Roadha Mihaaru
ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންނަން ނިންމައިފި

މާދަމާއަށް އެޖެންޑާ ކޮށްފައި ވަނިކޮށް ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންނަން ނިންމައިފި

10 ސެޕްޓެމްބަރ 2023

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނިކޮށް، އެ މައްސަލަ އަނބުރާ ގެންނަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިރޭ ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނިކޮށް، އެ މައްސަލަ އަނބުރާ ގެންނަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިރޭ ނިންމައިފި އެވެ.

ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް "މިހާރު" އަށް ވިދާޅުވީ، އެ ދެ މައްސަލަ އަނބުރާ ގެންނަން ނިންމީ މަޖިލިހުގެ ޖަލްސާތައް ކުރިއަށް ގެންދަން ފަސޭހަ މަގެއް ކޮށުމުގެ ގޮތުން ކަމަށެވެ.

"މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި އޮތީ އެ މައްސަލައާ މެދު ގޮތެއް ނިންމަން. އެހެންވެ އަޅުގަނޑުމެންނަށް ފެނުނީ މަޖިލިހުގެ މަސައްކަތްތައް ކުރިއަށް ގެންދަން މާ ފަސޭހަވާނެއޭ އެ ދެ މައްސަލަ ގެނެސްފިއްޔާ،" އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް އަސްލަމް ވިދާޅުވި އެވެ.

ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންނަން އެމްޑީޕީން ކުއްލި ގޮތަކަށް ނިންމިއިރު، ސަރުކާރުގައި އާރާއިބާރު އޮވެ، ރިޔާސީ އިންތިހާބު ކާމިޔާބު ނުވެ، ދެވަނަ ބުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވަން ޖެހުމާ އެކު، ވަނީ ކޯލިޝަން ހެދުމުގެ މަޝްވަރާތައް ފަށައިފަ އެވެ. އެހެންވެ، ނަޝީދުގެ އެހީތެރިކަމަށް އެމްޑީޕީން ބޭނުންވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެނައުމާއި އެ މަޝްވަރާތަކާ ބައެއް މީހުން ދަނީ ގުޅުވަމުންނެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ ތިންވަނަ އެވެ. އެއީ 15،000 އަށް ވުރެ ގިނަ ވޯޓު ނުވަތަ ހަ ޕަސެންޓެވެ. އެންމެ ގިނަ ވޯޓާ އެކު، ދެވަނަ ބުރު ކަށަވަރު ކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އެއީ 101،635 ވޯޓެވެ. އެއީ 46.6 ޕަސެންޓެވެ. ދެވަނަ ބުރަށް މުއިއްޒާ އެކު ދެން ދަތުރުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން ނަޝީދު މަޖިލިހުގެ ރައީސްކަމުން ވަކިކުރަން އިތުބާރު ނެތްކަމުގެ މައްސަލަ 54 މެމްބަރުން ސޮޔާ އެކު ހުށަހެޅީ މިދިޔަ ޖޫން މަހު އެވެ.

މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ވެސް ފޮނުވި އެވެ. އެކަމަކު މިދިޔަ ޖުލައި މަސް ނިމުމުން، މަޖިލިސް ޗުއްޓީ އަށް ދިޔައީ އެ މައްސަލަ އެޖެންޑާ ނުކޮށެވެ. އޭރު ވެސް މަޖިލީހުގައި އޮތީ މަރުތަޅު އެޅުވި އެއްވެސް ވަރަކަށް މަސައްކަތް ކުރިއަށްދާ ގޮތް ނުވެފަ އެވެ.

އޭގެ ފަހުން ދެން އެމްޑީޕީން ހުށަހެޅީ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އެވެ. ދެން ފެނުނީ އެ ދެ މައްސަލަ ވެސް ކުރިއަށް ނުގެންދެވި މަޖިލިސް ހުއްޓުމަކަށް އައި ތަނެވެ.

އެއީ އީވާއާ އެކު އެމްޑީޕީގައި ތިއްބެވި 13 މެމްބަރުން އެ ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތައް ތަމްސީލުވާ ނިސްބަތަށް ބަދަލު ގެނައުމުގެ މަސައްކަތް، ޕާޓީތަކަށް އެއްބަސްވުމަކަށް ނާދެވެމުންނެވެ. އޭގެ ތެރޭގައި އާންމު ކޮމިޓީ ހިމެނޭއިރު، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްގައި ބަހުސް ކުރުމާއި ދިފާއުވުމުގެ ވަގުތު އެ ކޮމިޓީން ކަނޑައަޅަންޖެހެ އެވެ.