Roadha Mihaaru
އަލީ ވަހީދުގެ އިސްތިއުނާފް ޝަރީއަތް ފަސްކޮށްފި

އަލީ ވަހީދުގެ އިސްތިއުނާފް ޝަރީއަތް އަންނަ ހަފުތާއަށް ފަސްކޮށްފި

01 އޯގަސްޓް 2021

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުން އޮންލައިންކޮށް ބާއްވާތީ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މައްސަލައިގެ ޝަރީއަތް އަންނަ ހަފުތާއަށް ސުޕްރީމް ކޯޓުން ފަސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުން އޮންލައިންކޮށް ބާއްވާތީ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މައްސަލައިގެ ޝަރީއަތް އަންނަ ހަފުތާއަށް ސުޕްރީމް ކޯޓުން ފަސްކޮށްފި އެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް ކްރިމިނަލް ކޯޓުގެ ހުއްދައާ އެކު އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތްފަހުން އޭނާ އެނބުރި ވަޑައެއް ނުގަންނަވަ އެވެ. އޭނާ އެނބުރި ވަޑައިގަންނަވަންޖެހޭ މުއްދަތު ހަމަވިއިރު އޭނާ އެނބުރި ވަޑައިނުގަތަސް، ކްރިމިނަލް ކޯޓުން ވަނީ އޭނާ ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވުމުގެ ފުރުސަތު ދޭން ނިންމައިފަ އެވެ.

ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެ ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރިޔަސް، ހައި ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ. އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ހަމަޖެއްސުމަށްފަހު މިހާރު ވަނީ އަންނަ ހަފުތާގެ ބުދަ ދުވަހަށް ފަސްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލާގެ ޝަރީއަތް ފަސްކުރީ އިދާރީ ސަބަބަކާ ހެދި ކަމަށެވެ.

އެ މައްސަލައިގެ ޝަރީއަތަށް ހާޒިރުވާން އަލީ ވަހީދު ރާއްޖެ އަންނަން ސުޕްރީމް ކޯޓުން ކުރިން އޮތީ އޭނާއަށް އަންގައިފަ އެވެ.

ބޭސްފަރުވާއަށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިން މައްސަލަ ވެސް ދައުލަތުން ކުރިން އިސްތިއުނާފްކުރި އެވެ. އެކަމަކު ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ނިންމީ އެ މައްސަލަ އޭނާގެ ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.