ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމާ ބެހޭ ގޮތުން އާންމުންނަށް ގިނަ ފަހަރަށް މި ފެންނަނީ ސިޔާސީ މީހުން ކުރަހައިގެން ގެންނަ މަންޒަރެކެވެ. އޭގެ ފަހަތުގައި ކުޅިބައި އަތުރާލާ ގޮތާއި ޕާޓީތަކާ ކުރާ މަޝްވަރާއި ސިޔާސީ ޑީލްތަކާއި ރޭވުންތައް އޮތަސް އެ ވާހަކައެއް ނުދައްކާނެ އެވެ. ބޭރަށް ތިލަ ކޮށްލާނީ ރައްޔިތުންގެ ވާހަކަ އެވެ.
13 ޖެނުއަރީ 2025
ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމާ ބެހޭ ގޮތުން އާންމުންނަށް ގިނަ ފަހަރަށް މި ފެންނަނީ ސިޔާސީ މީހުން ކުރަހައިގެން ގެންނަ މަންޒަރެކެވެ. އޭގެ ފަހަތުގައި ކުޅިބައި އަތުރާލާ ގޮތާއި ޕާޓީތަކާ ކުރާ މަޝްވަރާއި ސިޔާސީ ޑީލްތަކާއި ރޭވުންތައް އޮތަސް އެ ވާހަކައެއް ނުދައްކާނެ އެވެ. ބޭރަށް ތިލަ ކޮށްލާނީ ރައްޔިތުންގެ ވާހަކަ އެވެ.
އެމްޑީޕީ ދޫކޮށްލާފައި ނުކުތް މެންބަރުންތަކެއް އިސްވެ އުފެއްދި ޑިމޮކްރެޓްސްގެ ފައުންޑިން މެންބަރުންތަކެއް އެ ޕާޓީން ވަކިވި މައްސަލާގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސް އިން ކަންތައް ކުރީ ވެސް އެހެންނެވެ. އާންމުންނާ ހަމައަށް ވާހަކަތައް ތިލަކޮށްލީ ބޭނުންވާ ވަރަށެވެ.
ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކަމެއް އެ ޕާޓީގެ ބައެއް އިސްވެރިންނަށް އެނގިވަޑައިގެންނެވި ކަމަކަށް ނުވި އެވެ. އެމްޑީޕީން ވެސް މަރުހަބާ ކިޔާފައި ވަނީ ވަކި ބޭފުޅުންތަކަކަށެެވެ.
ޑިމޮކްރެޓްސްގެ މުސްތަގުބަލުގެ ބަނަކަމާއި ހުރި މާލީ ދަތިތަކާއި ސިޔާސީ ގޮތުން ބުރަދަނެއް ހިފޭ ބަޔަކަށް ނުވެވުނު ކަމާއި އަދި ކުރިމަގެއް ފެންނަން ނެތް ކަމުގެ ހަގީގަތުގެ ވާހަކަ އެއްފަރާތުގައި ބާއްވާފައި "ކުދި މިރުހުގެ ކުޅި ގަދަވާނެ ކަމާއި" ޕާޓީ ހުއްޓުމެއް ނެތި "އުދުއްސައިގަންނާނެ" ގޮތުގެ "ސްކްރީން ޕްލޭއެއް" ރައްޔިތުންނަށް ދެއްކި އެވެ.
އަނެއްކޮޅުން އެމްޑީޕީން ވެސް އާންމުންނަށް ދައްކަމުން ދަނީ ހަމަ އެ މަންޒަރެވެ. އެއީ މުސްތަގުބަލެއް އޮތް ހަމައެކަނި ޕާޓީ ކަމާއި އެމްޑީޕީގެ ބަދަހި ކަމާއި އާ މެންބަރުންނާ އެކު، ސަރުކާރާ ދެކޮޅަށް ނަގާނެ ރާޅު ބޮޑު ވާނެ ކަމުގެ ވާހަކަ އެވެ. މިއަދު އެ ޕާޓީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އޮންނާނީ އެ "ފޮނުތައް" އެރުވުން ކަމަށް ބެލެވެ އެވެ.
އެކަމަކު އެމްޑީޕީގެ އެތެރޭގައި ރިޔާސީ ޓިކެޓަށް އޮތް ވާދަ އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެމެދު ހުރި މައްސަލަތަކާއި އެ ކަންކަން ބޮޑުވެ އެމްޑީޕީން އެންމެ ފަހުން ބޭއްވި ބޮޑު ޖަލްސާ ޝާހިދު ނުސީދާކޮށް "ބޮއިކޮޓް" ކުރެއްވި ވާހަކަތަކާއި ބޮޑެތި ފެކްޝަންތަކެއް އުފެދިގެން އުޅޭ ވާހަކަތަކެއް ނުދައްކަވަ އެވެ. އެ ފަދަ ކަމެއް ހިނގާކަން ގަބޫލެއް ވެސް ނުކުރާނެ އެވެ. އެކަމަކު، ބައެއް ކަންކަން އެ ހިނގަނީ އާންމު މީހާ އަށް ވެސް އެނގޭ ވަރަށެވެ.
ޕާޓީތަކުގެ އެތެރެވަރީގައި ހިނގާ ކަންކަން ބަލައި ދިރާސާ ކުރާ ފަރާތްތަކުގެ ކަޅި މިހާރު ހުއްޓިފައި އޮތީ އެންމެ މަންޒަރަކަށެވެ. އެއީ ޑިމޮކްރެޓްސް އުފެއްދި މެންބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެމްޑީޕީން އެ ބުނާ ގޮތަށް އަލުން އެކަތިގަނޑަކަށްވެ، ވަރުގަދަ ވާނީތޯ އެވެ. ނޫނީ މިހާރު އެތެރޭގައި ހުރި ބާގަނޑުތައް އިތުރަށް ފުޅާވެ ޕާޓީ ރޫޅޭނީ ހެއްޔެވެ.
ޑިމޮކްރެޓްސް އަށް ދިމާވެގެން އުޅޭ މައްސަލަތަކުގެ ހަގީގީ މަންޒަރު، އެ ޕާޓީން ވަކިވެވަޑައިގެންނެވި މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ދިވެހި ފުޓުބޯޅައިގެ ވާހަކަ އިން "މިހާރު" އަށް ސިފަ ކޮށްދިނެވެ.
ނިއުރޭޑިއަންޓް އާއިލާގެ އާޒިމް ވިދާޅުވި ގޮތުގައި ވެލެންސިއާ އިން ވަރަށް ރީތި ކުޅުމެއް ކުޅޭނެ އެވެ. ޕާސް ކުރާނެ އެވެ. މީހުންގެ ސަޕޯޓު ވެސް އެ ކްލަބަށް ވަރަށް ބޮޑު ވާނެ އެވެ. އެކަމަކު މައްސަލައަކީ ތައްޓެއް ނުހޯދޭނެ އެވެ. ތަށި ގެންދާނީ ނިއުރޭޑިއަންޓެވެ.
އަލީ އާޒިމް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސް އަށް ވެސް ވަނީ މިހެންނެވެ. ޕާޓީއަކީ ނަމޫނާ ދައްކަމުން އަންނަ ރީތި، ވަރުގަދަ ސިޔާސަތުތަކެއް ގެންގުޅޭ ޕާޓީއެކެވެ. ޕާޓީގެ މެންބަރުން ރަށްރަށަށް ގޮސް ވާހަކަ ދައްކާލުމުން ރައްޔިތުން ބުރަކަށީ ފިރުމާލައި އެއީ ރަނގަޅު ވާހަކަތަކެއް ކަން ގަބޫލު ވެސް ކުރެ އެވެ. އެކަމަކު ވޯޓު ލާނީ އެމްޑީޕީއަށެވެ.
"ޑިމޮކްރެޓްސްގެ ތެރޭގައި ކަންކަން ހިނގާ ގޮތް ގޯހެއް ނޫން. އެކަމަކު ސިޔާސީ ގޮތުން އަޅުގަނޑަށް ފެނުނު މަންޒަރަކީ ރާއްޖޭގައި މީހުން މި ޕާޓީ ނިޒާމު ބަލައިގެންފައި އޮތް ވަރު. އަދިވެސް ވޯޓު ލަނީ ޕާޓީ އަށް ބަލާފައި، މީހަކަށް ނޫން. ވޯޓާ ޖެހުމުން މި ބުނަނީ ނުބައި ޕާޓީއެއްގަ އޭ ތި ހުރީ." ޑިމޮކްރެޓްސްގެ ޓިކެޓުގައި މެދުހެންވޭރު ދާއިރާގެ މަޖިލީހުގެ ގޮނޑިއަށް ވާދަ ކުރައްވައި ނާކާމިޔާބުވި އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު އަންނަނީ ގާނޫނުއަސާސީއާ ސީދާ ހިލާފަށް އަމަލު ކުރަމުންނެވެ. ގާނޫނުއަސާސީ ބަދަލު ކުރީ ވެސް ގޯސް ކޮށެވެ. ކުރިއަށް ވުރެ އަދި މާ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ސަރުކާރުގެ ތެރޭގައި ހިންގަމުން އަންނަ ކަމަށް އާޒިމް ތުހުމަތު ކުރެއްވި އެވެ.
އެހެންވެ މިއީ އެ ކަންކަން ހުއްޓުވައި ޖަވާބުދާރީ ކުރުވުމަށް ވަރުގަދަ ބޮޑު ޕާޓިއަކާ އެކީ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މީގެ ކުރިން ވެސް ކޮރަޕްޓް ސަރުކާރުތަކާ ދެކޮޅަށް އަޑު އުފުލުމުގައި ހުއްޓުމެއް ނެތި ހުރި ގޮތަށް ދެން ވެސް އެ އަޑު އުފުލަމުން ގެންދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ޕާޓީ ހުއްޓުމެއް ނެތި ކުރިޔަށް ދާނެ ކަމުގެ ޔަގީން ކަން ދެއްވި--ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މިކަމާ ގުޅޭ ގޮތުން "މިހާރު" އަށް އިންޓަވިއު ދެއްވަމުން ޑިމޮކްރެޓްސްގެ ސީނިއާ މެންބަރެއް ކަމަށްވާ މާފަންނު މެދުދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވި ގޮތުގައި އޭނާ އެމްޑީޕީން ވަކިވިޔަސް މަގުމަތިން އަދިވެސް މީހުން ދިމާވެގެން ވާހަކަ ދައްކަނީ އެމްޑީޕީ މެންބަރެއްގެ ގޮތުގަ އެވެ. އެ ޕާޓީގެ ތެރޭގައި ހުރި މައްސަލަތަކާއި އެ ޕާޓީން އުސޫލުތައް ދޫކޮށްލި ގޮތުގެ ވާހަކަ އާއި ޝަކުވާތައް އަދިވެސް ކުރެ އެވެ.
ބޮންޑޭ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ލީޑަޝިޕް އަދިވެސް އޮތީ ގޯސް ކޮށެވެ. އެއީ އަބަދުވެސް އިންތިހާބު ކޮށްގެން ރައީސަކު ހޮވާ ޕާޓީއެއް ކަމަށް ވިޔަސް މިހާރު އެ ހުންނެވީ އިންތިހާބަކާ ނުލައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަރިހުގައި ހުންނެވި ބޭފުޅަކު ބަހައްޓާފައި ކަމަށް ބޮންޑޭ ވިދާޅުވި އެވެ.
ކޮރަޕްޝަނާ ދެކޮޅުވުމާއި ހެޔޮ ވެރިކަމެއް ކުރުން ފަދަ ހުރިހާ އުސޫލުތަކަކާ ވެސް ވަރަށް ބޮޑަށް ހިލާފަށް އެމްޑީޕީން އަމަލު ކޮށްފައިވާ ކަމަށް ބޮންޑޭ ވިދާޅުވި އެވެ.
ނަމަވެސް އޭނާ އުންމީދު ކުރަނީ ޑިމޮކްރެޓްސް އިން ވަކިވި މެންބަރުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފަހު، އެ ޕާޓީ ހަމަ މަގަށް އަޅުވައި ދޭނެ ކަމަށެވެ.
މި ދިޔަ މެންބަރުން އެމްޑީޕީ ރިފޯމް ކުރާނެ ކަމަށް އުންމީދު ކުރާނެ. ރައްޔިތުންގެ އިތުބާރު ހޯދާނެ ކަން. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރަން -- ބޮންޑޭ
"މިދިޔަ މެންބަރުން އެމްޑީޕީ ރިފޯމް ކުރާނެ ކަމަށް އުންމީދު ކުރާނެ. ރައްޔިތުންގެ އިތުބާރު ހޯދާނެ ކަން. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރަން،" ބޮންޑޭ ވިދާޅުވި އެވެ.
ބޮންޑޭ ވިދާޅުވި ގޮތުގައި "ގާނޫނުއަސާސީގެ ދިފާއުގައި" ހަރަކާތުގައި އެމްޑީޕީއާއެކު މަސައްކަތްތަކެއް ކުރަމުން އަންނަނީ އެއީ ގައުމީ ބޮޑު މައްސަލައަކަށް ވާތީ އަދި އިސްލާހީ ހަރަކާތަކަށް ވާތީ އެވެ. ނަމަވެސް ސިޔާސީ ގޮތުން އެމްޑީޕީއާ އެކު، އިންތިހާބެއްގައި ގުޅިގެން މަސައްކަތް ކުރާނީ އެމްޑީޕީގެ އެތެރެ އިސްލާހުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީ އެ މަގަށް އަޅުވައިފިއްޔާ މި ޕާޓީން އެ ފަރާތްތަކާ އެކު ބައިވެރިވާނަން،" އޭނާ ވިދާޅުވި އެވެ.
އެއީ ވެސް ވެދާނެ ގޮތެއް ކަމަށް ބަލަން ޖެހެނީ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ކަންކަން ކުރެއްވި ގޮތުންނެވެ. ޑިމޮކްރެޓްސް އިން ވަކިވެ، އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި މެމްބަރުންނަށް މަރުހަބާ ވިދާޅުވެ އަދި އެއީ ރާއްޖޭގެ ސިޔާސީ މުސްތަގުބަލް ކަނޑައަޅާ ޕާޓީ ކަމަށް ވިދާޅުވެ، ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކުރެއްވި ޓުވީޓް ނަޝީދު ރީޕޯސްޓް ކުރެއްވި އެވެ. މާނައަކީ ނަޝީދު ވެސް ގަބޫލުފުޅު ކުރައްވާ ގޮތުގައި ސިޔާސީ މުސްތަގުބަލް އޮވެ، އަދި އެ މަސައްކަތް ކުރެވެން އޮތީ އެމްޑީޕީގައި ތިބެގެންނެވެ.
އެމްޑީޕީގެ އެތެރޭގައި އެ ޕާޓީގެ ރައީސް ޝާހިދާއި ޗެއާޕާސަން ފައްޔާޒާ ދެމެދު އޮތް މައްސަލަތަކަކީ ކުޑަ ދުވަސްކޮޅެއް ވަންދެން ނުދައްކާ ސިއްރު ވާހަކައެއް ގޮތަށް އޮތް ނަމަވެސް އެކަންކަން ވަނީ ބޮޑުވެ ސޯޝަލް މީޑިއާ އާ ހަމައަށް ތިލަވެފަ އެވެ. ރިޔާސީ ޓިކެޓަށް އޮތް ޝައުގުވެރިކަން ދެ ބޭފުޅުން ވެސް ފާޅުކުރެއްވުމާ އެކު، ފައްޔާޒް ވަކިން މެންބަރުންތައް ގޮވައިގެން ޕާޓީގެ ރައީސާ ނުލައި ހަރަކާތްތައް ހިންގަވާ މައްސަލަ އޮތީ ބޮޑުވެފަ އެވެ.
އަނެއްކޮޅުން ޝާހިދު ވެސް ފައްޔާޒާ ދެކޮޅަށް ޕާޓީގެ އެތެރޭގެ ބާރުތައް ހޯއްދަވަން ލޮބީ ކުރެއްވުމުގެ މައްސަލަ އޮވެ އެވެ. އެމްޑީޕީގެ މުގޫ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުންނެވީ އާންމު އުސޫލުން ދެކޮޅަށް ވެސް "އޯކޭ" ދެއްވައިގެންނެވެ.
"ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ނަމުގައި އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ .-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ އިސް ބޭފުޅަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ޕާޓީގެ އެތެރޭގައި ދެބައިވުންތައް އުފެދިފައި މި އޮތް ދަނޑިވަޅުގައި އިބޫގެ ވިސްނުން ހުރީ އެމްޑީޕީ އަލުން ވަރުގަދަ ޕާޓީއަކަށް ހެދުމުގެ މަސައްކަތް ކުރުމަށެވެ. އެ ޕާޓީ ބަލިކަށިވީ އަދި ވޯޓުން ނާކާމިޔާބުވީ އެމްޑީޕީ ރޫޅި ދެ ޕާޓިއަކަށް ވުމުން ކަން އިންތިހާބުތަކުގެ ނަތީޖާ އަށް ބަލައިލުމުން ވަރަށް ސާފެވެ. އެހެންވެ އަލުން އެކަތިގަނޑަކަށް ވާން އިބޫ ބޭނުންފުޅުވެ އެވެ. އެ ވާހަކަ ރާއްޖެ ޓީވީގައި އެ މަނިކުފާނު މިފަހުން ދެއްވި އިންޓަވިއުގައި ވެސް ނުސީދާ ގޮތަކަށް ވިދާޅުވި އެވެ.
އެމްޑީޕީއާ މި ފަހުން ގުޅިވަޑައިގަތް ބައެއް މެންބަރުން އެ ފިޔަވަޅު އެޅުއްވުމުގެ ކުރިން ވެސް އިބޫއާ މަޝްވަރާތަކެއް ކުރެއްވި އެވެ. އެ މަޝްވަރާތަކުގެ ނަތީޖާއަކީ އާޒިމް ފަދަ މެންބަރުންނާ މެދު އަޅާފައިވާ ފިޔަވަޅުތައް އެމްޑީޕީން މިދިޔަ ބުދަ ދުވަހު ބޭއްވި ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމުގައި އުވާލައި، އެ މެންބަރުން އެ ޕާޓީ އަށް ވަނުމަށް މަގުކޮށައި ދިނުމެވެ.
ނަމަވެސް އެ ޕާޓީގެ ތެރެއަށް "ކުރީގެ ވަރުގަދަ މެންބަރުން" ވަނުމުން އޭގެ ހިތްހަމަނުޖެހުން ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި އުފެދުނު ކަމަށް އެ ޕާޓީގެ އިސް މެންބަރަކު ވިދާޅުވި އެވެ. އޭގެ ސަބަބުން ބައެއް ބޭފުޅުން ހާއްސަކޮށް ޕާޓީގެ ރައީސް ޝާހިދަށް އެ ޕާޓީގެ ޓިކެޓު ހޯއްދަވަން އޮތް ދޮރު އެއްކޮށް ބަންދުވެދާނެ ކަމުގެ ބިރު އޮތް ކަމަށް ބައެއް މެންބަރުން ގަބޫލު ކުރެ އެވެ.
އެކަން ވިޔަނުދިނުމަށްޓަކައި އެމްޑީޕީގެ އެތެރޭގައި "ތަޅައިގަނެ" ބޮޑެތި ކަންކަން ކުރިޔަށް އޮތްތަނުގައި ހިނގުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ސިޔާސީ ކަންކަން އެނަލައިޒް ކުރާ ފަރާތްތަކުން މީގެ ތެރެއިން އެހެން ސިނާރިއޯއެއްގެ ވާހަކަ ވެސް ދައްކަ އެވެ. އެއީ އެއްގޮތަކީ ޑިމޮކްރެޓްސްގެ މެންބަރުން ވެސް އުންމީދު ކުރާ ގޮތަށް އެ ޕާޓީގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފަހު، އެމްޑީޕީގެ ލީޑާޝިޕް ހޯދަން މަސައްކަތް ފެށުމެވެ.
އެތެރޭގައި ތިބެގެން ޕާޓީގެ ބާރުތައް އަލުން ހޯދައި ނަޝީދަށް ރިޔާސީ ޓިކެޓު ހޯދުމަށް މަގު ކޮށައި ދޭނެ އެވެ.
ކޮންމެ ގޮތެއް ވިޔަސް އެމްޑީޕީ އަށް ކުރިމަގެއް އޮތީ އެ ޕާޓީން ނުކުމެ އާންމުންނަށް ދައްކާނެ "ބަދަހި" މަންޒަރު ހަގީގަތަކަށް ހަދައިގެންނެވެ. ޕާޓީ އެކަތިގަނޑަކަށް ނުވެއްޖެ ނަމަ އޮތީ އެކީ ރޫޅުމެވެ. ސިޔާސީ ހަގީގީ މަންޒަރަކީ މިއީ އެވެ.
އެމްޑީޕީގެ އެކްޓިވިސްޓު ދޮންކޮޅު ޕީއެންސީއަށް
ޑިމޮކްރެޓްސްގެ ރައީސް، ހަސަން ލަތީފް އިސްތިއުފާ ދީފި
އަމްރު، ޝިފާޒު އަދި އާޒިމް އެނބުރި އެމްޑީޕީއަށް
ސަރުކާރާ ދެކޮޅަށް އެމްޑީޕީ/ޑިމޮކްރަޓްސް އެއްގަލަކަށް
މެމްބަރު ޝިޔާން އަލުން އެމްޑީޕީއަށް
ހަރަކާތްތައް ފަށަން ޑިމޮކްރެޓްސް އިން ހަރުގެ ސާފުކުރަނީ
ޑިމޮކްރެޓްސްގެ ލިސްޓު ލީކުވުމުގައި އިހުމާލެއް ނެތް!
ޑިމޮކްރެޓްސް އަށް ބިރު ދައްކާ ކަމަށް ބުނެ މަޖިލީހަށް!
ޑިމޮކްރެޓްސްގެ ލިސްޓު އީސީން ލީކުވިތޯ ބަލަނީ
އައްޑޫން ޑިމޮކްރެޓްސްއަށް ސޮއިކުރީ 300 މީހުން:އިބުރޭ