Roadha Mihaaru
އާންމު ކޮމިޓީގެ ބައްދަލުވުމަކަށް އެމްޑީޕީން ގޮވާލައިފި

ކޮމިޓީ ނުހުއްޓޭ، އީވާގެ މައްސަލަ ކުރިއަށް ގެންދަންޖެހޭ: އެމްޑީޕީ

08 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ އާންމު ކޮމިޓީ ހުއްޓޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެހެންވެ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ގޮވާލައްވައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ އާންމު ކޮމިޓީ ހުއްޓޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެހެންވެ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ގޮވާލައްވައިފި އެވެ.

މަޖިލީހުގައި އަޣުލަބިއްޔަތު އޮތް އެމްޑީޕީން ވަނީ މަޖިލިހުގެ ނައިބު ރައީސް އީވާ މަގާމުން ދުރުކުރުމުގެ މައްސަލައެއް 50 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހަޅައިފަ އެވެ. އެކަމާ ގުޅިގެން ގަވައިދުގައި ބުނާ 14 ދުވަހުގެ ނޯޓިހުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވާތީ، އެ ދުވަހަށް އޮތީ އެ މައްސަލަ ކުރިން އެޖެންޑާ ކޮށްފަ އެވެ.

ނަމަވެސް މައްސަލަ ހުށަހެޅުއްވި މެމްބަރަށް، މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ޕާޓީތައް އެކުލެވިގެންވާ ގޮތަށް އައި ބަދަލާ އެކު، ދާއިމީ ކޮމިޓީތައް އަދިވެސް އެކުލަވާލާފައި ނުވާތީ، މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރުމުގެ ގަރާރަށް ބަހުސް ކުރުމުގެ ވަގުތު ކަނޑައަޅާފައި ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ، ކޮމިޓީތައް އަލުން އެކުލަވާލުމަށް މިއަދު ހެނދުނު ވެސް ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

އެ ބައްދަލުވުމުގައި ހިޔާލު ތަފާތުވީ އޭނާ ވިދާޅުވިގޮތުގައި، އާންމު ކޮމިޓީ އެކުލަވައިލުމުގަ އެވެ. އެ ކޮމިޓީގައި ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނުމަށް މިނިވަން މެމްބަރަކު ހުށަހެޅުއްވި ކަމަށް އަސްލަމް ވިދާޅުވި އެވެ. އާންމު ކޮމިޓީއަކީ ހުރިހާ ސިޔާސީ ޕާޓީތަކެއް ތަމްސީލުވުން ލާޒިމު ދާއިމީ ކޮމިޓީއަކަށް ނުވިޔަސް، އެކަމަށް އެމްޑީޕީން އެއްބަސްވީ، އެ ޕާޓީ ތަމްސީލުވާ ނިސްބަތުން ކޮމިޓީން ސްލޮޓް ދިނުމަށް ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު ވިދާޅުވި އެވެ.

"އެކަމަކު އެ ގޮތަށް އެއްބަސް ނުވެވި، އެ ބޭފުޅުންގެ ފަރާތުން [އިދިކޮޅު ފަރާތްތަކުން] އަދި ޖަވާބެއް ނުލިބޭ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ދާއިމީ ކޮމިޓީތަކަކީ "އަބަދުވެސް ދެމިއޮންނަ" ކޮމިޓީތަކެއް ކަން މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާއިރު، ކޮމިޓީތަކުގެ މެމްބަރުން ބަދަލުކުރުމަކީ ކޮމިޓީގެ މަސައްކަތް ހުއްޓޭނެ ކަމެއް ނޫނެވެ.

"މައިނޯރިޓީން އެއްބަސް ނުވެވުނޭ ވިދާޅުވެ، މަޖިލީހުގެ ރައީސް އެންގެވި ކަމުގައި ވިޔަސް ކޮމިޓީތައް ހުއްޓިގެން ދާނެ ޖާގައެއް ގަވާއިދުން ނުލިބޭ. މަޖިލީހުގެ ރައީސް އެފަދަ އަމުރެއް ނެރުމުގެ ޖާގަ ވެސް މަޖިލީހުގެ ގަވާއިދުން ނުލިބޭ،" އަސްލަމް ވިދާޅުވި އެވެ.

އެއާ އެކު، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަސްލަމް މިހާރު ވަނީ އާންމު ކޮމިޓީގެ ބައްދަލުވުމަކަށް ގޮވާލައްވައިފަ އެވެ. މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރުމަށް އެ މައްސަލައިގެ ވަގުތު ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެއްވަން އަމީން އާއްމު ނިއުޝާ އަށް އަސްލަމް ގޮވާލެއްވި އެވެ.

އީވާ މަގާމުން ވަކިކުރުމުގެ މައްސަލަ އަވަސް ކުރަންޖެހެނީ، އަސްލަމް ވިދާޅުވި ގޮތުގައި، އެ މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމަށް ފަހު، އެ މައްސަލަ ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާތީ އެވެ.

އޭނާ ވިދާޅުވީ އާންމު ކޮމިޓީ އެކުލަވާލަން ބޭނުންނުވެގެން، މުޅި މަޖިލިސް ހުއްޓިފައި ބޭއްވުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ.

"ދައުލަތުގެ އެއް ބާރު ހުއްޓިގެން މި ދަނީ ވަކި ބަޔަކު ކަންކަން ކުރަން ބޭނުންވާ ގޮތަކުން. އެކަމަކު މަޖިލިސް ހުއްޓުވާލެވޭ ގޮތަކަށް ނޫން ގަވާއިދު އެކުލަވާލެވިފައި މި އޮންނަނީ. މަޖިލިސް ނުހިންގަވައި އެކަން ކުރެއްވޭ ގޮތަކަށް ނޫން،" އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިނުލެވި ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެކަން ނުކުރެވި ލަސްވަނީ މަޖިލިސް ތަމްސީލު ކުރާ ޕާޓީތަކުން އެއްބަސް ނުވެވިގެން ކަމަށް ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު ކޮމިޓީތައް އެކުލަވާނުލެވި ލަސްކުރަނީ، އީވާގެ މައްސަލަ އަށް ހުރަސް އަޅުއްވަން ނަޝީދު ކަމަށް އެމްޑީޕީގެ މެމްބަރުން ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކި ކުރަން އެމްޑީޕީން ނިންމީ 12 މެންބަރުންނާ އެކު އީވާ ވެސް އެ ޕާޓީން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވުމުންނެވެ. އެ ޕާޓީން ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ވެސް މަޖިލީހަށް ހުށަހަޅައިފަ އެވެ.

އެމަނިކުފާނު ރިޔާސަތުން ދުރުކުރަން 54 މެމްބަރަކު ސޮއިކުރެއްވި އެވެ. ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިިހަށް ވައްދާފައި ވިޔަސް އެ ދެ މައްސަލަ ވެސް ހިނގާ ގޮތެއް ނުވި އެވެ.