Roadha Mihaaru
ވެރިކަމުގެ ސިއްކަ މިޖެހެނީ ވަރަށް ގޯސްކޮށް!

އަދީބާއި ޒިޔަތު މިނިވަންކުރުން: ވެރިކަމުގެ ސިއްކަ މިޖެހެނީ ވަރަށް ގޯސްކޮށް!

14 ނޮވެމްބަރ 2023

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނެޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އުފަލުން ނަށާނެ އެވެ؛ އެކަމަކު، އެ ދެ ބޭފުޅުން، އިސްކޮށް ތިއްބައި ހިންގެވި ރާއްޖޭގެ އެންމެ ބޮޑު ކޮރަޕްޝަނުން ސަލާމަތްވެ މިނިވަންވުމުން ހިތްފަޅައިގެން ދިޔައީ އާންމުންނެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނެޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އުފަލުން ނަށާނެ އެވެ؛ އެކަމަކު، އެ ދެ ބޭފުޅުން، އިސްކޮށް ތިއްބައި ހިންގެވި ރާއްޖޭގެ އެންމެ ބޮޑު ކޮރަޕްޝަނުން ސަލާމަތްވެ މިނިވަންވުމުން ހިތްފަޅައިގެން ދިޔައީ އާންމުންނެވެ.

"ދުވަހަކު ވެސް ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް މާފެއް ނުކުރާނަން،" އެ ދެ ބޭފުޅުންނަށް މާފު ދެއްވައި މިނިވަން ކުރި "މިހާރު"ގެ ހަބަރަށް އާންމުންގެ މީހަކު ކޮމެންޓް ކުރި އެވެ.

އެހެން ނުވާންވީ ސަބަބެއް ނެތެވެ؛ އެތައް ބައިވަރު ސަބަބެކެވެ.

މީގެ ފަސް އަހަރު ކުރިން، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އޭރުގެ އިދިކޮޅު ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޮޑު ވައުދެއްވެވަޑައިގެންނެވި އެވެ. އެއީ، އޭރު އެންމެ ގަދައަށް ދެކެވުނު، އެމްއެމްޕީއާރްސީގެ މައްސަލާގައި ގެއްލުނު ފައިސާ ހުރި ތަނަކުން ހޯދާނެ ކަމުގެ ވައުދެވެ.

މިއަދު މިއީ އޭގެ ފަސް އަހަރު ފަހެވެ؛

ރައީސްގެ ފަސް އަހަރުގެ ވެރިކަން ނިންމާލެއްވި ސިއްކަގެ ގޮތުގައި އެ ޖެއްސެވީ ރާއްޖެ ދުށް އެންމެ ބޮޑު ކޮރަޕްޝަންގެ މުގުލުގައި ހުރި އަދީބުގެ ޖަލު ހުކުމް ލުއިކޮށްދީ، ކުރެއްވި މާފެވެ. މިއީ، ރައީސަށް ލިބިފައި އޮތް ބާރެއް އެއީ ކޮށްދެއްވައިގެން ވާނެ ކަމެއް ނޫން ކަން އެންމެންހެން ވެސް ގަބޫލު ކުރެ އެވެ.

"މި ވައްކަން ނުކުރި ނަމަ، ސާދަ ހާސް އާއިލާ އަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ. މިއީ ރާއްޖޭގެ ބޯހިޔާވަހި ކަމަށް ބޭނުންވާ މީހުންގެ ގާތްގަނޑަކަށް 80 ޕަސެންޓު. ތިރީސް ހަތަރު ބަނދަރު އެބަ ހެދޭ. ފަނަރަ އެއާޕޯޓު އެބަ ހެދޭ،" މި ދައުރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި ފުރަތަމަ ދުވަހު އެ ފައިސާ ހޯދުމުގެ މަސަައްކަތް ކުރާނަން. މި ފައިސާ ހުރި ތަނަކުން ހޯދާނަން. މީގެ ޒިންމާ ނަގަންޖެހޭ ފަރާތްތައް ޒިންމާ ނަންގަވަން ޖެހޭނެ."

ރައީސް އެ ވިދާޅުވި އެއާޕޯޓްތަކާއި ބަނދަރުތައް ހަދާނެ ހަމަ އެންމެ ފައިސާއެއް ވެސް މި ސަރުކާރަށް ދައުލަތަށް ނުހޯދުނެވެ. ގެއްލުނު ފައިސާތައް އެ ވަން ތަނެއްގައި އެ ހުރި ތަނެއްގައި އަދިވެސް ހުރީ އެވެ. އެ ހިޔާނާތް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދި ނަމަވެސް، ހާސިލް ކުރެވުނު އެއް ކަމެއް ވެސް ނެތެވެ. ކޮމިޝަންގެ ރިޕޯޓް ވެސް އެންމެ ކުޑަމިނުން އާންމެއް ވެސް ނުކުރެ އެވެ. މި ފަސް އަހަރުގެ ތެރޭގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުރެވުނީ އެންމެ ކަމެކެވެ. އެއީ، އެ މައްސަލައިގެ ސަބަބުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެރިކަމަށް ވާދަނުކުރެވުން އެކަންޏެވެ. އެހެން އެއްވެސް ކަމެއް ނެތެވެ.

ގެއްލިފައިވާ ރަށްތައް ދައުލަތަށް ހޯދުމަށް ނުވަތަ އެކުއިޒިޝަންގެ ހަމަ އަގު ހޯދުމަށް ވެސް ކުރެވުނު މަސައްކަތެއް ނެތެވެ. ބޮޑު ކޮރަޕްޝަންގެ އަމަލަކަށް މަގުފަހިވާ ގޮތައް ހުރި ގާނޫނުތަކާއި ގަވާއިދުތަކާއި އަދި އަމަލުކުރަމުންދާ އުސޫލުތައް ހަރުދަނާކޮށްފައެއް ވެސް ނެތެވެ.

ފެނުނީ ހަމަ އެންމެ ކަމެކެވެ؛

އަދީބު މީގެކުރިން ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރަނީ: އަށް އަހަރު ތެރޭ އަދީބު ވަނީ އެއްކޮށް މިނިވަންވެފައި - ފޮޓޯ: މިހާރު

އަދީބު މީގެކުރިން ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރަނީ: އަށް އަހަރު ތެރޭ އަދީބު ވަނީ އެއްކޮށް މިނިވަންވެފައި - ފޮޓޯ: މިހާރު

ކޮރަޕްޝަނަށް އަމިއްލަ އަށް އިއުތިރާފުވެގެން ތިބި އަދީބާއި އެމްއެމްޕީއާރްސީގެ އޭރުގެ އެމްޑީ އަބްދުﷲ ޒިޔަތަށް އަދުލުގެ ނިޒާމްގެ ތެރެއިން ލުއިދީ، ވީއެންމެ ކުރު މުއްދަތެއްގައި އެ މީހުން މިނިވަން ކުރާނެ ގޮތް ހޯދުމެވެ. އެކަން ކޮށް، އެންމެ އަށް އަހަރުގެ ތެރޭ އެ ދެ މީހުން އެ ތިބީ މިނިވަން ވެފަ އެވެ. މިއީ، ދުރާލާ މިކަން ރާވާފައި އޮތް ގޮތް މިހާރު ވިސްނާލީމަ އެބަ އެނގެ އެވެ.

އެހެން ނޫން ނަމަ، ވެރިކަން ނިމެން ހަފުތާއަކަށްވުމުން މިފަދަ ނިންމުމެއް ނުނިންމާނެ އެވެ.

ރައްޔިތުންގެ ވިންދާ ދެކޮޅަށް މި ސަރުކާރުން އެންމެ ފުރަތަމަ ވެސް އަދީބުގެ މައްޗަށް ހުރި ދައުވާތައް އަނބުރާ ގެނެސް، އޭނާއާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދީ އެވެ. އޭގެ ދަށުން ވަކި މައްސަލަތަކެއްގައި ދައުވާކޮށް، އަދަބު އެންމެ ލުއިވާނެ ގޮތަށް މުޅި ކަންތައްގަނޑު ނިޒާމްގެ ތެރެއިން ފައްތާލި އެވެ.

މިކަން މިގޮތަށް ކުރީ އަދީބާއި ޒިޔަތާ ދެކޮޅަށް އިންތިހާ އަށް ދައުލަތުގެ އަތުގައި ހެކި ހުއްޓަ އެވެ.

"އެކި ރަށްތަކުގެ މައްސަލާގައި އަދީބަށް 150 އެއްހާ ދައުވާ ކުރެވޭ މިންވަރަށް ލިޔެކިޔުން އެބަހުރި. އަށްސަތޭކަ އަހަރަށް ޖަލަށް ލެވޭ މިންވަރަށް ހެކި އެބަހުރި،" ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވެ އެވެ.

އެކަމަކު، ދައުލަތުން ބޭނުންވީ އަދީބާއި ޒިޔަތުގެ އެއްބާރުލުން ހޯދައިގެން ކޮރަޕްޝަންގެ އަޑީގައި ދެން ތިބި މީހުން ހޯދާށެވެ. "ދައުލަތު މަސްލަހަތަކީ" އެއީ ކަމަށް ދެކިގެން އަދީބާއި ޒިޔަތަށް ދިން އެ ބޮޑު ލުއިން ވެސް ދައުލަތަށްވީ ހަމަ އެއްވެސް މޮޅެއް ނެތެވެ. ތުހުމަތުކުރުވޭ މީހުންގެ އަދަދު 281 އަށް އަރާއިރު އަދީބާއި ޒިޔަތުގެ އިތުރުން ދައުވާކުރީ ފަސް މީހަކަށެވެ.

އޭގެ ތެރެއިން ވެސް މި ސަރުކާރުގެ މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ވަނީ އަނބުރާ ގެންގޮސްފަ އެވެ. ކުރީގެ މެންބަރު އަހުމަދު ނިހާންގެ މައްސަލަ ކުރިއަށް ގެންދެވޭ ވަރެއް ދުވަހަކު ވެސް ނުވެ އެވެ. ދައުވާކޮށް، ޝަރީއަތް ހިންގުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެކަންޏެވެ. އެމަނިކުފާނުގެ މައްޗަށް ފުރަތަމަ އިއްވި ދައުވާ އިން ސުޕްރީމް ކޯޓުން ސަލާމަތް ވެސް ކޮށްދިނެވެ. އަދީބާއި ޒިޔަތަކީ ފާސިގުން ކަމަށް ވެސް އެ ކޯޓުން ކަނޑައެޅި އެވެ.

އެކަމަކު، އަނެއްކާވެސް ޔާމީންގެ މައްޗަށް ޝަރީއަތެއް ހިންގައި ހުކުމް އިއްވި އެވެ. އެކަމުން މި ސަރުކާރުން ހޯދީ ސިޔާސީ މޮޅެކެވެ. އެމްއެމްޕީއާރްސީ މައްސަލާގައި ޔާމީނަށް އިއްވާފައި އޮތް ޖަލު ހުކުމާ އެކު ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ މަގު އެމަނިކުފާނަށް ބަންދުވި އެވެ. އެއީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ނަމުގައި މި ސަރުކާރުން ހަމައެކަނި ހާސިލްކުރި މަގުސަދެވެ.

ޔާމީންއާ ދެކޮޅަށް ހިންގި ޝަރީއަތުގައި އަދީބު ހެކި ބަސް ދެނީ

ޔާމީންއާ ދެކޮޅަށް ހިންގި ޝަރީއަތުގައި އަދީބު ހެކި ބަސް ދެނީ

"ގައުމެއްގެ ހައިސިއްޔަތުން މިއަދު ވާނީ ހުތުރު ދުވަހަކަށް. ރައީސްގެ މުޅި ދައުރު ނިންމާލެއްވީ ޔާމީނަށް އިންތިހާބުގެ ފުރުސަތު ނުދިނުމަށް ރާވައި އެކަން ތަންފީޒު ކުރުމުގައި. އަދީބާއި ޒިޔަތަކީ އެކަމަށް ބޭނުންކުރި ހަތިޔާރު،" ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލު ވިދާޅުވި އެވެ.

"މިއަދު ޔާމީނުގެ އިސްތިއުނާފު ދިގުދެމި އަދިވެސް ޖަލު ހުކުމުގައި. އަދީބުގެ ޓެރަރިޒަމްގެ ކުށްފަދަ ބޮޑަތި ކުށްތައް ވަނީ ޕާކުކޮށްފައި. ބޮޑު ހިޔާނާތުގެ ހުރިހާ ދައުވާތަކަށް ގަނޑުކޮށް އަދަބު ކަނޑައަޅައި މިއަދު މާފު މިކުރީ."

ޔާމީނު ވެސް ކުށްވެރިވާ ނަމަ، އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންގަން ޖެހޭނެ އެވެ. އެކަމަކު، ލިސްޓްގައި އަދިވެސް އެތައް ނަމެއް އެބަ އޮތެވެ. ސިޔާސީ ގޮތުން ތިބޭ ފަޅި އަކީ އެ ތުހުމަތުން މިންޖުވެވޭނެ ކަމަކަށް ވެގެން ނުވާނެ އެވެ. ރިޔާސީ އިންތިހާބުގައި ރައީސްގެ ފަޅި އަށް އެރުމަކީ ދައުވާ ހުއްޓެން ޖެހޭ ނޫނީ ލުއި ލިބެން ޖެހޭނެ ސަބަބެއް ނޫނެވެ.

އޭރުން އެވަނީ ސެލެކްޓިވް ޖަސްޓިސްއަށެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ އަދީބާއި ޒިޔަތުގެ ހުކުމް ލުއިކޮށްދެއްވުމަކީ އަދުލުވެރި، ޖަވާބުދާރީކުރަނިވި މުޖުތަމައުއެއްގެ އުސޫލުތަކާއި ހިލާފު، ކޮރަޕްޝަނާއި ކްލެޕްޓޮކްރަސީއާ ދެކޮޅަށް ކުރާ މަސައްކަތަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ.

"ރައީސްގެ ދައުރު 2018 ވަނަ އަހަރު ފެށުނު އިރު ކޮރަޕްޝަނާއި ދެކޮޅަށް ގެންގުޅުއްވާނީ "ޒީރޯ ޓޮލެރަންސް" ގެ އުސޫލެއް ކަމަށް ވަނީ ވައުދުވެފައި. ނަމަވެސް ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ފެނިގެން ގޮސްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާފަދަ އަމަލުތަކާއި ކޮރަޕްޝަންގެ އަމަލުތަކުގައި ޝާމިލުވާ ފަރާތްތައް ހިމާޔަތް ކުރަމުންދާ ތަން،" އެ ޖަމިއްޔާ އިން ބުންޏެވެ.

ދައުލަތުގެ ޓްރާންސްޕޭރެންސީ އަށް ވަކާލާތު ކުރާ އެކްޓިވިސްޓު އައިމަން ލަތީފް (ޕިކޯ) ބުނި ގޮތުގައި އިއްޔެ ރައީސް ރައްޔިތުންގެ މޫނުމަތީ ޖެހީ އެތިފަހަރަކުންނެވެ. ވެރިކަން ނިންމައި ވަޑައިގަންނަވަމުން އެ ނިންމެވީ ވަރަށް ބޮޑު ގޯހެކެވެ.

"ރައީސްގެ ވާހަކަ ތާރީހުގައި ހެޔޮ ގޮތަކަށް ދެން ނުލިޔެވޭނެ،" އޭނާ ބުންޏެވެ.

އާންމުންގެ ހިތްހަމަނުޖެހުން ވަރަށް ބޮޑު

އެހާ ބޮޑު ހިޔާނާތެއްގައި ކުށް ސާބިތުވެފައި ތިބި ދެ މީހަކަށް ރައީސް މާފުދެއްވީ ކީއްވެގެންތޯ، އެއީ އަދި ރަސްމީ ފަރާތަކުން ވާހަކަ ދައްކާފައިވާ ކަމެއް ނޫނެވެ. އެކަމަކު، އާންމުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. އާންމުންގެ ރުޅިގަނޑު ސޯޝަލް މީޑިއާ އާއި "މިހާރު"ގެ ކޮމެންޓްތަކުން ފެންނަން އެބަހުއްޓެވެ.

"ރައީސަށް] މަކުރި ތާއިދު ނިމުނީ މި. އެމްޑީޕީ އަށް ވެސް ދޭނެ ވޯޓެއް ނެތް ދެން. ނާންނާތި މަޖިލިސް އިބްތިހާބުގައި ވޯޓު ހޯދަން،" އެކަކު ބުނެފައި ވެ އެވެ.

"އަދީބާ ޒިޔާތުއާ އެކީ ޑީލް ހެދީ ސޯލިހުމެން ޔާމީނު ދައުރުގައި ނެގި ފައިސާތަކުގެ މައްސަލަތައް އޮއްބާލާ، ޔާމީނު ޖަލަށްލާ ޔާމީނަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތް ހެދުމަށް! ދުވަސް ނިމުނު އިރު ސޯލިހަށް ވެރިކަން ގެއްލިއްޖެ. އަދީބާ ޒިޔަތު މިނިވަން ކުރި ކަމުގެ ހުތުރު ނަން ލިބިއްޖެ. ޔާމީނު އެހެރަ މިނިވަން ވަނީ! ނިޔަތް ގޯސްވުމުގެ ނަތީޖާ ސޯލިހަށް މިފެނުނީ. އޯގާތެރި އެކޯ އެކަމަކު ފަސާދައިގެ އަޅަކަށް ވެފައި ހުރި "ބޭކަލަކަށް" ސޯލިހު ވެގެން މިދިޔައީ،" އެހެން ކޮމެންޓެއްގައި ވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އަދީބު މިނިވަން ކުރަން ނިންމި ނިންމުމާ އެކު އާންމުންގެ ފާޑުކިޔުން ވަނީ ބޮޑުވެފައި - ފޮޓޯ: މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އަދީބު މިނިވަން ކުރަން ނިންމި ނިންމުމާ އެކު އާންމުންގެ ފާޑުކިޔުން ވަނީ ބޮޑުވެފައި - ފޮޓޯ: މިހާރު

އެހެން މީހެއްގެ ކޮމެންޓެއްގައި ވެ އެވެ: "ކުށްވެރިންނަށް މައާފް ދިނުމާއި އަދަބުގެ މުއްދަތު ކުޑަކޮށް ދިނުމުގެ ފުރުސަތު ރައީސަށް އޮވެ އެވެ. އަދި މައާފް ނުދެވޭނެ ކުށްތަކުގައި ވެސް އަދަބުގެ މުއްދަތު ކުޑަކޮށްދެވެ އެވެ. ގާނޫނު އިސްލާހް ނުކޮށް ރަނގަޅެއް ނުވާނެ އެވެ. ރައީސް އަކަށް ހުންނަ މީހަކު ވަރަށް ނުރައްކާތެރި ކުށްވެރީން ވެސް އެބަ ދޫކޮށްލަ އެވެ."

އަދިވެސް އެހެން ކޮމެންޓެއްގައި ވެ އެވެ: "ރައްޔިތުންގެ މޫނުގައި މިވަރުގެ އެތިފަހަރެއް ޖަހާފައި 17 ނޮވެމްބަރު 2023 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގަައި ކޯޓުލާފައި އިންނާނެ މުއިއްޒު ހުވާ ކުރާއިރު އޯގާތެރި މީހެއްގެ ޝަހްސިއްޔަތުގައި. އަދި ރައްޔިތުންގެ ތެރޭން ގިނަ މީހުންނަށް ސޯލިހަކީ އޯގާތެރި ވެރިކަމެއް ކުރި މީހެއް ކަމަށް ގަބޫލު ކުރާނެ. ޑީލްތައް ހަދާ ވަގުންނާއި ހިޔާނާތްތެރިން މިނިވަން ކުރުމަކީ ރައީސް ކަމުން ވަކިވާއިރު ބޭނުން ކުރަން ރައްޔިތުންދޭ ލައިސެންސެއް ނޫން."

އެހެން މީހަކު ބުނެފައިވާ ގޮތުގައި ރައީސް އެންމެ ފަހު ވަގުތު ކުރިކަމަކުން ދައުރުގައި ވެދިޔަ ހުރިހާ ރަނގަޅުކަމަކާ އަޅާ ކިޔުމުން ނުބައި ބައި ބޮޑުވީއެވެ. އަދި ރައްޔިތުން ކުރި އިތުބާރު ގެއްލުނީ އެވެ. ހުރިހާ ގައިދީން ހިމެނޭހެން ކުރިނަމަވެސް ތަންކޮޅެއް ރަނގަޅުވީސް ކަމަށް އޭނާ ބުނެފައި ވެ އެވެ.

"އާދައިގެ ނިކަމެތިމީހާ ބީއެމްއެލްގެ ނުދެއްކިހުރި ލުއިލޯން ފައިސާ އާއި ކްރެޑިޓް ކާޑްގެ ނުދެއްކިހުރި ފައިސާ އާއި އޭގެ ޖޫރިމަނާތަކާއި ކަރަންޓް ބިލްގެ ޖޫރިމަނާ ފައިސާ މައާފު ކޮށްދިންނަމަ ތަންކޮޅެއް މަންޒަރު ރީތިވީސް. އޭރަށް ވެސް އަދީބު ނެގިވަރާ ކައިރި ވެސް ނުކުރާނެ ދޯ،" އެހެން ކޮމެންޓެއްގައި ވެ އެވެ.

އަދީބާއި ޒިޔަތަށް އަދި އެހެން މީހުންނަށް ވެސް ރައީސަށް މާފު ދެއްވިދާނެ އެވެ. އެކަމަކު މި ދައްކަނީ ގައުމުގެ ބައިތުލްމާލު ގާތްގަނޑަކަށްހެން ދޮވެލި އަދި އެތައް ބިލިއަން ރުފިޔާއަކާއި އެތައް ބަޔަކު އޭގައި ހިމެނޭ ހިޔާނާތެއްގެ ވާހަކަ އެވެ. އެވަރުގެ ބަޔަކަށް މާފު ދިނުން އެއީ ހަމަހަގީގަތުގައި ވެސް ރައީސަށް އޮތް ހައްގެއް ހެއްޔެވެ؟