Roadha Mihaaru
ޒުވާން ކުޅުންތެރިންނަށް ހިތްވަރު ލިބިއްޖެ: ޒިލާލް

ޒުވާން ކުޅުންތެރިންނަށް ހިތްވަރު ލިބިއްޖެ: ޒިލާލް

25 މެއި 2017

ސާބާ ޗެމްޕިއަންޝިޕުގައި ޒުވާން ކުޅުންތެރިންނަށް ލިބުނު ތަޖުރިބާ އާއި އިތުބާރުގެ ސަބަބުން ކުރިމަގުގައި ރަނގަޅު ކާމިޔާބެއް ހޯދަން މަގެއްކޮށިއްޖެ ކަމަށް ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކެޕްޓަން މުހައްމަދު ޒިލާލް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ސާބާ ޗެމްޕިއަންޝިޕުގައި ޒުވާން ކުޅުންތެރިންނަށް ލިބުނު ތަޖުރިބާ އާއި އިތުބާރުގެ ސަބަބުން ކުރިމަގުގައި ރަނގަޅު ކާމިޔާބެއް ހޯދަން މަގެއްކޮށިއްޖެ ކަމަށް ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކެޕްޓަން މުހައްމަދު ޒިލާލް ބުނެފި އެވެ.

ރާއްޖޭގައި ބޭއްވި ބައިނަލްއަގްވާމީ ފުރަތަމަ ބާސްކެޓްބޯޅަ މުބާރާތުގައި ރާއްޖެ އަށް ހަތަރު ވަނަ ލިބުނު ނަމަވެސް، ރާއްޖޭން ވަނީ ގަދަފަދަ އިންޑިއާ އަށް ވަރުގަދަ ފައިޓެއް ދީފަ އެވެ. އަދި ސްރީ ލަންކާގެ މައްޗަށް ފުރަތަމަ ފަހަރަށް ކުރި ހޯދިއިރު ނޭޕާލް އަތުން ބަލިވީ ހަނި ގޮތަކަށެވެ.

މި ފަހަރުގެ ޓީމުގައި ގިނަ އަދަދަކަށް ޒުވާން ކުޅުންތެރިން ހިމެނި އެ ކުޅުންތެރިން ވަނީ ތަފާތު ދައްކައިފަ އެވެ. އޭގެ ތެރޭގައި އިބްރާހިމް ރަޝްވާން (ޗިޗު) އާއި އަބްދުﷲ އަމްޒަރާއި ރިޝްފާން ރަޝީދު އަދި ހުސެއިން ހަލީމް (ޗިކަނޭ) ހިމެނެ އެވެ.

ޒިލާލް ބުނީ ބާސްކެޓްބޯޅަ އެސޯސިއޭޝަނަށް އައި ބަދަލާ އެކު ކުރު މުއްދަތެއްގެ ތެރޭގައި ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތެއް ބާއްވައިދިނުމުގެ ފައިދާ ބޮޑު ކަމަށެވެ.

"މި މުބާރާތާ އެކު ޖޫނިއާ ކުޅުންތެރިންނަށް ވަރަށް ބޮޑު ތަޖުރިބާއެއް ލިބިއްޖެ. އެއާ އެކު ކުޅުންތެރިންގެ މޯޓިވޭޝަން ބޮޑުވެއްޖެ. ރަނގަޅު ނަތީޖާއެއް ހާސިލްކުރެވޭނެ ކަމުގެ އިތުބާރު ލިބިއްޖެ. ލަންކާ ބަލިކުރެވޭނެކަން، ބަންގްލަދޭޝް ވެސް ބަލިކުރެވޭނެކަން އަދި ނޭޕާލް ވެސް ބަލިކުރޭވެނެކަން އެނގިއްޖެ.¬¬¬¬ ދެން އޮންނަ ސަރަހައްދީ މުބާރާތަކަށް އެ ކުދިން ދާނީ ބޮޑު އިތުބާރަކާ އެކު ސިލްވާ މެޑެއްޔެއް ހޯދުމަށް،" ޒިލާލް ބުންޏެވެ.