Roadha Mihaaru
ހަރަކާތްތައް ފަށަން ޑިމޮކްރެޓްސް އިން ހަރުގެ ސާފުކުރަނީ

ޑިމޮކްރެޓްސް އިން ހަރުގެ ސާފުކޮށް ސިޔާސީ ހަރަކާތްތައް ފަށަން ތައްޔާރުވަނީ

07 ޖޫން 2023

އެމްޑީޕީގެ ކުރީގެ މައި ހަރުގެ ސާފުކޮށް، އެތަނުގައި ސިޔާސީ ހަރަކާތްތައް ފެށުމުގެ ތައްޔާރީތައް "ދަ ޑިމޮކްރެޓްސް" އިން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެމްޑީޕީގެ ކުރީގެ މައި ހަރުގެ ސާފުކޮށް، އެތަނުގައި ސިޔާސީ ހަރަކާތްތައް ފެށުމުގެ ތައްޔާރީތައް "ދަ ޑިމޮކްރެޓްސް" އިން ފަށައިފި އެވެ.

މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދު ކުރިމަތީގައި، ހ. ވެޔޮވިލާގޭގައި ހުންނަ އެ ހަރުގެ ސާފުކުރުމުގެ މަސައްކަތް، އަލަށް އުފައްދާ ސިޔާސީ ޕާޓީ، ޑިމޮކްރެޓްސް އިން ފެށީ ރޭގަ އެވެ. ހަރުގެ ތެރޭގައި ހުރި ކުނިތައް ނެރެ އަދި އެހެން ސާމާނު ތަރުތީބު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެމްޑީޕީގެ ކުރީގެ މައި ހަރުގެ ސާފުކުރުމުގެ މަސައްކަތް "ދަ ޑިމޮކްރެޓްސް" އިން ކުރަނީ.-- ފޮޓޯ: ދަ ޑިމޮކްރެޓްސް

އެމްޑީޕީގެ ކުރީގެ މައި ހަރުގެ ސާފުކުރުމުގެ މަސައްކަތް "ދަ ޑިމޮކްރެޓްސް" އިން ކުރަނީ.-- ފޮޓޯ: ދަ ޑިމޮކްރެޓްސް

ރާއްޖޭގެ އެންމެ މެމްބަރުން ގިނަ އެމްޑީޕީގެ ސަޕޯޓަރުން އެއްވެ ސިޔާސީ ހަރަކާތްތައް ހިންގި މައި ހަރުގެ އެ ގޭގެ ވެރިފަރާތުން އަތުލީ އެގްރީމެންޓްގެ މުއްދަތު ހަމަވެފައި އޮތުމުންނާއި އެތަނުގައި އިމާރާތެއް ހަދަން ބޭނުންވާ ކަމަށް ބުނެ އެވެ. ހަރުގެ ހިންގާ ބިމަކީ އެމްޑީޕީގެ ހަރަކާތްތަކުގެ ކުރީ ސަފުގައި އުޅުނު ޝަފިއްޔާ ޒުބައިރުގެ ބިމެކެވެ.

އެކަމަކު، މިފަހުން އެމްޑީޕީގެ އެތެރޭގެ ކޯޅުމުގައި ޝަފިއްޔާ ހުރީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ އިސް މެމްބަރުން އުފައްދަން އުޅުއްވާ "ދަ ޑިމޮކްރެޓްސް"އާ އެކު އެވެ.

އެމްޑީޕީގެ އަތުން ހަރުގެ އަތުލައި މިދިޔަ ހަފުތާގައި ޝަފިއްޔާ ވަނީ އެ ބިން އެހެން މީހަކަށް ކުއްޔަށް ދީފަ އެވެ. ހަރުގެ ހުރި ބިން ކުއްޔަށް ދިނީ، އެމްޑީޕީގެ އެތޭރެގައި އުފެދުނު ކޯޅުންގަނޑުގައި ނަޝީދުގެ ފަޅީގައި ހުންނެވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އަށެވެ.

އެމްޑީޕީގެ ކުރީގެ މައި ހަރުގެ ސާފުކުރުމުގެ މަސައްކަތް "ދަ ޑިމޮކްރެޓްސް" އިން ކުރަނީ.-- ފޮޓޯ: ދަ ޑިމޮކްރެޓްސް

އެމްޑީޕީގެ ކުރީގެ މައި ހަރުގެ ސާފުކުރުމުގެ މަސައްކަތް "ދަ ޑިމޮކްރެޓްސް" އިން ކުރަނީ.-- ފޮޓޯ: ދަ ޑިމޮކްރެޓްސް

ޝަފިއްޔާ ބުނީ އެތަން މިފަހަރު ކުއްޔަށް ދިނީ އެ ބިމުގައި 15 ބުރީގެ އިމާރާތެއް ހަދައި އެކަމަށް އިންވެސްޓްކުރަން ޝައުގުވެރިކަން ވެސް ހުރި ފަރާތަކަށް ކަމަށެވެ. އެކަމަށް އިންވެސްޓްކުރަން އެމްޑީޕީއަށް ވެސް ފުރުސަތު ދިނަސް، ޝައުގުވެރިކަން ފާޅުނުކުރާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ހަރުގެ ހުރި ބިން ހުސްކުރަން ވެރިފަރާތުން އެންގުމުން، އެކަން ހުއްޓުވަން ވަގުތީ އަމުރެއް ހޯދަން އެމްޑީޕީން އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހެޅި އެވެ. ނަމަވެސް، އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ނިންމި އެވެ.

އެމްޑީޕީން ބުނާ ގޮތުގައި، ހަރުގެއަކީ އެ ގޭގެ ވެރިފަރާތާ އެކުގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން ކުލި ދެއްކި ތަނެކެވެ. އަދި ހަރުގޭގެ ވެރިފަރާތާ އެކު އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް އޮތް މި އަހަރުގެ ރިޔާސީ އިންތިހާބު ނިމެންދެން ހަރުގޭގައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގޭނެ ކަމަށް އެއްބަސްވި އެވެ.

ނަމަވެސް ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން އެތަން "ހިސޯރުކޮށް، ގެއްލުން ދިނީ" ކަމަށް އެމްޑީޕީން ބުނެ އެވެ.