Roadha Mihaaru
ނައިބު ރައީސްކަމުން އީވާ ވަކިކުރަން ސޮއި ހަމަކޮށްފި

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރަން އެމްޑީޕީން ސޮއި ހަމަކޮށްފި

12 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކި ކުރަން އިތުބާރު ނެތް ކަމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ބޭނުންވާ އަދަދަށް އެމްޑީޕީން ސޮއި ހަމަކޮށްފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކި ކުރަން އިތުބާރު ނެތް ކަމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ބޭނުންވާ އަދަދަށް އެމްޑީޕީން ސޮއި ހަމަކޮށްފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން އެމްޑީޕީން ހުށަހަޅާފައިވާ ގަރާރު މިއަދު ދެ ޖަލްސާ ބާއްވައިގެން ކުރިއަށް ގެންދެވޭ ގޮތް ނުވުމުން، އީވާ ވަކިކުރުމުގެ ގަރާރެއް ވެސް މަޖިލީހަށް ވައްދަން ސޮއި ހަމަވެފައިވާ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވި އެވެ.

އެކަމަކު އެ ގަރާރުގައި އިތުރު މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް އަދިވެސް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސެކޭ އެއް ގޮތަށް، މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ވެސް ހުށަހެޅޭނީ މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާ އެކު އެވެ.

ނަޝީދު މަގާމުން ވަކި ކުރަން އެމްޑީޕީގެ 49 މެމްބަރުންގެ ސޮއި އާ އެކު ހުށަހަޅާފައިވާ ގަރާރު ފަސް ފަހަރެއްގެ މަތިން އެޖެންޑާކޮށްގެން ވެސް ކުރިއަށް ނުގެންދެވުނީ އީވާ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ އެ ޖަލްސާތަކަށް ސަލާން ފޮނުއްވުމުންނެވެ. އޭރު މަޖިލީހުގެ އިދާރާއިން ނިންމާފައި އޮތީ، މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތަށް، މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާގެ ރިޔާސަތު އިންނަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ.

އެކަމާ ހިތްހަމަނުޖެހިގެން، ގަވާއިދު މާނަކޮށްދޭން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ވަނީ އީވާ ނެތަސް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ މެމްބަރުންނަށް އެފަދަ ޖަލްސާއެއްގެ ރިޔާސަތު ވެސް ބެލެހެއްޓޭނެ ކަމަށެވެ.

އެއާ އެކު، ނަޝީދުގެ ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކުރުމުން، ޑިމޮކްރެޓްސް މެމްބަރުން ވަނީ އެ ގަރާރު ހުށަހަޅާފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ޖަލްސާ ކުރިއަށް ގެންދަން ހުރަސްއަޅުއްވައިފަ އެވެ. އެ ޖަލްސާއަށް އީވާ އަނެއްކާ ވެސް ސަލާން ވިދާޅުވެފައިވާތީ، ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު ހަސަން އަފީފް ވަނީ އެކަން ބަލައިގަންނަވައި، ގަވާއިދާ ހިލާފު ގަރާރެއް ކަމަށް ކަނޑައަޅުއްވައި، އެ ގަރާރު އަލުން ހުށަހަޅަން އަންގަވައިފަ އެވެ.

އަފީފް ޖަލްސާ ނިންމައިލައްވަން އުޅުއްވުމުން، މަޖިލީހުގެ އަމީންއާންމު ވަނީ އެ ކަން އެގޮތަށް ނުކުރެވޭނެ ކަމަށް ލަފާ ދެއްވާފައިކަން އެނގިފައި ވެ އެވެ. އަދި އެ ނިންމުން ގޯސްކަމަށް ގަބޫލުކުރެވޭތީ، މަޖިލީހުގެ އިދާރާއިން ވަނީ އިތުރު ޖަލްސާއެއް މިއަދު ހެނދުނު ތާވަލުކޮށް، ނަޝީދުގެ ގަރާރު އަލުން އެޖެންޑާކޮށްފަ އެވެ.

ނަމަވެސް، 11 ޖެހިއިރު ބޭއްވި އެ ޖަލްސާގެ ރިޔާސަތާ އީވާ ހަވާލުވެވަޑައިގެން ވަނީ، ނަޝީދު ވަކިކުރުމުގެ ގަރާރު ބޭރުކޮށްފައިވާ ކަމަށް ކަނޑައަޅުއްވައި، ޖަލްސާ ނިންމަވާލައްވައިފަ އެވެ.

އެކަމާ ގުޅިގެން، އަފީފާއި އީވާ، މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް އިމްތިޔާޒާއި ސުލޫކު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

އަދި ކޮމިޓީގެ މިއަދުގެ ޖަލްސާގައި ވަނީ ނަޝީދުގެ އިތުބާރުނެތް ކަމުގައި މައްސަލައިގެ ރިޔާސަތުގައި ޑިމޮކްރެޓްސްގެ އެއްވެސް މެންބަރަކު ނުތިބެވޭނެ ގޮތަށް އެދުމަށް ވެސް ނިންމައިފަ އެވެ.

އެގޮތަށް އެދުމުން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ހޯދުމަށް ބަންޑާރަ ނައިބުގެ ލަފައެއް ހޯދުމަށް އާންމު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.