Roadha Mihaaru
އިންޓާންޝިޕް އެގްރިމެންޓްގައި ސޮއިކުރުން މަޑުޖައްސާލައިފި

މެޑިކަލް އިންޓާންޝިޕް އެގްރިމެންޓްގައި ސޮއިކުރުން މަޑުޖައްސާލައިފި

11 ޖޫން 2023

އައިޖީއެމްއެޗްގައި މެޑިކަލް އިންޓާންޝިޕް ހަދާ ޑޮކްޓަރުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައިޖީއެމްއެޗްގައި މެޑިކަލް އިންޓާންޝިޕް ހަދާ ޑޮކްޓަރުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލައިފި އެވެ.

ސިއްހީ ދާއިރާ އިން ދިވެހިން ބިނާކުރަން ބާރު އެޅުމުގެ ގޮތުން މިދިޔަ މަހުން ފެށިގެން ސިއްހީ ދާއިރާގެ އެންމެންގެ މުސާރަ ވަނީ ބޮޑުކޮށްފަ އެވެ. އޭގެ އިތުރަށް، މެޑިކަލް އަދި ޑެންޓަލް އިންޓާންޝިޕް ފުރިހަމަކުރާ މީހުންނަށް އެލަވަންސެއް ވެސް ދޭން ނިންމައި، އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއުލާނުކުރައްވައިފަ އެވެ.

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ދޭ 400ރ. ގެ އެލަވަންސް ދޭން ފެށުމަށް އެ ހޮސްޕިޓަލުން އިންޓާނުންނާ އެކު އެއްބަސްވުމެއް ހަދަން ނިންމައި އޭގައި ސޮއިކުރުވަން މީގެ ދެ ހަފުތާއެއް ކުރިން މަސައްކަތްކުރި އެވެ.

އައިޖީއެމްއެޗުގައި މިދިޔަ މާޗު މަހު ފެށި އިންޓާންޝިޕް ބެޗުގައި 35 ޑޮކްޓަރުން އެބަތިއްބެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި، އެލަވަންސް ދިނުމަށް ހެދި އެއްބަސްވުމުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން މުއްދަތު ހަމަވިއިރު ވެސް އޭގައި އެއްވެސް މީހަކު ސޮއެއް ނުކުރެ އެވެ. އެހެންވެ، ފަހުން އެގްރިމެންޓަށް ބަދަލުތައް ގެނައި ނަމަވެސް، އެއްވެސް މީހަކު ސޮއެއް ނުކުރި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިންޓާންޝިޕް އެލަވަންސްގެ އެގްރިމެންޓާ ގުޅޭ ކަންބޮޑުވުންތައް ޕޭ ކޮމިޝަނާއި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ ގުޅިގެން ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެ އެގްރިމެންޓުގައި ސޮއިކުރުން ވަގުތީގޮތުން މަޑުޖައްސާލިކަން ކަށަވަރުކޮށްދިނަސް، އެލަވަންސް ދޭން ފެށޭނެ ދުވަހެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

އެ އެއްބަސްވުން ކުރިން އޮތް ގޮތުން އިންޓާން ޑޮކްޓަރަކުން ދުވާލަކު 8-12 ގައިރު އަދި ހަފުތާގެ ދެ ދުވަހު 32 ގަޑިއިރުގެ ޝިފްޓެއްގައި ވެސް މަސައްކަތްކުރިޔަސް 400ރ. ގެ އިތުރުން އެއްވެސް އެއްޗެއް ނުލިބެ އެވެ.

އިންޓާނުން އެއްބަސްވުމުގައި ސޮއިކުރަން ދެކޮޅު ހެދި އެންމެ ބޮޑު އެއް ސަބަކަކީ އެ އެގްރިމެންޓާއެކު ބޮންޑެއް ލާޒިމްކޮށްފައި އޮތުމެވެ.

ކަންބޮޑުވުން ފާޅުކޮށް "މިހާރު" އާ ވާހަކަދެއްކި އިންޓާން ޑޮކްޓަރަކު ބުނީ ސިވިލް ސާވިސްގެ އޮނިގަނޑުގެ ދަށުން އެއްވެސް މަގާމެއް ނޯންނަ އިރު އަދި މުސާރައެއްގެ ބަދަލުގައި ދޭ އެލަވަންސްއަކާ ހެދި ދެ އަހަރުގެ ބޮންޑެއް އޮތުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ.

"މި އެލަވެންސަކީ ސަރުކާރުން ދޭ އިނާޔާތަކަށް ވާއިރު މި އެއްބަސްވުން އުވާލަން ޖެހިއްޖެ ނަމަ އިންޓާންގެ ފަރާތުން އައިޖީއެމްއެޗަށް އެބަޖެހޭ ފައިސާ އަނބުރާ ދައްކަން. އޭގެ އަނެއްކޮޅުން، އެއްބަސްވުމުގެ މުއްދަތަކީ ދެ އަހަރު ދުވަސް ކަމަށް ވިޔަސް ބަޔާންކޮށްފައިވާ މުއްދަތު ނިމުމުގެ ކުރިން އިތުރަށް ކިޔަވަން ދާން ބޭނުންވެއްޖެ ހާލަތެއްގައި ބޮންޑަށް ވާނެ ގޮތް ތަފްސީލުކޮށްފައެއް ވެސް ނެތް." އިންޓާން ޑޮކްޓަރަކު ބުންޏެވެ.

އެއްބަސްވުމުގައި ބުނާ ގޮތުން، ސަރުކާރަށް ހިދުމަތްކުރަން އެދިފައިވަނިކޮށް، ސަރުކާރުން ކަނޑައަޅާ ތަނެއްގައި މަސައްކަތް ނުކޮށް ޕްރައިވެޓް ޕްރެކްޓިސް ކުރުމަކީ މަނާކަމެކެވެ. އަދި ޕްރައިވެޓް ޕްރެކްޓިސް ކުރަން ވާނީ ސަރުކާރަށް ހިދުމަތް ކުރަންޖެހޭ ހާލަތެއްގައި އެ ހިދުމަތަށް އެއްވެސް ހުރަހެއް ނޭޅޭ ގޮތަށް ކަމަށް ވެސް ބުންޏެވެ. އެކަމަކު އިންޓާނުންގެ ތެރޭގައި ލޯނު ނަގައިގެން އަމިއްލަ ހަރަދުގައި ކިޔެވި މީހުން ވެސް ހިމެނޭއިރު މިއީ އިންސާފެއް ނޫން ކަމަށް "މިހާރު" އާ ވާހަކަ ދެއްކި އިންޓާނަކު ބުންޏެވެ.

ޕްރޮގްރާމްގެ އެއްވެސް ހިސާބަކުން ނުވަތަ އިންޓާންޝިޕް ނިންމާ ފަހުން ދިމާވާ އަމިއްލަ ބާރު ނުފޯރުވޭ ބޮޑު ކަމެއްގައި ހޮސްޕިޓަލަށް ގަބޫލުކުރެވޭ މަގުބޫލު އުޒުރަކާ ލައިގެން އެއްބަސްވުން އުވާލާ ނަމަ ވެސް އެހާތަނަށް ހޮސްޕިޓަލުން ހަރަދު ކުރި ފައިސާ، ދެ ފަރާތުން އެއްބަސްވާ ތާވަލަކާ އެއްގޮތަކަށް އަނބުރާ ދައްކަންޖެހެ އެވެ.

އައިޖީއެމްއެޗްގައި މެޑިކަލް އިންޓާންޝިޕް ފެށީ 2017 ވަނަ އަހަރު އެވެ. މެޑިސިން ކިޔަވާ ކުދިންނަށް ޑޮކްޓަރު ކަމުގެ ފާސް ލިބެނީ މެޑިކަލް އިންޓާންޝިޕް ފުރިހަމަ ކުރުމުންނެވެ. އެއީ ފަހެއް ނުވަތަ ހަ އަހަރު ޑޮކްޓަރުކަން ކިޔެވުމަށް ފަހު، ތަމްރީނު ހޯދުމުގެ އެއް އަހަރުގެ ޕްރޮގްރާމެކެވެ.