Roadha Mihaaru
އަސަދު: ދުވަސްވީ ތަދުތަކަށް ހާއްސަ ފުރަތަމަ ޑޮކްޓަރު

ޑރ. އަސަދު: ދުވަސްވީ ތަދުތަކަށް ހާއްސަ ފުރަތަމަ ދިވެހި ޑޮކްޓަރު

07 އޯގަސްޓް 2024

ދުވަސްވީ ތަދުތަކަށް ފަރުވާ ދިނުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އަސަދު ޝަހީދު އައިޖީއެމްއެޗާ ގުޅިވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދުވަސްވީ ތަދުތަކަށް ފަރުވާ ދިނުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އަސަދު ޝަހީދު އައިޖީއެމްއެޗާ ގުޅިވަޑައިގެންފި އެވެ.

ވޯލްޑް ފެޑެރޭޝަން އޮފް ސޮސައިޓީސް އޮފް އެނެސްތީސިއޮލޮޖިސްޓް އާއި އިންޓަނޭޝަނަލް އެސޯސިއޭޝަން ފޯ ދަ ސްޓަޑީ އޮފް ޕެއިން ގުޅިގެން މި ސަރަހައްދުގެ ގައުމުތަކަށް ކޮންމެ އަހަރަކު ވެސް ފެލޯޝިޕްގެ ދެ ސްކޮލަޝިޕަށް ހުޅުވާލަ އެވެ. އެ ތަނުން އެއް ޖާގަ ހޯއްދެވީ ހޭނައްތާ ޑޮކްޓަރެއްގެ ގޮތުގައި ސަރުކާރުގެ މައި ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވި އަސަދެވެ.

ތަދުތަކަށް ހާއްސަވުމަށް ބެންކޮކްގެ މަހިޑޯލް ޔުނިވާސިޓީގައި ގެންދިޔަ އެއް އަހަރުގެ ފެލޯޝިޕް ނިންމުމަށްފަހު އޭނާ އައިޖީއެމްޗާ ގުޅިވަޑައިގަތީ މި ހަފުތާގަ އެވެ.

އަސަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ހަށިގަނޑުގެ ތަނަކަށް ތަދުވާތާ ތިން މަސް ދުވަހަށް ވުރެ ގިނަ ވެއްޖެ ނަމަ، އެކަން ބަލާނީ ގިނަ ދުވަސްވީ ތަދު ނުވަތަ ކްރޮނިކަލް ޕެއިންގެ ގޮތުގަ އެވެ. ނަމަވެސް، އެ ފަދަ ތަދުތަކަށް އެކަށީގެންވާ ގޮތެއްގައި ފަރުވާ ދެވޭނެ ގޮތެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަދުތަކަށް ހާއްސަ ޑޮކްޓަރެއް ނެތް ނަމަ ފަރުވާ ދޭނީ ކަށީގެ ނުވަތަ ނާރުގެ ޑޮކްޓަރެކެވެ.

އެކަމަކު، ޕެއިން ސްޕެޝަލިޓީ އެޕްރޯޗުގައި ބޮޑަށް އިންނާނީ، ތަދަކީ އަލާމާތެއް ކަމަށް ބަލައި އެ ތަދަށް ފަރުވާ ކުރުން ކަމަށް ވާތީ އެންމެ ރަނގަޅު ގޮތަކީ ތަދުގެ ހާއްސަ ޑޮކްޓަރަށް ދައްކައި ބޭސް ރަނގަޅުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޮޕަރޭޝަން ނުކުރެވޭ ނަމަ އިންޖެކްޝަން ޖެހުމާއި ޕީއާރުޕީ އަދި ސާޖަރީއާ ގުޅުން ހުރި އެހެން ޕްރޮސީޖާތައް މިހާރު ހެދޭނެ އެވެ. އެ ހިދުމަތްތަކާ އެކު ޕެއިން ސްޕެޝަލިސްޓުންގެ މައިގަނޑު އަމާޒަކީ ތަދު ޒީރޯ ކުރުމަށްވުރެ މީހާގެ ހަށިގަނޑުގެ ހަރަކާތްތައް ރަނގަޅުކުރުން ކަމަށް އަސަދު ވިދާޅުވި އެވެ.

ތަނެއް ކަނޑައިގެން ލިބޭ އަނިޔާއެއް ނުވަތަ ޒަހަމެއް ރަނގަޅުވުމުން ބައެއް ފަހަރު ތަދު ފިލައިގެން ދެ އެވެ. އަނެއް ބައި ފަހަރު ތަދު ދެމިގެންދެ އެވެ. ނަމަވެސް، ޑޮކްޓަރަށް ދެއްކިއަސް މައްސަލަ ނުފެންނަ ކަމަށާއި އެ ހާލަތުގައި މައްސަލައަކަށް ވާނީ، އަސަދު ވިދާޅުވި ގޮތުގައި، ތަނެއް ކަނޑައިގެން ދިއުމެއް ނޫނެވެ. އެއީ ތަދުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަސަދު ވިދާޅުވީ ޑަބްލިއުއެޗްއޯއިން ބަލިތަކުގެ ކްލެސިފިކޭޝަން ކޮންމެ ތިން އަހަރަކުން ރިވިއު ކުރާއިރު، އެ ރިވިއުގެ 10 ވަނަ އެޑިޝަންއާ ހަމައަށް ވެސް ކްރޯނިކް ތަދަކީ ބައްޔެއް ކަމަށް ބަޔާން ނުކުރާ ކަމަށެވެ. އެކަމަކު، 11 ވަނަ ރިވިޝަން އޮތީ ބައްޔެއްގެ ގޮތުގައި ކްރޯނިކް ޕެއިންގެ ގޮތުގައި ނަގަން ބާރު އަޅައިފަ އެވެ.

"...ހަދާ އެކްސްރޭއިން ފެންނަ އެއްޗަކާއި އެ ބައްޔަކާއި އޭނަ އެ ކުރާ ކޮމްޕްލެއިންނަކާ ދިމާ ނުވޭ.-- އެ ބަލި ހައްލުކުރުމަށް ވުރެ އެ ތަދު ހައްލުކުރަން އުޅުނީމަ ވާ ފައިދާ މާ ބޮޑު ކަމަށް ފެންނަނީ." އަސަދު ވިދާޅުވި އެވެ.

ޑރ. އަސަދު މަހިޑޯލް ޔުނިވާސިޓީގައި.

ޑރ. އަސަދު މަހިޑޯލް ޔުނިވާސިޓީގައި.

އޭނާ ވިދާޅުވި ގޮތުގައި ބަލި މީހާގެ ގައިން ޒަހަމެއް އަދި އަނިޔާއެއް ފެންނައިރު، ބަލި ހާލަތާ ގުޅިގެން އޮޕަރޭޝަން ކުރަން ބޭނުން ނުވިއަސް، ގައިގައި އަޅާ ތަދު ކަނޑުވަންޖެހެ އެވެ.

"އިމީޑިއަޓް ހައްލެއް ހޯދުމަށްވުރެ ދާއިމީ ހައްލެއް ހޯދަންޖެހޭ ކަމެއް. ގިނަ ފަހަރަށް ތަދުވާ ސަބަބު ހޯދަން އުނދަގޫވޭ. އިމިޑިއެޓް ހައްލެއް ހޯދަން އޮޕަރޭޝަނެއް ކުރުން ނުވަތަ ބޮޑު އެހެން ފަރުވާއެއް ކުރުމުގައި ކޮންމެ ވެސް ވަރެއްގެ ސައިޑްއިފެކްޓްސް ގިނަ ފަހަރަށް އަންނާނެ. ..މެޑިކަލް ބައެއް ކަންކަން، ހަކުރު ވެސް، ޕްރެޝަރު ވެސް ހުންނާނެ، މި ކަހަލަ ކަންތައްތަކާ ހުރެ އޮޕަރޭޝަން ކުރަން އުނދަގޫކަމަށް ވެފައި ހުންނަނީ. ލޯންގްޓާމްގައި މިއާއެކު އުޅޭ ބަޔަކަށް އޭތި ހަދަން އެބަޖެހޭ." އަސަދު ވިދާޅުވި އެވެ.

އެމެރިކާގެ ދިރާސާއަކާ ހަވާލަދެއްވައި އަސަދު ވިދާޅުވީ ދުވަސްވީ ތަދުތަކާ ހެދި ވަޒީފާއަށް ނުދެވިގެން އެ ގައުމުގައި އަހަރަކު 50 ބިލިއަން ޑޮލަރުގެ ގެއްލުން ލިބޭ ކަމަށެވެ. އެކަމަކު، ތަދުތަކަށް ހާއްސަ ޑޮކްޓަރަކާއެކު ފަރުވާ ގެންދާނަމަ ތަދުތަކަށް ލުޔެއް ލިބި، މީހާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާކަން އަސަދު ފާހަގަކުރެއްވި އެވެ.