Roadha Mihaaru
މަޖިލިސް ހުއްޓުވީ އީވާގެ މައްސަލަ ނަގުވަން

މަޖިލިސް ހުއްޓުވާފައިވާ ބާއްވަނީ އީވާގެ މައްސަލަ ނަގުވަން: ނިހާދު

06 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ހުރަސްއަޅައި، ހުއްޓުވާފައި ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަ އަނބުރާ ގެންދަން ސަރުކާރު އަދި އެމްޑީޕީ އަށް ޕްރެޝަރު ކުރުމުގެ ގޮތުން ކަމަށް ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ހުރަސްއަޅައި، ހުއްޓުވާފައި ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަ އަނބުރާ ގެންދަން ސަރުކާރު އަދި އެމްޑީޕީ އަށް ޕްރެޝަރު ކުރުމުގެ ގޮތުން ކަމަށް ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

ދެކުނުގެ އިން ވަކި ކުރުމުގައި ސަރުކާރުން ގޯސް ހަދާފައިވާ ކަމަށް ބުނެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލަ އިއްޔެ އާއި މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްގެން ވެސް ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ. އެ މައްސަލަ ހުށަހެޅި ފަރާތްތަކުން ތަފާތު އެކި ކަންކަން ކުރިމަތިކުރުމުން ދެ ދުވަސް ވެސް ބޭކާރު ވެގެން ދިޔައީ މަޖިލިހުގެ ނިޒާމު ގެއްލުމުންނެވެ. ދެ ދުވަހުގެ ޖަލްސާ ވެސް ވަކި ހިސާބަކުން ހުއްޓާލަން ޖެހުނީ މަޖިލިހުގެ ނިޒާމު ގެއްލި، ރިޔާސަތަށް ކޮންޓްރޯލް ގެއްލުމުންނެވެ.

މިއަދުގެ ޖަލްސާގައި އެ މައްސަލަ ފެށުމުގެ ކުރިން، ރިފްއަތު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ، ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް އިމްތިޔާޒުގެ މައްސަލައެއް ހުށަހެޅުއްވުމުން މަސްރަހު އިތުރަށް ހޫނުވެ، މަޖިލިސް ޑެޑްލޮކަށް ގޮސްފައިވާ ކަމަށް ވަނީ ބެލެވެން ފަށައިފަ އެވެ.

އިދިކޮޅު މެމްބަރުން ބުނަނީ، އިމްތިޔާޒްގެ މައްސަލަ ނުނިންމައި، އިތުބާރުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަނެއްކޮޅުން ސަރުކާރަށް ތާއީދުކުރާ މެމްބަރުން ބޭނުންވަނީ އޭޖީގެ މައްސަލަ ނުނިންމައި އެޖެންޑާގެ އިތުރު މަސައްކަތެއް ނުކުރާށެވެ. އެއާއެކު، ދެ ފަރާތުން އަޑުގަދަކޮށް، އިހުތިޖާޖު ކުރާތީ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ނިޒާމު ވެސް ގެއްލި، ހެނދުނުގެ ސައި ގަޑިއަށްފަހު ޖަލްސާ ވަނީ ނިންމާލައިފަ އެވެ.

އެކަމާ ގުޅުވައި، ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންނާ ގުޅުންހުރި އެތައް ބިލަކާއި ގަރާރެއް ނިންމަން ޖެހޭއިރު، މަޖިލިސް ހުއްޓުވާފައި ބޭއްވުމަކީ ދެރަ ކަމެއް ކަމަށެވެ. އީވާއާ އެކު، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ 13 މެމްބަރަކު އެމްޑީޕީން ވަކިވުމާ ގުޅިގެން، ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ވެސް ހުއްޓުވާފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

"އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނުނަގާހާ ހިނދަކު މަޖިލިސް ކުރިއަށް ނުގެންދާނެ ކަމަށް ބުނުމަކީ ވަރަށް ހުދުމުހުތާރު ކަމެއް،" އެކަމުގެ ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔިތުންނަށް ކަން ފާހަގަކުރައްވައި ނިހާދު ވިދާޅުވި އެވެ.

އެމްޑީޕީގެ ސްލޮޓެއްގައި މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނަވާ އީވާ އެ މަގާމުން ވަކިކުރަން ހުށަހެޅީ، މިހާރު ޕާޓީން ވަކިވެފައިވާތީ ކަމަށް އެ ޕާޓީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އީވާގެ މައްސަލަ މަޖިލީހުން އެޖެންޑާކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހަށެވެ.