Roadha Mihaaru
"ނަޝީދު ވިދާޅުވިޔަސް ޖަލްސާ ބާއްވަން ހުރަހެއް ނެތް"

ނަޝީދު ވިދާޅުވިޔަސް ޖަލްސާތައް ބާއްވަން ހުރަހެއް ނެތް: އަސްލަމް

19 ޖޫން 2023

މާދަމާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ ޖަލްސާތައް ނުބޭއްވޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ނަމަވެސް، އެކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

މާދަމާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ ޖަލްސާތައް ނުބޭއްވޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ނަމަވެސް، އެކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް އެކީގައިހެން ހުއްޓިފައި އޮންނަތާ ތިން ހަފްތާއެއްހާ ދުވަސް ފަހުން، ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު މިއަދު ހަވީރު ވިދާޅުވީ މަޖިލީހުގެ މާދަމާގެ ޖަލްސާ ބާއްވަން ވެސް މަޖިލީހުގައި ގަވާއިދު ތަންނުދޭ ކަމަށެވެ.

ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަ އެމްޑީޕީން އިސްވެ މަޖިލީހަށް ވެއްދުމުން، ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އެ ދެ ބޭފުޅުން ވެސް ވަނީ މަޖިލީހުގެ އިދާރާއަށް އަންގަވައިފަ އެވެ.

ނަޝީދާއި އީވާ ރިޔާސަތު ނުބަލަހައްޓަވާތީ، ފާއިތުވި ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އެވެ. އެކަމަކު މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ނަމަ، އެހެން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެ އެވެ. "މާދަމާގެ ޖަލްސާ ވެސް ބޭއްވޭކަށް ނެތް. ދެން މި ދައުރުގައި އިތުރު ޖަލްސާއެއް ބޭއްވޭނެ ގޮތެއް ނެތް،" މިއަދަކީ އެހެން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ފަހު ދުވަސްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އަސްލަމް "މިހާރު" އަށް ވިދާޅުވީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ޒިންމާތަކާއި މަސްއޫލިއްޔަތުން ރެކިވަޑައިގެންނެވުމަކީ މަޖިލިސް ހިންގުމަށް ހުރަސްއެޅޭނެ ކަމެއް ނޫން ކަމަށެވެ.

"ޖަލްސާ ހަމަ ބާއްވަވަން ޖެހިވަޑައިގަންނަވާނީ. ރިޔާސަތުގަ އިންނަވަން ބޭނުންފުޅު ނޫނިއްޔާ، ޖަލްސާ ފައްޓަވާފަ އެހެން ބޭފުޅަކާ ރިޔާސަތު ހަވާލުކުރެއްވީމަ ޖަލްސާ ކުރިއަށްދާނެ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ނަޝީދާއި އީވާގެ އިތުބާރުނެތް ކަމަށް މިހާރު މެމްބަރުންގެ އަޣުލަބިއްޔަތުން އޮތީ ނިންމައިފަ އެވެ. އެހެންކަމުން، "ހިތު ހުރި" ގޮތަކަށް މަޖިލީހުގެ ގަވާއިދު މާނަކުރައްވައިގެން، ޒިންމާތަކުން ރެކިވަޑައިގެންނެވުމުގެ ބަދަލުގައި ރީތިކޮށް އިސްތިއުފާ ދެއްވުމަށް އަސްލަމް ގޮވާލެއްވި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ

ނަޝީދު މިހާރު އަމަލުކުރައްވަމުންދާ ގޮތް އަސްލަމް ސިފަކުރެއްވީ ވަރަށް "ވިޔާނުދާ" އަމަލުތަކެއްގެ ގޮތުގަ އެވެ. އަދި އެކަމުގެ ސަބަބުން މަޖިލިސް ހުއްޓި، ހުރިހާ ގެއްލުމެއް ލިބެނީ ރައްޔިތުންނަށް ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގައި މަރުތަޅު އެޅިގެން އުޅެނީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން ކަމަށް ނަޝީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.

"މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މަޖިލިސް ހުއްޓާލުމުގެ ނިޔަތެއް އޮވެގެން ނޫނީ މައްސަލަ އެއްފަހަރާ ހުށަހެއްނާޅުއްވާނެ،" ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން، އިތުބާރުގެ ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންދެވުމަށް ނަޝީދު މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގަންނަވާފަ އެވެ.