Roadha Mihaaru
އެމެރިކާގެ ޖެޓުތައް މެދުއިރުމައްޗަށް

ރަޝިޔާގެ އުނދަގޫ ބޮޑުވާތީ އެމެރިކާގެ ޖެޓުތައް މެދުއިރުމައްޗަށް

15 ޖޫން 2023

މެދުއިރުމަތީގައި ރަޝިޔާގެ އުނދަގޫ ބޮޑުވަމުންދާ ކަމަށް ބުނެ، އެމެރިކާގެ އެންމެ ޒަމާނީ ހަނގުރާމަމަތީ އިތުރު މަތިންދާބޯޓުތަކެއް މެދުއިރުމައްޗަށް ފޮނުވައިފި ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން އިއްޔެ ބުނެފި އެވެ.

މެދުއިރުމަތީގައި ރަޝިޔާގެ އުނދަގޫ ބޮޑުވަމުންދާ ކަމަށް ބުނެ، އެމެރިކާގެ އެންމެ ޒަމާނީ ހަނގުރާމަމަތީ އިތުރު މަތިންދާބޯޓުތަކެއް މެދުއިރުމައްޗަށް ފޮނުވައިފި ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން އިއްޔެ ބުނެފި އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި މެދުއިރުމައްޗަށް މިފަހަރު ފޮނުވީ އެފް-22 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކެކެވެ. އެ ބޯޓުތައް ފޮނުވީ މެދުއިރުމަތީގެ ކޮން ގައުމަކަށް ކަމެއް އެމެރިކާ އިން ނުބުނި ނަމަވެސް، ގަތަރާއި އެމިރޭޓްސްގެ އިތުރުން އިޒްރޭލުގައި ވެސް އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރެ އެވެ.

ސެންޓްރަލް ކޮމާންޑުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މެދުއިރުމައްޗަށް ފޮނުވި އެފް-22 ގެ ބޯޓުތައް، މެދުއިރުމަތީގެ ސަލާމަތީ ކަންތައް އިތުރަށް ހަރުދަނާ ކުރުމުގައި ހަރަކާތްތެރިވާނީ، ސަރަހައްދުގައިވާ އެމެރިކާގެ އެހެން ބައިވެރިންނާ ގުޅިގެންނެވެ. މިފަހަރު މެދުއިރުމައްޗަށް ފޮނުވި މަތިންދާބޯޓުތަކަކީ، އެމެރިކާގެ ވާޖީނިއާގައި އޮންނަ ލޭންގްލީ ވައިގެ މަރުކަޒުގައި ގާއިމުވެ ތިބޭ ވައިގެ ސިފައިންގެ ފައުޖުގައި ހިމެނޭ ބޯޓުތަކެކެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ކޮމާންޑަރު ޖެނެރަލް އެރިކް ކުރިއްލާ ވިދާޅުވި ގޮތުގައި ހަމަނުޖެހުން އުފެދިފައިވާ ސަރަހައްދުގެ (ސީރިޔާގެ) ވައިގެ ސަރަހައްދު ބޭނުންކުރުމާ ގުޅޭ ގޮތުން ދެ ފަރާތު (އެމެރިކާ އާއި ރަޝިޔާ) ވެފައިވާ އެއްބަސްވުމަށް ރަޝިޔާއިން އަންނަނީ ތަކުރާރުކޮށް ޚިލާފުވަމުންނެވެ. އެކަމުގެ ސަބަބުން އިތުރު ކުރިމަތިލުމެއް ނުވަތަ ހަމަނުޖެހުމެއް އުފެދުމުގެ ބިރު މިހާރު ވަނީ ބޮޑުވެފަ އެވެ.

އެމެރިކާގެ އެހެން އިސް ޖެނެރަލަކު ވިދާޅުވި ގޮތުގައި ރަޝިޔާ އިން މަސައްކަތް ކުރަމުން އަންނަނީ ސީރިޔާގެ ވައިގެ ސަރަހައްދުގައި "ތަޅާފޮޅުމެއްގެ" ތެރެއަށް އެމެރިކާ ވެއްދުމަށެވެ. އެ ގޮތުން ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތައް އިއްޔެ ވެސް، ސީރިޔާގެ ވައިގެ ސަރަހައްދުގެ ތެރެއިން، އެމެރިކާގެ ވައިގެ ސިފައިން ބަލަހައްޓާ ސަރަހައްދަށް ވަދެފައިވާ ކަމަށް، ލެފްޓިނެންޓް ޖެނެރަލް ގްރީންކެވިޗް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާއާ އެކުގައި ކުރިމަތިލުމަކަށް ދާން އެމެރިކާ ބޭނުމެއް ނުވެ އެވެ. އެހެން ނަމަވެސް ސީރިޔާ ސަރަހައްދަށް އިތުރު ސިފައިން ގެންދަން ޖެހިއްޖެ ނަމަ، ރަޝިޔާ އަށް އޮތީ ވަރަށް މަދު އިޚްތިޔާރުތަކެއް ކަމާއި އެމެރިކާގެ ކުރިމަތީގައި ހުރި އިޚްތިޔާރުތައް ގިނަކަން ރަޝިޔާއަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަޝިޔާ އިން ބިރު ދައްކައިގެން ސީރިޔާ ސަރަހައްދުން އެމެރިކާ ފައްސައި ބޭރުކުރަން އުޅުނަސް ރަޝިޔާއަށް އެކަމުގައި ކުރިއެރުމެއް ނުލިބޭ ކަމަށެވެ. މިދިޔަ މާޗް މަހުގެ ތެރޭގައި އެކަނިވެސް، ސީރިޔާގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގެ ވައިގެ ސަރަހައްދަށް ރަޝިޔާގެ މަތިންދާބޯޓުތައް 25 ފަހަރެއްގެ މަތިން ވަދެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.