Roadha Mihaaru
ޝީރީންގެ މަރުގެ ތަހުގީގު ރިޕޯޓް އާންމުކުރަން ގޮވާލައިފި

ޝީރީންގެ މަރުގެ ތަހުގީގު ރިޕޯޓް އާންމުކުރަން ގޮވާލައިފި

06 ޖޫން 2023

އަލް ޖަޒީރާ އަރަބި ޓީވީ ޗެނަލްގެ ނޫސްވެރިޔާ ޝީރީން އަބޫ އާގިލާގެ ގަޔަށް އިޒްރޭލު ސިފައިން ބަޑިޖަހައި މަރައިލި މައްސަލައާ ގުޅޭ ގޮތުން އެމެރިކާ ސަރުކާރުން ކުރި ތަހުގީގުގެ ހޯދުންތަކުގެ މައްޗަށް އެކުލަވައިލި ރިޕޯޓް އާންމުކުރުމަށް، އެމެރިކާގެ ސެނެޓަރަކު އިއްޔެ ގޮވާލައްވައިފި އެވެ.

އަލް ޖަޒީރާ އަރަބި ޓީވީ ޗެނަލްގެ ނޫސްވެރިޔާ ޝީރީން އަބޫ އާގިލާގެ ގަޔަށް އިޒްރޭލު ސިފައިން ބަޑިޖަހައި މަރައިލި މައްސަލައާ ގުޅޭ ގޮތުން އެމެރިކާ ސަރުކާރުން ކުރި ތަހުގީގުގެ ހޯދުންތަކުގެ މައްޗަށް އެކުލަވައިލި ރިޕޯޓް އާންމުކުރުމަށް، އެމެރިކާގެ ސެނެޓަރަކު އިއްޔެ ގޮވާލައްވައިފި އެވެ.

އެމެރިކާގެ ސެނެޓްގައި ޑިމޮކްރެޓިކް ޕާޓީ ތަމްސީލުކުރައްވާ މެމްބަރެއް ކަމަށްވާ ކްރިސް ވޭން ހޮލެން ވިދާޅުވީ އެމެރިކާގެ ސެކިއުރިޓީ ކޯޑިނޭޓަރ ފޯ އިޒްރޭލް އެންޑް ޕެލަސްޓީނިއަން އޮތޯރިޓީ (ޔޫއެސްއެސްސީ)ގެ ފަރާތުން ތައްޔާރުކުރި ރިޕޯޓް އޭނާ ބެއްލެވި ކަމަށެވެ. އަދި އެ ހާދިސާގެ ހަގީގަތް އޮތް ގޮތް އާންމުންނަށް ސާފުކޮށްދިނުމަށްޓަކައި، އެ ރިޕޯޓް އާންމުކުރުމަށް އޭނާ ވަނީ ރައީސް ޖޯ ބައިޑެން އަށް ގޮވާލައްވައިފަ އެވެ.

އަލް ޖަޒީރާ އަރަބި ޓީވީ ޗެނަލްގެ ނޫސްވެރިޔާ ޝީރީން އަބޫ އާގިލާ

އަލް ޖަޒީރާ އަރަބި ޓީވީ ޗެނަލްގެ ނޫސްވެރިޔާ ޝީރީން އަބޫ އާގިލާ

"އަހަރެން ވަރަށް ބޮޑަށް ގަބޫލުކުރާ ގޮތުގައި އެމެރިކާގެ ރައްޔިތެއް އަދި ނޫސްވެރިއެއް ކަމަށްވާ ޝީރީން އަބޫ އާގިލާގެ ގަޔަށް ބަޑިޖަހައި މަރައިލި މައްސަލައިގެ ހާމަކަމާއި ޖަވާބުދާރީކުރުވުން ކަށަވަރުކުރުމަށްޓަކައިވެސް، އެ ރިޕޯޓް އާންމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އަދި ކުރިމަގުގައި ނުބައި މަރުތަކުންނާއި އެފަދަ މަރުގެ ހާދިސާތަކުން ސަލާމަތްވުމަށްޓަކައި ވެސް މި ހާދިސާގެ ރިޕޯޓް އާންމުކުރުން ވަރަށް މުހިންމު،" ސެނެޓާ ކްރިސް ވޭން ހޮލެން ވިދާޅުވި އެވެ.

ފަލަސްތީނުގެ އަދި އެމެރިކާގެ ރައްޔިތުކަން އޮންނަ ޝީރީން އަބޫ އާގިލާ، 51، މަރައިލީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނީން ފޭލިގެ އަވަށަށް، މެއި 11، 2022 ގައި އިޒްރޭލު ސިފައިން އަރައިގަނެ ހިންގި އުދުވާނީ އަމަލުތައް ރިޕޯޓްކުރަމުން ދަނިކޮށް، އިޒްރޭލު ސިފައިންގެ ސްނައިޕަރަކު ދިން ބަޑީގެ ހަމަލާއެއްގަ އެވެ. އެ ހާދިސާ ހިނގުމާއެކު އިޒްރޭލުން އެންމެ ފުރަތަމަ ބުނީ ޝީރީން މަރުވީ ފަލަސްތީނުގެ ހަނގުރާމަވެރިން ދިން ހަމަލާއެއްގައި ކަމަށެވެ.

ޖަޒީރާ ނޫހުގެ ނޫސްވެރިއެއް މަރާލުމާ ގުޅިގެން ކުޑަކުދިންތަކެއް އޭނާގެ ދިފާއުގައި ސުލްހަވެރި އެއްވުމެއްގައި އުށްބައްތިތަކެއް ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ޖަޒީރާ ނޫހުގެ ނޫސްވެރިއެއް މަރާލުމާ ގުޅިގެން ކުޑަކުދިންތަކެއް އޭނާގެ ދިފާއުގައި ސުލްހަވެރި އެއްވުމެއްގައި އުށްބައްތިތަކެއް ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ނަމަވެސް އޭގެ މަސްތަކެއް ފަހުން، ސެޕްޓެމްބަރު 2022 ގައި އިޒްރޭލުގެ ދިފާއީ ވުޒާރާ އިން ވަނީ ޝީރީން އަބޫ އާގިލާ މަރުވީ އިޒްރޭލު ސިފައިން "އޮޅުމަކުން" ދިން ބަޑީގެ ހަމަލާއަކުން ކަމަށް ވުމުގެ "ފުރުސަތު ވަރަށް ބޮޑު" ކަމަށް ބުނެ، ފުރަތަމަ ފަހަރަށް އެކަމަށް އިއުތިރާފްވެފަ އެވެ. ނުސީދާކޮށް އެކަމަށް އިއުތިރާފު ވިޔަސް، އެ ހާދިސާގެ ތަހުގީގެއް ނުހިންގުމަށް އިޒްރޭލު ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެ ހާދިސާގެ ތަހުގީގުގެ ރިޕޯޓާ ބެހޭ ގޮތުން ސެނެޓާ ކްރިސް ވޭން ހޮލެން ވިދާޅުވި ގޮތުގައި އެ ހާދިސާގެ މަންޒަރު ފެނުނު ހެކިވެރިންނާ ބައްދަލުކުރުމަށް، އެ މައްސަލަ ތަހުގީގު ކުރި ޔޫއެސްއެސްސީގެ ތަހުގީގު ޓީމަށް އިޒްރޭލުން ފުރުސަތެއް ނުދިނެވެ. އެހެންކަމުން އެ މަރުގެ މައްސަލައިގެ މިނިވަން ތަހުގީގެއް ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝީރީންގެ މަރާ ބެހޭ ގޮތުން، އދ.ގެ ހާއްސަ ޓީމަކުންނާއި ފަލަސްތީނު ސަރުކާރުގެ އިތުރުން ސީއެންއެން އާއި އެސޯސިއޭޓެޑް ޕްރެސް ފަދަ ބައެއް ނޫސް އިދާރާތަކުން ކުރި ތަހުގީގުން ވެސް ސާބިތުވެފައިވަނީ، ޝީރީން މަރުވީ އިޒްރޭލު ސިފައިން ދިން ހަމަލާތަކެއްގެ ސަބަބުން ކަމެވެ. ޝީރިން މަރުވި ޚަބަރު ފެތުރުމާއެކު އިޒްރޭލު ސިފައިން އޭރު ބުނެފައިވަނީ، އޭނާ މަރުވީ ފަލަސްތީނުގެ ހަނގުރާމަވެރިން ދިން ހަމަލާއަކުން ކަމަށެވެ.

ނަމަވެސް އެ ހާދިސާ ތަހުގީގުކުރި، އިޒްރޭލު ނޫން އެހެން ހުރިހާ ފަރާތްތަކުން ވެސް ބުނެފައިވަނީ، ޝީރީން މަރުވި އިރު، އެ ސަރަހައްދުގައިވެސް އިޒްރޭލު ސިފައިން ނޫން ބަޔަކު ހަތިޔާރު ހިފައިގެން ނެތް ކަމަށެވެ. އަދި ޝީރީންއަށް ހަމަލާ ދިން އިޒްރޭލު ސިފައިންނާ ކުރިމަތިލެވޭ ހިސާބެއްގައި ވެސް ފަލަސްތީނުގެ ހަނގުރާމަވެރިން ނެތް ކަމަށް ވެސް އެ ފަރާތްތަކުގެ ތަހުގީގުން ވަނީ ސާބިތުވެފަ އެވެ.

ޝީރީންގެ ގަޔަށް ވަޒަން އަރައިގެން މަރުވި އިރު، އޭނާއާ އެކުގައި އެ ތަނުގައި ތިބި ނޫސްވެރިން ވެސް ބުނެފައިވަނީ، އެ ހާދިސާ ހިނގި ވަގުތު، ފަލަސްތީނުގެ އެއްވެސް ހަނގުރާމަވެރިއަކު އެ ސަރަހައްދުގައި ނެތް ކަމަށެވެ.

އިޒްރޭލު ސިފައިން ބަޑި ޖަހައި ޝީރީން މަރައިލީ، ކުރިމައްޗާއި ފުރަގަހުގައި ބޮޑުއަކުރުން "ޕްރެސް" ޖަހާފައިވާ، ވަޒަން ނާރާ ޖެކެޓެއް ލައި، ބޮލުގައި ހެލްމެޓެއް ވެސް އަޅައިގެން ހުއްޓަ އެވެ. އިޒްރޭލު ސިފައިންގެ ސްނައިޕަރަކު ޖެހި ބަޑީގެ ވަޒަން އަރާފައިވަނީ، ޝީރީންގެ ކަންފަތާ ދިމާލުން ބޮލަށެވެ.