Roadha Mihaaru
ޑްރަގް ނެޓްވޯކެއް ހިންގާކަމަށް ބެލެވޭ މީހަކު ހައްޔަރު

ޑްރަގް ނެޓްވޯކެއް ހިންގާ ކަމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި؛ ފެނުނު ތަކެތި އެހެން މީހެއްގެ ބޮލަށް

10 ޖޫން 2023

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އޭގެ ނެޓްވޯކެއް ހިންގުމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުވާ މީހަކާއި އެކަމުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އޭގެ ނެޓްވޯކެއް ހިންގުމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުވާ މީހަކާއި އެކަމުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ދެ މީހުންނަކީ؛

- އަހްމަދު އަޒާން އަލީ، 22، ގ. ޖެލީފިޝް

- ހުޒައިފަތު ލުތުފީ، 19، ސ. ހިތަދޫ ދުންނިކަގެ

މި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކޯޓަށް ގެންގޮސް ފުލުހުން ބުނި ގޮތުގައި އަޒާން އަކީ މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް އުޅޭ މީހެއް ކަމަށް އިންޓެލިޖެންސް މައުލޫމާތު ވަނީ ލިބިފަ އެވެ. އެހެންވެ އޭނާ އުޅޭތަން، ކޯޓު އަމުރަކަށް ފާސްކުރި އިރު އެތަނުގެ ކޮޓަރިއެއްގައި ހުރި ސޯފާއެއްގައި އަޒާން އިންދާ ފެނުނު ކަމަށް ބުންޏެވެ.

އޭނާ އިން ސޯފާ ކައިރީގައި ހުރި ސައިޑްޓޭބަލް މަތީގައި މަސްތުވާތަކެތި ކަމަށް ޝައްކުވާ އެއްޗެއް ހުރި، ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެ އެވެ. އެހެންވެ ފުލުހުން ބުނީ ސީނަށް ވަން އިރު ވެސް މަސްތުވާތަކެތި ހާމަޔަށް ފެންނަން ހުރި ކަމަށެވެ. އަދި އެތަން އިތުރަށް ފާސްކުރި އިރު މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ ދަޅާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ކަހަލަ ގިނަ އަދަދެއްގެ ސެލޯފިންކޮޅުތައް ފެނިފައިވާ ކަމަށް ވެސް ކޯޓުގައި ފުލުހުން ބުންޏެވެ. އަދި އެތަނުން ފެނުނު އެހެން އެއްޗެހީގެ ތެރޭގައި މަސްތުވާތަކެތި ކިރަން ބޭނުންކުރާ ކަމަށް ބެލެވޭ ކައްޓާއެއް ވެސް ހިމެނެ އެވެ.

އެކަމަކު އަޒާން ބުނީ ފެނުނު މަސްތުވާތަކެއްޗަކީ އޭނާއާ ގުޅުމެއް ހުރި އެއްޗެއް ނޫން ކަމަށާއި އެ ތަކެއްޗަށް އެހެން މީހަކު ޒިންމާވެފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަަތައް ވެސް ހިމެނޭ ގޮތަށް މީގެ ކުރިން އެކި މައްސަލަތަކުގައި 21 ފަހަރު ހައްޔަރުކޮށް އަދި ހަތް ފަހަރު ބަންދުކޮށްފައިވާ އަޒާންގެ ފަރާތުން ކޯޓުގައި ބުނީ އޭނާ އަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއް ކަމަށް ބުންޏަސް އޭނާ އަކީ ހުޅުމާލޭގައި ވޯޓާސްޕޯޓްސް ތަނެއްގައި ވަޒީފާ އަދާކުރާ މީހެއް ކަމަށެވެ. އެކަމަކު ޝަރީއަތުން ނިންމީ ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު ފުލުހުން ބުނާ ވާހަކަ ބޮޑަށް ގަބޫލުކުރެވޭ ކަމަށެވެ.

މި މައްސަލާގައި ދެން ހައްޔަރުކުރި ހުޒައިފަތު ވެސް ހައްޔަރުކުރީ ފުލުހުން ފާސްކުރި ތަނުގައި ހުރި ސޯފާގައި އިންދާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ވަނުމުން ހުޒައިފަތު ވަނީ އެތާ ހުރި ތަކެއްޗަކީ އޭނާގެ އެެއްޗެހި ކަމަށް އެއްބަސްވެފައި ކަމަށް ފުލުހުން ކޯޓުގައި ބުންޏަސް ހުޒައިފަތު ވަނީ އެހެން ބުނި ކަމަށް އިންކާރުކޮށްފަ އެވެ.

މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމުގެ މައްސަލަ ވެސް ހިމެނޭ މީގެ ކުރިން ފަސް ފަހަރު ހައްޔަރުކޮށް އެއް ފަހަރު ބަންދުކޮށްފައިވާ ހުޒައިފަތު ވެސް ބުނީ އޭނާ އަކީ ވަޒީފާއެއްގައި އުޅޭ މީހެއް ކަމަށެވެ.

މި ދެ މީހުން ވެސް ވަކީލަކާ އެކު ހާޒިރުކޮށް ބޭއްވި ބަންދު މަޖިލީހަށް ފަހު ގާޒީ ވަނީ ކޮންމެ މީހެއްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.