Roadha Mihaaru
އީރާންގެ ނިއުކްލިއާ ވާހަކަތައް އަވަހަކަށް ނުފެށޭނެ

އީރާންގެ ނިއުކްލިއާ ވާހަކަތައް އަވަހަކަށް ނުފެށޭނެ

15 ޖުލައި 2021

އީރާންގެ ނިއުކްލިއާ މުއާހަދާއާ ބެހޭ ގޮތުން، އަލުން މަޝްވަރާތައް ފަށަން ބޭނުންކަމަށް އެމެރިކާ އިން ބުނުމުން، އިންތިހާބީ ރައީސް އިބްރާހީމް ރައީސީ މަގާމާ ހަވާލުވެވަޑައިގަތުމުން ނޫނީ، އިތުރު މަޝްވަރާއެއް ނުފެށޭނެ ކަމަށް އީރާނުން މިއަދު ބުނެފި އެވެ.

އީރާންގެ ނިއުކްލިއާ މުއާހަދާއާ ބެހޭ ގޮތުން، އަލުން މަޝްވަރާތައް ފަށަން ބޭނުންކަމަށް އެމެރިކާ އިން ބުނުމުން، އިންތިހާބީ ރައީސް އިބްރާހީމް ރައީސީ މަގާމާ ހަވާލުވެވަޑައިގަތުމުން ނޫނީ، އިތުރު މަޝްވަރާއެއް ނުފެށޭނެ ކަމަށް އީރާނުން މިއަދު ބުނެފި އެވެ.

އެމެރިކާގެ ހާރިޖިއްޔާ އިން ބުނި ގޮތުގައި ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ބެހޭ ގޮތުން، ވިއެނާގައި ދައްކަމުން އައި ވާހަކަތައް އަލުން ފެށުމަށް އެމެރިކާ މިހާރު ވެސް އޮތީ ތައްޔާރަށެވެ. އެހެން ނަމަވެސް އެ ފުރުސަތު ތާއަބަދަށް ހުޅުވިފައި ނޯންނާނެ ކަމަށް ވެސް ހާރިޖިއްޔާ އިން ބުންޏެވެ.

އީރާންގެ ޑިޕްލޮމޭޓަކާ ހަވާލާދީ ރޮއިޓާސް އިން ބުނި ގޮތުގައި ގައުމުގެ އާ ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ނިއުކްލިއާ މުއާހަދާއާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އީރާން ތައްޔާރެއް ނޫނެވެ. ނިއުކްލިއާ މަޝްވަރާތައް އަލުން ފެށުމާ ބެހޭ ގޮތުން މެދުވެރިއެއްގެ ގޮތުން މަސައްކަތްކުރާ އެހެން ގައުމުތަކުގެ ޑިޕްލޮމޭޓުންނަށް އެކަން އަންގާފައިވާނެ ކަމަށް ވެސް އީރާނުން ބުނެ އެވެ.

އެމެރިކާ އިން އީރާންގެ ކަންކަމަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރޮބަޓް މާލީ ވިދާޅުވާ ގޮތުގައި ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފަށަން އީރާނުން ބޭނުންވާ ނަމަ، އަލުން މަޝްވަރާތައް ފެށުމާ މެދު އީރާނުން އަވަހަށް ގޮތެއް ނިންމަންޖެހޭނެ އެވެ. އެކަމަށް ގޮތެއް ނުނިންމި ދިގުލައިގެން ދާ ވަރަކަށް، ދެ ފަރާތަށް އެއްބަސްވެވޭ ހައްލެއް ހޯދަން އުނދަގޫ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްގެ ތަރުޖަމާނު ޖޭން ސާކީ މިދިޔަ ހަފުތާގައި ވިދާޅުވި ގޮތުގައި، އީރާންގެ ނިއުކްލިއާ މަޝްރޫއުގެ ހަރަކާތްތަކާ މެދު އެމެރިކާ ވަރަށް ކަންބޮޑުވެ އެވެ. ނަމަވެސް އެމެރިކާގެ މަސްލަހަތު ތަންދެނީ މަޝްވަރާކޮށްގެން ކަންތައް ހައްލުކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ކޮންގްރެސްގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސްއާ ހަވާލާދީ، އެމެރިކާގެ ޕޮލިޓިކޯ ނޫހުން ބުނެފައިވާ ގޮތުގައި، ނިއުކްލިއާ މުއާހަދާގެ މައްސަލައިގައި، ކައިރި ކުރިމަގެއްގައި އީރާނާއެކު އެއްބަސްވުމެއް ގާއިމުކުރުމަކީ ވަރަށް ނާދިރު ކަމެކެވެ. އީރާންގެ ރިއާސީ ދައުރު ކަނޑައެޅިފައި އޮންނަ ގޮތުން، ވެރިކަން ބަދަލުވާނީ އޮގަސްޓް މަހުގެ ތެރޭގައި ކަމަށްވާތީ، އޭގެ ކުރިން ނިއުކްލިއާ މުއާހަދާގެ މަޝްވަރާތައް ކުރިއަކުން ނުދާނެ އެވެ.

އީރާންގެ ރައީސް ހަސަން ރޫހާނީ ޗީފް އޮފް ސްޓާފް މަހްމޫދު ވާއިޒީ ވިދާޅުވި ގޮތުގައި މިހާރު ކަންތައް ކުރިއަށް ދާ ގޮތުން، އީރާންގެ ނިއުކްލިއާ މުއާހަދާއާ ގުޅޭ މަސައްކަތް ދެން ކުރިއަށް ދާނީ، ރިއާސީ އާ ދައުރު ފެށުނީމަ އެވެ. ނިއުކްލިއާ މަޝްރޫއުގެ މައްސަލައިގައި ރޫހާނީގެ ސިޔާސަތާއި އިންތިހާބީ ރައީސް އިބްރާހީމް ރައީސީގެ ސިޔާސަތުގައި އެއްވެސް ތަފާތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.