Roadha Mihaaru

ހަސަން ލަތީފް ޑިމޮކްރެޓްސްގެ ރައީސް ކަމުން އިސްތިއުފާ ދެއްވައިފި

ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޑިމޮކްރެޓްސްގެ ރައީސް، ހަސަން ލަތީފް އިސްތިއުފާ ދީފި
އިފްރާޒް އަލީ
އިފްރާޒް އަލީ

11 ޖެނުއަރީ 2025

ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ހަސަން ވަނީ އިސްތިއުފާ ދެއްވިކަން މިއަދު "މިހާރު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

"އެއީ މި ވަގުތު ވަރަށް މުހިންމު ކަމެއް ކަމަށް ގަބޫލުކުރެވޭތީ،" އިސްތިއުފާ ދެއްވި ސަބަބުން އެހުމުން އޭނާ ވިދާޅުވި އެވެ.

ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ފަހު، ހަސަން ޑިމޮކްރެޓްސްގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ވަނީ އެ ޕާޓީގެ މެމްބަރުން އޭނާއާ އެކު ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ވިދާޅުވީ، ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވަނީ އެ މަގާމުގައި މި ވަގުތަށް ހުންނެވެން ނެތުމުން ކަމަށެވެ.

ހަސަން ޑިމޮކްރެޓްސްގެ ރައީސްކަމުން އިސްތިއުފާ ދެއްވިއިރު 2023 ގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރަނިން މޭޓުގެ ގޮތުގައި ވާދަކުރެއްވި، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު އާއި ކުރީގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި މުހައްމަދު ޝިފާޒު އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވެސް ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް، އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އެ ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެމުގައި އިސްކޮށް އުޅުއްވި މި ބޭފުޅުން މިހާރު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

އެ ބޭފުޅުން އެމްޑީޕީން ވަކިވެވަޑައިގަތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ ޕާޓީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގަ އެވެ. އެ ބޭފުޅުން ޕާޓީން ވަކިވިއިރު، އެމްޑީޕީ އޮތީ ދެ ފެކްޝަނަކަށް ބެހިފަ އެވެ. އެއީ އިބޫގެ ފެކްޝަނަކާއި ކުރީގެ ރައީސް އަދި އޭރު މަޖިލީހުގެ ރައީސަކަށް ހުންނެވި މުހައްމަދު ނަޝީދަށް ވަފާތެރި ފެކްޝަނެކެވެ.

ޑިމޮކްރެޓްސް އުފެއްދީ އޭރު އެމްޑީޕީން ވަކިވި ބޭފުޅުން ގުޅިގެންނެވެ.