Roadha Mihaaru
ނަޝީދާ ދެކޮޅަށް 54 ސޮއި، މާދަމާ ހުށަހަޅަނީ!

ނަޝީދު ވަކިކުރަން 54 ސޮއި، މާދަމާ މަޖިލިހަށް ހުށަހަޅަނީ!

06 ޖޫން 2023

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކުރަން ބޭނުންވާ އަދަދަށް ވުރެ އިތުރަށް ވެސް ސޮއި ލިބުމުން، އެ މައްސަލަ މާދަމާ މަޖިލިހަށް ހުށަހަޅަން ނިންމާފައިވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކުރަން ބޭނުންވާ އަދަދަށް ވުރެ އިތުރަށް ވެސް ސޮއި ލިބުމުން، އެ މައްސަލަ މާދަމާ މަޖިލިހަށް ހުށަހަޅަން ނިންމާފައިވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން ދުރުކުރުމަށް ސޮއި ހަމަކުރަން މިއަދު މެންދުރު ފަށައި މިރެއާ ހަމައަށް 54 ސޮއި ވަނީ ހަމަކޮށްފަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގައި ނަޝީދު ނުހިމަނައި 56 މެމްބަރުން ތިއްބަވާއިރު، އެ ޕާޓީގެ ބޭރުން ހަތަރު މެމްބަރަކު ސޮއިކުރެއްވި އެވެ. އެއީ މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ނިންމާފައިވާ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން ނަޝީދު ދުރުކުރުމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު މިއަދު މަޖިލިހުގެ އިދާރާގެ ކުޑަދަށުގައި ސޮއިކުރައްވަނީ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން ނަޝީދު ދުރުކުރުމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު މިއަދު މަޖިލިހުގެ އިދާރާގެ ކުޑަދަށުގައި ސޮއިކުރައްވަނީ.

އެނގިފައިވާ ގޮތުގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ލިޔުމުގައި ސޮއިކުރުން މިހާރު ވަނީ ނިންމާލައިފަ އެވެ. މިހާރު ތައްޔާރު ވަނީ މާދަމާ އެ މައްސަލަ މަޖިލިހަށް ހުށަހަޅާށެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވައްދަން ބޭނުންވަނީ 29 ސޮޔެވެ.

މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ނަޝީދު މަގާމުން ދުރުކުރަން ބޭނުންވަނީ 44 ވޯޓެވެ. މަޖިލިހުގައި މިހާރު އެއް ޕާޓީއަކަށް އެންމެ މެމްބަރުން ގިނައީ އެމްޑީޕީގަ އެވެ. އެއީ ނަޝީދާ ނުލައި 56 މެމްބަރުންނެވެ. އެހެންވެ، ނަޝީދު މަގާމުން ދުރުކުރުމުގެ މައްސަލަ ވަރަށް ފަސޭހައިން އެ ޕާޓީ އަށް ކާމިޔާބު ކުރެވޭނެ އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަޅަން އެމްޑީޕީން ނިންމީ ރިޔާސަތުގައި އިންނަވައިގެން މަޖިލިހުގެ ގަވާއިދާ ހިލާފަށް ވަރަށް ގިނަ ކަންކަން ކުރާ ކަމަށް ބުނެ އެވެ. ހާއްސަކޮށް، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާ މި ދަނޑިވަޅުގައި އިތުރަށް އެ ކަންކަން ބޮޑުވެފައިވާ ކަމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ވިދާޅުވެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ މައްސަލައެއް ވެސް އެމްޑީޕީން ވަނީ މަޖިލިހަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ މިހާރު ވަނީ އަންނަ އާދިއްތަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފަ އެވެ.