Roadha Mihaaru
ރާއްޖޭގައި އެންޓިބަޔޮޓިކް ކަނީ މާ ގިނައިން!

ރާއްޖޭގައި އެންޓިބަޔޮޓިކް ކަނީ މާ ގިނައިން، އެއީ ބޮޑު ނުރައްކަލެއް!

24 މާޗް 2022

ހަށިގަނޑުގެ ގުނަވަނެއްގައި އިންފެކްޝަނެއް އުފެދޭ ކޮންމެ ފަހަރަކު އެންޓިބަޔޮޓިކް ބޭނުންކުރާކަށް ނުޖެހެ އެވެ. އެކަމަކު، ދިވެހިން ބޭސް ކާ މިންވަރު އިތުރުވަމުންދިއުމާ އެކު، ބޭހަށް ނުގުޑާ ޖަރާސީމުގެ ނުރައްކާ މި ވަނީ އާދަޔާ ހިލާފަށް ބޮޑުވެފަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަށިގަނޑުގެ ގުނަވަނެއްގައި އިންފެކްޝަނެއް އުފެދޭ ކޮންމެ ފަހަރަކު އެންޓިބަޔޮޓިކް ބޭނުންކުރާކަށް ނުޖެހެ އެވެ. އެކަމަކު، ދިވެހިން ބޭސް ކާ މިންވަރު އިތުރުވަމުންދިއުމާ އެކު، ބޭހަށް ނުގުޑާ ޖަރާސީމުގެ ނުރައްކާ މި ވަނީ އާދަޔާ ހިލާފަށް ބޮޑުވެފަ އެވެ.

އެކަމުގެ ކަންބޮޑުވުންތައް ރާއްޖޭގައި ބޭހުގެ ހުރިހާ ކަމެއް ރެގިއުލޭޓްކުރާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި ޑޮކްޓަރުން ފާޅުކުރެ އެވެ.

އެމްއެފްޑީއޭގެ ޑިރެކްޓަރު އައިޝަތު ޖަލީލާ ވިދާޅުވި ގޮތުގައި ޑޮކްޓަރުންގެ ބޭސް ސިޓީ ނެތި ވެސް ގިނަ މީހުން ބޭސް ކަނީ ހޭލުންތެރިކަން ނެތުމުންނެވެ. ނަމަވެސް، މިއީ އެގޮތަށް ދޫކޮށްލެވޭ ވަރަށް ވުރެ ސީރިއަސް މައްސަލައެކެވެ.

ކޮންމެ ނޮވެމްބަރު މަހެއްގައި އެންޓިބަޔޮޓިކަށް ހޭލުންތެރިކުރުމުގެ ހަފްތާއެއް ފާހަގަކުރެ އެވެ. އެ ކަންތައްތައް، ކޮވިޑަށް ވުރެ ނުރައްކާތެރި ހާލަތަކަށް ދުނިޔެ ގޮސްދާނެ ކަމަށް މިހާރު ވެސް އޮތީ ލަފާކޮށްފަ އެވެ.

ޖަލީލާ ވިދާޅުވީ އެންޓިބަޔޮޓިކްގެ ތެރޭގައި ފަހުގެ ޖެނެރޭޝަނަށް ރައްކާކޮށްފައި ހުރި ބައެއް ވެސް އެބަހުރި ކަމަށެވެ. އެކަމަކު ކުރިއަށް އޮތް މުސްތަގުބަލުގައި ވެސް އެންޓިބަޔޮޓިކް އުފެއްދެން ނެތި އަދި މިހާރު ހުރި ޖަރާސީމަށް ބޭސް ނުގުޑައިފިނަމަ ވާނީ "ދުނިޔެ ނިމުން" ފަދަ ކަމަކަށެވެ.

"އެކަންތަކަށް ޓެކްލް ކުރުމަށްޓަކައި މި ހުންނަނީ ގަވައިދުތަކެއް ހަދާފައި، ބޭސް ސިޓީއާ ނުލައި އެންޓިބަޔޮޓިކް ވިއްކުމަކީ މަނާކަމެކޭ،" އޭނާ ވިދާޅުވި އެވެ.

ކުޑަ އިންފެކްޝަނަކަށް އެންޓިބަޔޮޓިކް ނުދީ

އެތެރެހަށީގެ ޑޮކްޓަރު، ޑރ. އަހުމަދު އަބްދުﷲ ވިދާޅުވި ގޮތުގައި ގިނަ ފަހަރަށް އެންޓިބަޔޮޓިކް ބޭނުން ކުރެވެނީ ބޭނުން ނެތް ގޮތުގައި ކަމަށެވެ. ޓެސްޓުތައް ހަދައި އިންފެކްޝަނެއްކަން ޔަގީންވިޔަސް ކޮންމެ ކަމަކަަށް އެންޓިބަޔޮޓިކް ދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ފާމަސީތަކެއް ކައިރީގައި ބަޔަކު މަޑުކޮށްލައިގެން: ބޭސް ސިޓީއާ ނުލައި އެންޓިބަޔޮޓިކް ވިއްކުމަކީ މަނާ ކަމަކަށް ވިޔަސް ފާމަސީތަކުން އެގޮތަކަށް އަމަލެއް ނުކުރޭ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފާމަސީތަކެއް ކައިރީގައި ބަޔަކު މަޑުކޮށްލައިގެން: ބޭސް ސިޓީއާ ނުލައި އެންޓިބަޔޮޓިކް ވިއްކުމަކީ މަނާ ކަމަކަށް ވިޔަސް ފާމަސީތަކުން އެގޮތަކަށް އަމަލެއް ނުކުރޭ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ވައިރަލް އިންފެކްޝަން ފަދަ ބައްޔަކަށް ނުވަތަ އެންޓިބަޔޮޓިކް ބޭނުން ނުވާ މިންވަރަށް، ޑޮކްޓަރެއްގެ އިރުޝާދާ ނުލައި ބޭނުންކުރުމުން ބޭހަށް ނުގުޑާ ޖަރާސީމަށް ބަދަލުވެގެންދެ އެވެ.

ޑޮކްޓަރުން ގިނަ ފަހަރަށް އެންޓިބަޔޮޓިކް ދެނީ ހަށިގަނޑުގައި ހުންނަ ޖަރާސީމު ވެސް ދެނެގަނެ، އެއަށް ފުދޭ ޑޯޒެވެ. އެކަމަކު، ރަނގަޅަށް އެންޓިބަޔޮޓިކް ބޭނުން ނުކޮށްފިނަމަ ހަށިގަނޑުގައި ދިގުމުއްދަތަކަށް ހުންނަ ޖަރާސީމުތައް ވެސް، އާއްމުކޮށް މި ބޭނުންކުރާ ބޭސްތަކަށް ނުގުޑާ ޖަރާސީމަށް ބަދަލުވެގެންދާނެ އެވެ.

"އޭގެ ސަބަބުން އެ މީހަކަށް އިނެފްކްޝަނެއް ޖެހޭއިރު، އާދައިގެ އިންފެކްޝަނެއް ޖެހުނަސް ޖެހެނީ އެންޓިބަޔޮޓިކަށް ނުގުޑާ ޖަރާސީމުތަކުން. އެ ހިސާބުން މީހާ ބަލިވެގެން ބޭހެއް ދޭން ބަލާއިރު ދޭނެ ބޭސްތަކެއް ނުލިބޭ. މީހަކަށް އިންފެކްޝަނެއް ޖެހިގެން އައިސް މި ފައްޓާ އެންޓިބަޔޮޓިކްތައް މަސައްކަތެއް ނުކުރޭ. އެހެންވެ، ވަރަށް ގިނަ ފަހަރަށް ބަލި ބޮޑުވެގެންދާނެ. ވަރަށް ގިނަ ހާލަތުގައި ދޭނެ ބޭހެއް [އެންޓިބަޔޮޓިކެއް] ނެތުން، އެއީ ވެސް ދިމާވާ ހާލަތެއް،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންޓިބަޔޮޓިކް ދޭނީ މީހަކަށް ޖެހޭ އިންފެކްޝަނަކީ ބެކްޓީރިއާގެ ސަބަބުން ޖެހޭ އިންފެކްޝަނެއްކަން ޔަގީންވުމުން ކަމަށެވެ. އެކަމަކު، ބަލި މީހުންގެ ޕްރެޝަރާ ހެދި ވެސް ބައެއް ފަހަރު އެންޓިބަޔޮޓިކް ކޮންމެހެން ދޭން ނުޖެހޭ ހާލަތްތަކުގައި އެ ބޭސް ދޫކޮށްފައި ހުރެ އެވެ.

އޭގެ އެއް މިސާލަކީ، އެެއް ޑޮކްޓަރަށް ދައްކައި ރަނގަޅުނުވެގެން އަނެއް ޑޮކްޓަރަށް ދައްކައިގެން ބަލީގެ ހާލަތަށް ބަދަލެއް ނައުމުން، ދެން ދާ ޑޮކްޓަރު އެންޓި ބަޔޮޓިކެއް ދިނުމުގެ ފުރުސަތު ބޮޑުވުމެވެ.

"ޑޮކްޓަރުން ބޭސް ލިޔެދިނުމުގައި މައްސަލަތަކެއް ހުންނާތީ އަދި ވެސް ބޭސް ލިބެނީ. އަނެއް ގޮތަކީ ގޭގެ އެހެން މީހަކަށް ހަމަ އެ ބައްޔަށް ދީފައި ހުންނަ ބޭސް އަމިއްލައަށް ބޭނުންކުރުން. ނަމަވެސް މީގައި ގިނަވާނީ އަޅުގަނޑަށް ބެލެވޭ ގޮތުން ބޭސް ލިޔެދިނުމުގައި، ބޭނުން ނުވާ ހާލަތްތަކުގައި އެ ބޭސް ބޭނުންކުރަން ދިނީމަ މި މައްސަލަ ދިމާވާ ހާލަތްތައް،" އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި ވަކި މުއްދަތަކަށް އެންޓިބަޔޮޓިކް ދެނީ، އެއީ ޖަރާސީމު ނައްތާލެވޭނެ ކަމަށް ލަފާކުރާ ދުވަހަށް ވާތީ އެވެ. ނަމަވެސް އެ މުއްދަތަށް ބޭސް ބޭނުން ނުކުރާނަމަ ޖަރާސީމު ނައްތާނުލެވޭ ކަމަށާއި އޭގެ ސަބަބުން އެންޓިބަޔޮޓިކަށް ނުގުޑާނެ ގޮތްތަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ގޮތަށް ހާލު ދެރަވަމުން، އެންމެ ފަހުން ފެންނަނީ، އަހުމަދު ވިދާޅުވި ގޮތުގައި ބޭހަށް ނުގުޑާ ޖަރާސީމަކުން ބަލި ބޮޑުވާ ތަނެވެ.

ޑރ. އަހުމަދު، "މިހާރު" އަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި.-- ފައިލް ފޮޓޯ: މިހާރު

ޑރ. އަހުމަދު، "މިހާރު" އަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި.-- ފައިލް ފޮޓޯ: މިހާރު

"އެއީ އޭގެ ނުރައްކަލަކީ. އެ ދީފައި އިންނަ މުއްދަތު ފުރިހަމަކުރުމުގެ މުހިއްމުކަމަކީ."

ރާއްޖޭގައި އާއްމުކޮށް އެންޓިބަޔޮޓިކް ބޭނުންކުރަނީ ރޯގާ ނުވަތަ ނިއުމޯނިޔާއަކުން ނުވަތަ ޔޫރިން އިންފެކްޝަނަށެވެެ.

އެ ކަންކަމަށް ބޭނުންކުރާ ބޭސްތައް ވަރަށް ގިނަ ޖަރާސީމް ބަލިކޮށްލަން ބޭނުންކުރެވެ އެވެ. އެހެންވުމުން، އެންޓިބަޔޮޓިކް ރެސިސްޓެންސް އައުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ.

އާ ބޭހެއް ނުއުފެއްދޭ، ކެންސަރަށް ވުރެ ނުރައްކާވާނެ

އަހުމަދު ވިދާޅުވީ މީހެއްގެ ގަޔަށް ބޭހަށް ނުގުޑާ ޖަރާސީމެއް އެރިޔަސް، ހައި ލެވެލްގެ އާ އެންޓިބަޔޮޓިކެއް ދެވޭކަށް ނެތެވެ. ފާއިތުވި 20-30 ވަރަކަށް އަހަރުގެ ތެރޭގައި އަލަށް އުފައްދާފައިވަނީ 10 ވަރަކަށް އެންޓިބަޔޮޓިކެވެ. ހާއްސަކޮށް މަސައްކަތްކުރާ އުފައްދާފައިވަނީ ދެ އެންޓިބަޔޮޓިކެކެވެ.

"އެކަމަކީ އަސްލު ހަގީގަތުގައި ނާއުއްމީދުވާން ޖެހޭ، ނުތަނަވަސްވާ ވަގުތުކޮޅެއް. ވަރަށް ހައި ލެވެލް އެންޓިބަޔޮޓިކް ބޭނުންކޮށްގެެން މިގޮތަށް ހުންނަ ވަރަށް ގިނަ އެންޓިބަޔޮޓިކަށް މަސައްކަތްނުކުރާ އިންފެކްޝަނަށް ފަރުވާކުރުމަށް މަސައްކަތްކުރަނީ. އެހެން ނަމަވެސް އެއީ ވަރަށް ގިނަ ފަހަރު ނާކާމިޔާބު ވުމުގެ ފުރުސަތު ބޮޑުވޭ، އެންޓިބަޔޮޓިކަށް ނުގުޑާ ޖަރާސީމެއް އެރުމަށްފަހު،" އޭނާ ވިދާޅުވި އެވެ.

"ހައި-ލެވެލް އެންޓިބަޔޮޓިކެއް ބޭނުންކޮށްފިއްޔާ ދެން ފަހަރަކުން އެ މީހާ ރަނގަޅުވިޔަސް ހައި-ލެވެލް އެންޓިބަޔޮޓިކް ރެސިސްޓެންސް ޖަރާސީމަކަށް ދެން ޖެހުމުގެ ފުރުސަތު ބޮޑުވޭ. މިއީ ހަގީގަތުގައި ވަރަށް ނުރައްކާތެރި ހާލަތެއް. ކެންސަރު ޖެހުމަށްވުރެ ވެސް މީހާގެ ހާލަތު ގޯސްވެގެން ދިއުން ނޫނީ ކެންސަރު ޖެހިގެން މީހުން މަރުވާ ވަރަށްވުރެ ގިނަ މީހުން ބޭހަށް ނުގުޑާ ޖަރާސީމް އަރައިގެން މަރުވުމުގެ ފުރުސަތު ބޮޑު،"

އޭނާ ވިދާޅުވީ ބޭހަށް ނުގުޑާ ޖަރާސީމު އުފެދުމުގައި ފަރުވާ ދިނުމުގައި ހުންނަ ކަންކަމާއި އަމިއްލަ ދިރިއުޅުން ހުންނަ ގޮތުން ވެސް އެގޮތް މެދުވެރިވާ ކަމަށެވެ. އެ ކަންކަމަކީ؛

- ކާންނުޖެހޭ ބޭހެއް ކެއުމުގެ ސަބަބުން

- ބޭސް ކާންޖެހޭ މުއްދަތަށް ބޭސް ނުކެއުން

- ބޭސް ކާންޖެހޭ ޑޯޒް ފުރިހަމަނުކުރުން

ބޭސްތަކެއް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ބޭސްތަކެއް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޖަރާސީމާ ދެކޮޅު މި މަސައްކަތަކީ މޮޅުވެފައި އޮތް ހަނގުރާމައެއް ކަމަށް ބެލެވިފައި އޮތަސް، ކުރިއަށް އޮތް ތަނުގައި ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ނުވަތަ ސާޖަރީއެއް ކުރަން ވިޔަސް ބޭހަށް ނުގުޑާ ޖަރާސީގެ މައްސަލަ މިހާ ގޯސްވެއްޖެ ނަމަ އެ ހުރިހާ ކަމެއް ހުއްޓިގެން ދާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

"ހައި-ލެވެލް އެންޓިބަޔޮޓިކެއް ބޭނުންކޮށްފިއްޔާ ދެން ފަހަރަކުން އެ މީހާ ރަނގަޅުވިޔަސް ހައި-ލެވެލް އެންޓިބަޔޮޓިކް ރެސިސްޓެންސް ޖަރާސީމަކަށް ދެން ޖެހުމުގެ ފުރުސަތު ބޮޑުވޭ. މިއީ ހަގީގަތުގައި ވަރަށް ނުރައްކާތެރި ހާލަތެއް. ކެންސަރު ޖެހުމަށްވުރެ ވެސް މީހާގެ ހާލަތު ގޯސްވެގެން ދިއުން ނޫނީ ކެންސަރު ޖެހިގެން މީހުން މަރުވާ ވަރަށްވުރެ ގިނަ މީހުން ބޭހަށް ނުގުޑާ ޖަރާސީމް އަރައިގެން މަރުވުމުގެ ފުރުސަތު ބޮޑު،"

އެހެންވެ، ކުދިކުދި ކަންތައްތަކުގައި އެންޓިބަޔޮޓިކް ދިނުމަށް ޑޮކްޓަރުންނަށް ޑިމާންޑު ނުކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. އަދި ޑޮކްޓަރަކު އެންޓިބަޔޮޓިކެއް ދިން ނަމަވެސް އެ ބޭސް ބޭނުން ނުކޮށް ބަލި ރަނގަޅުނުވާނެތޯ ސުވާލުކުރުން ވެސް ވަރަށް މުހިއްމުކަން އޭނާ ފާހަގަކުރައްވަ އެވެ.

ބޭހަށް ނުގުޑާ ޖަރާސީމު ވަރަށް ގިނައިން ފެންނަ ކަމަށް ވިދާޅުވެ، އޭގެ މިސާލެއްގެ ގޮތުން އޭނާ ނެންގެވީ ދިފާއީ ނިޒާމް ކިރިޔާ ވެސް ދަށް މީހެއް އައިޖީއެމްއެޗްގައި އެއް ދުވަހު ވެސް އެޑްމިޓުކުރަން ބިރުގަންނަ ވަރަށް ކަންތައްތައް ގޮސްފައިވުމެވެ.

"ވަރަށް ގިނައިން ބަލި މީހުން ކައިރީގައި ބުނާނެ އެއް ދުވަސް ފަހުން ކިރިޔާ ރަނގަޅުވާއިރަށް އަވަހަށް ގެއަށް ދާށޭ، ޑިސްޓާޖްވެގެން. މިކޮޅުގައި ގިނައިރު ތިބިއްޖެނަމަ ނުރައްކާތެރި ޖަރާސީމެއް އަރައިގެން ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ދާނެ. ވަރަށް ނުރައްކާތެރި ހާލަތެއްގައި މި ކަންކަން މި އޮތީ،" އަހުމަދު ވިދާޅުވި އެވެ.

"ކޮވިޑުގައި ވަރަށް ގިނަ މީހުން ނިޔާވެގެން ދިޔައިރު، ހަގީގަތުގައި އޭގެ ތެރެއިން ވަރަށް ބޮޑު ޕަސެންޓަކީ ކޮވިޑު ރަނގަޅުވެފައި އޭގެ ފަހުން ބޭހަށް ނުގުޑާ ޖަރާސީމު އަރައިގެން އެ ޖަރާސީމުގެ ސަބަބުން ދުނިޔެ ދޫކޮށް ދިޔަ މީހުން. އޭގެ އިމްޕެކްޓް ވަރަށް ބޮޑު."

ރަށުތެރެއިން އަރާ އިންފެކްޝަނަށް ވުރެ ހޮސްޕިޓަލުން އަރާ އިންފެކްޝަންގެ ނުރައްކާ ބޮޑުއިރު، އެ މީހެއްގެ ގަޔަށް އެއް ފަހަރު ވެސް ބޭހަށް ނުގުޑާ ޖަރާސީމެއް އަރައިފިނަމަ ދެ ވަނަ ފަހަރަށް އެ އިންފެކްޝަން ކޮންޓްރޯލް ކުރަން ވަރަށް އުނދަގޫވާނެ އެވެ. އެ ކަންބޮޑުވުންތަކާ ހެދި މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށް ޑޮކްޓަރުން ގަބޫލުކުރައްވަ އެވެ.