް އުފަންވާ ކުދިންގެ މެދުގައި އެހާ އާންމު ނޫން ސިއްހީ މައްސަލައެއް ކަމަށްވާ ކޮންޖެނިޓަލް ހައިޑްރޯސިފަލުސް ހުންނަ ކުއްޖެކެވެ. މި މައްސަލަ ހުންނަ ކުދިންގެ ބޯ އާދަޔާ ހިލާފަށް ބޮޑުވަނީ، ކުއްޖާ ހެދިބޮޑުވަމުން އަންނައިރު ސިކުނޑީގައި މާ ގިނައިން ފެން ހެދޭތީ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އުފަންވާ ކޮންމެ 90،000 ކުއްޖަކުން އެއް ކުއްޖަކަށް މި ހާލަތު ދިމާވުމުގެ ފުރުސަތު އޮވެ އެވެ. އަދި ރާއްޖޭގައި ވެސް މީގެ ކުރިން މަދުމަދުން މި ކަހަލަ ކޭސްތައް ފެނިފައި އެބަހުއްޓެވެ.

ސަމާގެ ޓިކްޓޮކް ލައިވްގައި ޔޫސުފްގެ މައިންބަފައިން ބުނި ގޮތުގައި، މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ދަރިފުޅު ވަނީ އަށް ސާޖަރީއެއް ކޮށްފަ އެވެ. ބޯލުގެ މައްސަލާއިގެ އިތުރުން ކުއްޖާގެ ލޮލުގެ ފެނުމަށް ވެސް މިހާރު އަސަރުކުރަމުންދާ ކަމަށް އެ މީހުން ބުންޏެވެ.

އެހެންވެ، ކުއްޖާގެ ފަރުވާ އަށް އިތުރު އެހީ އަދިވެސް ބޭނުންވެ އެވެ.