Roadha Mihaaru
އީރާނަށް ހަމަލާ ދިނުމަށް އިޒްރޭލު ތައްޔާރުވަނީ

އީރާނަށް ހަމަލާ ދިނުމަށް އިޒްރޭލާއި އެމެރިކާ ތަމްރީނު ހަދަނީ

03 ނޮވެމްބަރ 2021

އީރާނަށް ހަމަލާއެއް ދިނުމަށް، އިޒްރޭލާއި އެމެރިކާ ސިފައިން ގުޅިގެން ތަމްރީންތަކެއް ހަދަމުން އަންނަ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އީރާނަށް ހަމަލާއެއް ދިނުމަށް، އިޒްރޭލާއި އެމެރިކާ ސިފައިން ގުޅިގެން ތަމްރީންތަކެއް ހަދަމުން އަންނަ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އިޒްރޭލު ސިފައިންގެ ހަބަރުތައް ގެނެސްދޭ ޓީވީ ޗެނަލް "12" އިން ބުނި ގޮތުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ "ޓާސްކް ފޯސް 51" ފައުޖު އިއްޔެ ވަނީ، އިޒްރޭލު ސިފައިންނާ އެކުގައި، އިޒްރޭލުގައި ތަމްރީނުތަކެއް ފަށައިފަ އެވެ. މި ތަމްރީނުތަކުގައި އިޒްރޭލުން ބައިވެރިވަނީ، އިޒްރޭލުގެ ކޮމާންޑޯޒް ލަޝްކަރުގެ ސިފައިންނެވެ.

މީގެ އިތުރުން މި ތަމްރީނުތަކުގެ ވަކި މަރުހަލާއެއްގައި އިޒްރޭލުގެ ކަނޑުގެ ސިފައިން ވެސް ބައިވެރިވާނެ އެވެ. މީގެ ބޭނުމަކީ އިޒްރޭލު ސިފައިންނާއި އެމެރިކާ ސިފައިންނާ ދެމެދުގައިވާ ބަދަހި ގުޅުމާއި އެއްބާރުލުން، އީރާނަށް ދެއްކުން ކަމަށް އިޒްރޭލު ޓީވީން ބުނެ އެވެ.

މިދިޔަ އޮކްޓޫބަރު 30 ވަނަ ދުވަހު އެމެރިކާގެ "ބީ-1ބީ" މަރުކާގެ ބޮން އަޅާ ބޯޓު، ހޮރްމުޒް ކަނޑުއޮޅި މަތިން ހުރަސްކޮށް އަރަބި ގަލްފަށް ދަތުރުކުރި އިރު، އެ ބޯޓާ އެކުގައި އިޒްރޭލުގެ އެފް-15 މަރުކާގެ ހަނގުރާމަމަތީ ބޯޓުތައް ދަތުރުކުރި އެވެ. ހޮރްމުޒް ކަނޑުއޮޅި ސަރަހައްދަކީ އީރާނުގެ ބާރު ދަމަހައްޓަން އެ ގައުމުން މަސައްކަތް ކުރާ ސަރަހައްދެކެވެ.

އީރާންގެ އެއްގަމު ސިފައިންގެ ލަޝްކަރާއި އިންގިލާބީ ލަޝްކަރުގެ ސިފައިން މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ތަމްރީންތަކެއްގައި ސިފައިންގެ މީހަކު ބޮޑުބަޑީގެ އުންޑަތަކެއް ހިފައިގެން. --އޭއެފްޕީ

އީރާންގެ އެއްގަމު ސިފައިންގެ ލަޝްކަރާއި އިންގިލާބީ ލަޝްކަރުގެ ސިފައިން މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ތަމްރީންތަކެއްގައި ސިފައިންގެ މީހަކު ބޮޑުބަޑީގެ އުންޑަތަކެއް ހިފައިގެން. --އޭއެފްޕީ

އިޒްރޭލާއި އީރާނުން ދެކޭ ގޮތުގައި އަނެއް ގައުމަކީ އެންމެ ބޮޑަށް އަދާވާތްތެރި ދުޝްމަނުންނެވެ. މިހާރު ވެސް ނިއުކްލިއާ ހަތިޔާރުގެ ގާބިލްކަން ހޯދާފައިވާ އިޒްރޭލުން، އީރާނަށް ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން އަންނަނީ، ހަތިޔާރު އުފެއްދޭ މިންވަރަށް އީރާނުގެ ނިއުކްލިއާ މަޝްރޫއު ތަރައްގީކުރަމުން އަންނަ ކަމަށް ބުނެ އެވެ. ނަމަވެސް އީރާނުން ބުނާ ގޮތުގައި އެ ގައުމުގެ ނިއުކްލިއާ މަޝްރޫއުގެ ބޭނުމަކީ އެގައުމަށް ބޭނުންވާ ކަރަންޓު އުފެއްދުމެވެ.

އިޒްރޭލުގެ ޓީވީ ޗެނަލުން ބުނި ގޮތުގައި އެމެރިކާ އާއި އިޒްރޭލުގެ ސިފައިން ތަމްރީންތައް ހަދަމުން ދަނީ، އީރާނުން އެމެރިކާގެ އެމްބަސީއެއް ހިފައިފި ހާލަތެއްގައި ނުވަތަ، ގަލްފު ސަރަހައްދުގެ ކަނޑުން އީރާނު ސިފައިން، އެހެން ގައުމެއްގެ އާގުބޯޓެއް ރަހީނުކޮށްފި ހާލަތެއްގައި، އެކަމަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ގޮތްތަކަށް ބަލައިގެންނެވެ.

މީގެ ކުރިން ވެސް އެމެރިކާ ސިފައިންނާއި އިޒްރޭލު ސިފައިން ގުޅިގެން އަސްކަރީ ފަރިތަކުރުންތައް ކިތަންމެ ފަހަރަކު ބާއްވާފައިވެ އެވެ. ނަމަވެސް، އީރާންގެ ފަރާތުން ކުރިމަތިވެދާނެ ވަކި ހާލަތަކަށް އަމާޒުކޮށްގެން ދެގައުމުން ތަމްރީންތަކެއް ހަދާ ފުރަތަމަ ފަހަރު ކަމަށް އިޒްރޭލު ޓީވީން ބުންޏެވެ.

މި ތަމްރީނުތަކުގައި ބައިވެރިވާ އެމެރިކާގެ ކަނޑުގެ ސިފައިން އިޒްރޭލަށް އައީ މަނަވަރެއްގަ އެވެ. އެއަށް ފަހު، އިޒްރޭލުގެ ސަހަރާއެއް ކަމަށްވާ ނަގަބް އަށާއި އިޒްރޭލުގެ ދެކުނުން އަގަބާ ކަނޑުއޮޅީގައި އޮންނަ ބަނދަރު ރަށެއް ކަމަށްވާ އީލާތަށް އެމެރިކާ ސިފައިން ދިޔައީ ހެލިކޮޕްޓަރުތަކުގަ އެވެ.

އިޒްރޭލު ސިފައިންނާ އެކުގައި ހަދާ ތަމްރީނުތައް ނިމުމުން، އެމެރިކާގެ ކަނޑުގެ ސިފައިން ދާނީ، ގަލްފުގެ އެހެން ގައުމަކަށެވެ. އެއީ އީރާނާ ދެކޮޅަށް ހަމަލާއެއް ދޭން ޖެހިއްޖެ ހިނދެއްގައި އެކަމުގައި ބައިވެރިވުމަށް ތައްޔާރީ ހާލަތުގައި ތިބުމަށެވެ.