Roadha Mihaaru
އަލީ ވަހީދުގެ ދައުވާތައް ގެންދިއުމަކީ ދިން ހިތްވަރެއް

އަލީ ވަހީދުގެ ދައުވާތައް ގެންގޮސް މައްސަލަ ފައިލްކުރުމަކީ ދިން ހިތްވަރެއް: އެމްއާރުއެމް

16 ޖޫން 2023

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރި ޖިންސީ ގޯނާއި ރޭޕްކުރުމުގެ ހަތް ދައުވާ އަނބުރާ ގެންދިއުމަކީ އެފަދަ ކުށްތައް ކުރާ މީހުންނަށް ދިން އިތުރު ހިތްވަރެއް ކަމަށް ބުނެ އެމްއާރްއެމް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރި ޖިންސީ ގޯނާއި ރޭޕްކުރުމުގެ ހަތް ދައުވާ އަނބުރާ ގެންދިއުމަކީ އެފަދަ ކުށްތައް ކުރާ މީހުންނަށް ދިން އިތުރު ހިތްވަރެއް ކަމަށް ބުނެ އެމްއާރްއެމް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމާއި ޖިންސީ އަނިޔާ ދިނުމާއި ރޭޕްކުރަން އުޅުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ދައުވާ އަލީ ވަހީދުގެ މައްޗަށް އުފުލީ 2020ވަނަ އަހަރު އެވެ.

އެކަމަކު ދައުވާތައް ކުރިއަށް ދަނިކޮށް އޭނާ ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ހުއްދަ ދިނުމުން ވަޑައިގެންނެވި ގޮތަށް އޭނާ އެނބުރި ވަޑައެއް ނުގަންނަވަ އެވެ. އެހެންވެ މައްސަލަތައް ކޯޓުގައި ކުރިއަށް ނުގެންދެވި ހުއްޓުނީ އެވެ.

އެދައުވާތަކުން އަލީ ވަހީދު ސަލާމަތްވެފައިވާ ކަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިދިޔަ ބުދަ ދުވަހު ވަނީ ނޫސްބަޔާނަކުން އާއްމުކޮށްފަ އެވެ.

އެ މައްސަލާގައި އެމްއާރްއެމުން ނެރުނު ބަޔާނެއްގައި ބުނީ އަލީ ވަހީދަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންގޮސް، އަނިޔާ ލިބުނު މީހުންނަށް އިންސާފު ލިބުމުގެ ފުރުސަތު ގެއްލިގެން ދިއުމަކީ އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"މި މައްސަލަ ކުރިއަށް ނުގެންދެވުމަކީ ޖިންސީ ގޯނާ އާއި ރޭޕް ފަދަ ބޮޑެތި ކުށްތައް މަދުކޮށް ހުއްޓުވުމުގައި ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ދެރައެކެވެ. އަދި އެފަދަ އަމަލުތަކުގެ ވިކްޓިމުންނަށް ލިބޭ އިތުރު ނިކަމެތި ކަމެކަމަކާއި، އެފަދަ އަމަލުތައްކުރާ މީހުންނަށް ލިބުނު އިތުރު ހިތްވަރެއް ކަމުގައި ވެސް ދެކެމެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ޕާޓީން ބުނީ އެފަދަ މައްސަލަތައް ދިގުލައިގެން ދިއުމުން މައްސަލަ ލާ މީހާ އަށް ގޮތްހުސްވެގެން މައްސަލަ އަނބުރާ ގެންދާ ކަމަށެވެ.

އަނިޔާ އާއި ފުރައްސާރައިން ރައްޔިތުންނަށް ރައްކާތެރިކަމާއި ހިމާޔަތް ހޯދައި ދިނުމަށް ގާނޫނާއި ގަވާއިދުތައް ހެދިފައިވީ ނަމަވެސް ޖިންސީ ގޯނާ އާއި ރޭޕްގެ ޝިކާރައަށް ވާ މީހުން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ޝަރީއަތަށް ހުށަހެޅޭ ވަރަށް ހެއްކާއި ގަރީނާ ލިބެނީ މަދު ފަހަރަކު ކަމަށް އެމްއާރްއެމްއިން ބުންޏެވެ. އަދި އެ ހުށަހެޅޭ މައްސަލަތައް ވެސް ކުރިއަށް ނުގެންދެވޭ ގާނޫނާއި ގަވާއިދުތައް ހެދުމަކީ އެއްވެސް މަގްސަދެއް ހަސިލުވާނެ ކަމެއް ނޫން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

"މިފަދަ މައްސަލަތަކުގައި އާއްމުކޮށް ކަން ހިނގާ ގޮތަށް ބަލާއިރު، ހެކިންނަށް ބިރުދެއްކުމުގެ ސަބަބުން، ދައުވާ ކުރަން ބޭނުން ނުވެ މައްސަލަތައް އަނބުރާ ގެންގޮސްފައިވާކަން ފާހަގަވެ އެވެ. މި މައްސަލާގައި ވެސް އެގޮތައް ކަންހިނގާފައި ވުން އެކަށީގެންވެ އެވެ. އަދި މިމައްސަލަ ދިގުލައިގެން ދިއުމުގެ ސަބަބުން އަނިޔާ ލިބުނު ވިކްޓިމްސް އަށް އިންސާފު ނުލިބުނުކަން ފާހަގަކޮށްލަމެވެ،" ބަޔާނުގައިވެ އެވެ.

ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަކުރުމުގެ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހެކީންނަށް ރައްކާތެރިކަން ލިބޭނެ ނިޒާމެއް ގާއިމް ކުރުމަށް ވެސް އެމްއާރްއެމުން ވަނީ އެދިފަ އެވެ.

އިންސާފު ލިބުމުގައި ހާއްސަކޮށް އަންހެނުންނަށް ހުރި ގޮންޖެހުންތަކުން އަރައިގަނެ، އިންސާފު ހޯދައިދޭން ހުރި ހުރަސްތައް ނައްތާލުމަށް އެޅެން ހުރި ފިޔަވަޅުތައް ވީހާ އަވަހަކަށް އެޅުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ވެސް އެ ޕާޓީން ވަނީ ގޮވާލައިފަ އެވެ.