Roadha Mihaaru
އެމްޓީސީސީއަށް ނުދެއްކޭވަރުގެ ދަރަންޏެއް ނޯންނާނެ:އާޒިމް

އެމްޓީސީސީ އަށް ނުދެއްކޭވަރުގެ ދަރަންޏެއް ނޯންނާނެ: އާޒިމް

07 މާޗް 2024

ދަރަނި ނެގީ ޕްރޮޖެކްޓްތައް ހިންގަން ކަމަށާއި ނުދެއްކޭވަރުގެ ދަރަންޏެއް އެމްޓީސީސީގައި ނޯންނާނެ ކަމަށް އެ ކުންފުނީގެ ކުރީގެ ސީއީއޯ އަދި މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދަރަނި ނެގީ ޕްރޮޖެކްޓްތައް ހިންގަން ކަމަށާއި ނުދެއްކޭވަރުގެ ދަރަންޏެއް އެމްޓީސީސީގައި ނޯންނާނެ ކަމަށް އެ ކުންފުނީގެ ކުރީގެ ސީއީއޯ އަދި މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީގެ މެނޭޖްމެންޓުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވީ، އެ ކުންފުނީގެ ދަރަނި 954 މިލިއަން ރުފިޔާ އަށް އެރި އިރު ކުންފުންޏަށް ލިބެން ޖެހޭ 1.7 ބިލިއަން އެބައޮތް ކަމަށެވެ. އެހެންވެ އެއީ، ކުންފުންޏަށް މާލީ ގޮތުން ގެއްލުންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، އެ ކުންފުންޏާ ހަވާލުވި އިރު 12 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަން ސޮއިކޮށްފައިވާ އިރު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ލޯނު ނަގަން ޖެހޭ ކަމަށެވެ. އަދި ލޯނު ނަގައިގެން މަޝްރޫއުތައް ހިންގާފައި ވެސް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ހުރެފައި ނުކުތްއިރު ފައިދާގެ ގޮތުގައި ތިން ވަނަ ކުއާޓާއާ ހަމައަށް 150 މިލިއަން ރުފިޔާ ވަރު ހުންނާނެ. ނޮވެމްބަރާ ހަމައަށް ވެސް ފައިދާ ވެފަ އޮންނާނީ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ، އެމްޓީސީސީ އަށް ޑިސެމްބަރު މަހާއި ޖެނުއަރީ މަހު ގެއްލުންވެފައި އޮތް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އާޒިމް އަދިވިދާޅުވީ، އެ ކުންފުނީގެ ހާލަތާ ގުޅޭ ގޮތުން ދައްކާ ވާހަކައަކީ މި ވަގުތު ކުންފުނި ހިންގަވަން ތިއްބެވި ބޭފުޅުންގެ ކެޕޭސިޓީ ނެތުމުން ދައްކާ ވާހަކަ ކަމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވީ، ކުންފުންޏާ ހަވާލުވި އިރު އެ ކުންފުނި އޮތީ ހާލަތު ވަރަށް ގޯސްކޮށް ކަމަށެވެ. އެ ކުންފުނީގެ ދަރަނި 954 މިލިއަން ރުފިޔާގައި އޮތް އިރު އެ ކުންފުންޏަށް ޕްރޮޖެކްޓްތައް ހިންގައިގެން ލިބެން ޖެހޭ 1.7 ބިލިއަން ރުފިޔާ އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން ސަރުކާރުން އެ ކުންފުންޏަށް ދޭން ޖެހޭ 800 މިލިއަން ރުފިޔާ އެބަ އޮތެވެ.