Roadha Mihaaru
ރާއްޖޭ ކުޅޭ ގޭމް ވެސް ބަންގްލަދޭޝްއިން ދަސްކުރި

ދިވެހި ޓީމަށް ރެފަރެންސަކަށްވީ މެޗު ބަންގްލަދޭޝްއިން އައީ ރާއްޖޭގެ ގޭމް ދަސްކޮށްގެން

15 ޖޫން 2023

ރާއްޖޭގައި އިއްޔެ ފެށި ފައިވް ނޭޝަން ބާސްކެޓްބޯޅަ މުބާރާތަށް، ރާއްޖޭގެ ގައުމީ ބާސްކެޓް ޓީމުން ތައްޔާރުވި ގޮތާއި ރާއްޖޭން ކުޅޭނެ ގޭމް ވެސް ބަންގްލަދޭޝްގެ ޓީމުން ދަސްކުރި ކަމަށް، އެ ޓީމުގެ ކޯޗު ރަންޖިތު ޗަންދްރާ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގައި އިއްޔެ ފެށި ފައިވް ނޭޝަން ބާސްކެޓްބޯޅަ މުބާރާތަށް، ރާއްޖޭގެ ގައުމީ ބާސްކެޓް ޓީމުން ތައްޔާރުވި ގޮތާއި ރާއްޖޭން ކުޅޭނެ ގޭމް ވެސް ބަންގްލަދޭޝްގެ ޓީމުން ދަސްކުރި ކަމަށް، އެ ޓީމުގެ ކޯޗު ރަންޖިތު ޗަންދްރާ ބުނެފި އެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ރޭ ބަންގްލަދޭޝްއިން ވަނީ 10 ޕޮއިންޓްގެ ލީޑަކާ އެކު ރާއްޖޭގެ މައްޗަށް ކާމިޔާބު ހޯދައިފަ އެވެ. ބަންގްލަދޭޝްއިން މެޗުން ކުރި ހޯދީ 52-42 އިންނެވެ.

ރޭގެ މެޗަށް ފަހު ޗަންދްރާ ބުނީ، މުބާރާތަށް ތައްޔާރުވާން ރާއްޖެއިން އިންޑިއާގައި ކޭމްޕް ކުރިކަން އޭނާ އެނގުނު ކަމަށެވެ. އެހެންވެ އޭނާގެ ޓީމު ވެސް ތައްޔާރުވީ ރާއްޖޭގެ ތައްޔާރީތައް އެގޮތަށް ހުންނާނެކަން އެނގިގެން ކަމަށެވެ.

މީގެ ކުރިން ރާއްޖޭން ވަނީ ބަންގްލަދޭޝް ބަލިކޮށްފަ އެވެ. އެކަމަކު މި ދެ ޓީމުގެ ގިނަ މެޗުތަކުގެ ރެކޯޑް ބުރަ ވަނީ ބަންގްލަދޭޝް ކޮޅަށެވެ. ޗަންދްރާ ވެސް ބުނީ ރާއްޖޭގެ ކުޅުންތެރިން ވެސް މެޗުގައި ރަނގަޅަށް ކުޅުނު ކަމަށެވެ.

ރާއްޖެ އާއި ބަންގްލަދޭޝް ރޭ ކުޅުނު މެޗުގެ ތެރެއިން ބަންގްލަދޭޥްގެ ކުޅުންތެރިން އުފާފާލުކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ރާއްޖެ އާއި ބަންގްލަދޭޝް ރޭ ކުޅުނު މެޗުގެ ތެރެއިން ބަންގްލަދޭޥްގެ ކުޅުންތެރިން އުފާފާލުކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"އަހަރެމެންނަށް އެނގޭ ރާއްޖޭން އިންޑިއާގައި ކޭމްޕް ކުރިކަން. އަހަރެމެން ވެސް ތައްޔާރުވީ އެކަހަލަ ގޮތަކަށް،" އެ ގައުމުގެ ބާސްކެޓް އިންޑޯ ސެންޓަރު އިމާރާތް ކުރަން ބަންދުކޮށްފައިވުމުން އެ ގައުމުގެ ހުޅަނގު ދެކުނު ސިޓީ ޖެޝޯރްގައި ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންދިޔަ ޓީމުގެ ކޯޗު ބުންޏެވެ.

"... ގިނަ ފަހަރު އަހަރެމެން ހުންނާނީ ރާއްޖެ ބަލިކޮށްފަ. އެހެންވީމަ އަހަރެމެންގެ ކުޅުންތެރިންނަށް ހިތްވަރު ދިނީ ހަމަ ނޯމަލް ގޭމެއް ކުޅެން. ނަތީޖާ މިއޮތީ ފެންނަން."

ޗަންދްރާ ބުނީ މުބާރާތް ބާއްވާ ގައުމު ބަލި ކުރެވުމަކީ އޭނާގެ ޓީމަށް ލިބޭނެ އިތުރު ހިތްވަރެއް ކަމަށެވެ. އެއާ އެކު ކުރިއަށް ހުރި މެޗުތައް ކާމިޔާބު ކުރުމުގެ އުންމީދު ބޮޑުކަން އޭނާ ބުންޏެވެ. އޭނާ ބުނީ މެޗާ މެދު ރާއްޖޭގެ ކުޅުންތެރިން ވިސްނާނެ ގޮތް އޭނާ އަށް އެނގޭތީ ބަންގްލަދޭޝްގެ ކުޅުންތެރިންނަށް އިރުޝާދު ދިނީ ވެސް އެ ވިސްނުމުގެ މައްޗަށް ބަރޯސާ ކޮށްފައި ކަމަށެވެ.

"އަހަންނަށް އެނގޭ ރާއްޖޭގެ ކުޅުންތެރިން ވިސްނާނެކަން ބަންގްލަދޭޝްގެ ޓީމު ވާނެކަން އެ ޓީމަށް ނުރައްކަލަކަށް. އެއަށް ބަލައިގެން އަހަރެމެން ކުޅުންތެރިންނަށް ހިތްވަރު ދިނީ. މި ޓީމުން އެތައް ފަހަރަކު ރައްޖެ ބަލިކޮށްފިއޭ. ބާރު އޮތީ އަހަރެމެން އަތުގައޭ އެހެންވީމަ (އެ ވިސްނުމުގައި) ކުޅޭށޭ."

ރާއްޖެ އާއި ބަންގްލަދޭޝް ރޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ރާއްޖެ އާއި ބަންގްލަދޭޝް ރޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ރާއްޖޭގެ ކޯޗު މުހައްމަދު ޒިލާލް (ޒިލާ) ބުނީ ފުރަތަމަ މެޗާ ބަލާފައި ރާއްޖޭގެ ކުޅުންތެރިން ތިބީ މާ ބޮޑަށް ޕްރެޝަރުގައި ކަމަށެވެ. އެކަމަކު އެ މެޗުގައި ހެދުނު ގޯސްތަކުން ކަންކަން ރަނގަޅު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޒުވާން ކޯޗު ބުންޏެވެ.

"އެހެން ޓީމުތަކުގެ ކުޅުން މިހާރު ފެނިފަ އޮތީ. އެހެންވީ ސްކައުޓިންއާ އެއްކޮށް ރަނގަޅު ގޭމް އެސެސްމެންޓާ އެއްކޮށް ވަރަށް ފުރިހަމަ އުންމީދެއް އެބައޮތް ކުރިއަށް ހުރި މެޗުތަކުގައި. ބަންގްލަދޭޝްއާ ދެކޮޅަށް ދެން ކުޅޭ މެޗުތަކުގައި ކަންކަން ރަނގަޅުކޮށް އިރާދަކުރެއްވިއްޔާ މޮޅުވެގެން ފައިބާނީ،" ޒިލާ ބުންޏެވެ.

"ބައިވެރި ޓީމުތަކަށް ބަލާއިރު އަޅުގަނޑުމެން އެންމެ މަތިން ސީޑް ކުރަނީ ބަންގްލަދޭޝް ޓީމު. މި މެޗު އަޅުގަނޑުގެމް ބަލަނީ ރެފަރެންސެއް ކަމަށް. އެހެންވީމަ ދެން އަންނަ މެޗުތަކުގައި (އިދިކޮޅު) ޓީމުގެ ގޭމް ވީޑިއޯތައް ބެލުމަށް ފަހު ރަނަގަޅަށް ތައްޔާރުވެ އަޅުގަނޑުމެންގެ ފޭވާގަ ރިޒަލްޓް ނެރެވޭނެ."

ސީނިއާ ގިނަ ކުޅުންތެރިންތަކެއްގެ ބަދަލުގައި މުބާރާތަށް ބަންގްލަދޭޝްއިން ގެނައީ ޒުވާން ކުޅުންތެރިންނެވެ. ރާއްޖޭގެ މުބާރާތްތަކީ އަންނަ އަހަރު ބާއްވާ ސައުތު އޭޝިއަން ގޭމްސް އަށް ޓީމަށް ބިނާ ކުރަން ކުރާ މަސައްކަތެއްގެ ގޮތުގައި ހެދުމަށް ބަންގްލަދޭޝްއިން ވިސްނުން ގެންގުޅެ އެވެ.