Roadha Mihaaru
ފުއްގިރި ޑީލްގެ މަޝްވަރާގައި ބޮންޑޭ ބައިވެރިވި: އަދީބު

ފުއްގިރި ޑީލްގެ މަޝްވަރާގައި މެންބަރު ބޮންޑޭ ބައިވެރިވި: އަދީބު

12 ޖޫން 2023

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގެ މަޝްވަރާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ބައިވެރިވެވަޑައިގެންނެވި ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގެ މަޝްވަރާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ބައިވެރިވެވަޑައިގެންނެވި ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.

ކޯޓުގައި މިއަދު އޮތީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ އަހްމަދު ކްރިކް ރިޒާ ލައްވައި ރިޝްވަތުގެ ގޮތުގައި 1.3 މިލިއަން ޑޮލަރު ގަބޫލުކޮށް އޭގެ ތެރެއިން 1.1 މިލިއަން ޑޮލަރު ސަން ކުންފުނީގެ ދެ އެކައުންޓެއް މެދުވެރިކޮށް ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެެ އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާގައި ހެކިބަސް ނެގުމެވެ.

މިއަދުގެ އަޑުއެހުމުގައި ބޮންޑޭގެ ނަން އެންމެ ފުރަތަމަ އައީ މިއަދު އެންމެ ފުރަތަމަ ހެކިބަސް ދިން އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުއާ ސުވާލުކުރުމަށް ދިން ފުރުސަތުގައި ޔާމީންގެ ވަކީލުންގެ ފަރާތުންނެވެ. ފުއްގިރިއާ ބެހޭ ގޮތުން އިބްރާހިމް ރަޝީދު ކިޔާ މީހަކާ އެއްވެސް މުއާމަލާތެއް ކުރިތޯ ދިފާއުން ސުވާލުކުރި އެވެ. އެހެން ކިޔާ މީހަކާ މުއާމަލާތް ނުކުރާ ކަމަށް ޒިޔަތު ވިދާޅުވުމުން ދިފާއުން ވަނީ އެއީ މެމްބަރު ބޮންޑޭކަން ސާފުކޮށް ބުނެފަ އެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތުގެ ކުށް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ޒިޔަތާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ވިދާޅުވީ ފުއްގިރި މުއާމަލާތުގައި ކްރިކް ރިޒާ ނޫން މީހަކާ މުއާމަލާތު ނުކުރާ ކަމަށެވެ.

މާފުށީ ޖަލުން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ހަމަ އެ ސުވާލު ކުރިމަތިކުރައްވައިފަ އެވެ. ޔާމީން ވަނީ އިބްރާހިމް ރަޝީދު ކިޔާ މީހަކާ ޒިޔަތާ މުއާމަލާތް ނުކުރި ނަމަވެސް އެމްއެމްޕީއާރްސީއާ މުއާމަލާތްކުރިތޯ ޔާމީން ސުވާލުރެއްވި އެވެ.

ޒިޔަތުގެ ފަހުން އަދީބު ދެއްވި ހެކިބަހުގައި ވިދާޅުވީ ފުއްގިރި އިންޑިއާގެ ބަޔަކަށް ދޭން ދެންނެވީ ޔާމީން ކަމަށެވެ. އަދީބު ވިދާޅުވި ގޮތުގައި އިންޑިއާގެ ވަރަށް ވަރުގަދަ ބަޔަކު އަންނާނެ ކަމަށާއި އެ މީހުންނަށް 2.5 މިލިއަނަށް ފުއްގިރި ދޭން ރަނގަޅުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

އިންޑިއާ މީހުންނާ ބައްދަލުކުރަން ޔާމީން ވިދާޅުވުމުން ބޭއްވި ބައްދަލުވުމުގައި ބޮންޑޭ ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް އަދީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ބައްދަލުވުމުގައި 2.5 މިލިއަނަށް އަގު ކަނޑައަޅައި އެއްބަސްވި ކަމަށެވެ.

ދިފާއުގެ ސުވާލުތަކުން މާނަކުރެވުނީ ފުއްގިރި ކުއްޔަށް ދިން ކްލެސިކް ސިޓީ ހޯލްޑިންގްސްގެ ފަރާތުން ދިން ފައިސާތަކެއް ލިބުމުގައި ބޮންޑޭގެ ބައިވެރިވުން ނުވަތަ އެނގުން އޮވެގެން ކުރި ކަމެއްގެ ގޮތުގައި ބުނެދޭން މަސައްކަތްކުރި ކަމަށެވެ.