އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގައި ރާއްޖޭގެ އެމްބަސީއެއް އިއްޔެ އަލުން ހުޅުވައިފި އެވެ.
17 ޖޫން 2023
އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގައި ރާއްޖޭގެ އެމްބަސީއެއް އިއްޔެ އަލުން ހުޅުވައިފި އެވެ.
އެ އެމްބަސީ ހުޅުވުމަށް އިއްޔެ ވޮޝިންޓަންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އެމެރިކާގައި ހުންނަ ދެކުނު އަދި ސެންޓްރަލް އޭޝިއާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ ޑޮނަލްޑް ލޫ ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި ލޫ ވިދާޅުވީ މިއީ، މި ސަރަހައްދުގެ ގައުމުތަކާ އެމެރިކާގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމެއް ކަމަށެވެ.
އެމެރިކާގައި ރާއްޖޭގެ އެމްބަސީއެއް އަލުން ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަން ފޮރިން މިނިސްޓަރު ޝާހިދު އިއުލާންކުރެއްވީ މިދިޔަ އަހަރު އެވެ.
އެމެރިކާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެމެރިކާގައި ހުންނަ ދެކުނު އަދި ސެންޓްރަލް އޭޝިއާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ ޑޮނަލްޑް ލޫއާ ސަލާންކުރައްވަނީ.-- ފޮޓޯ: އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް
އެ އެމްބަސީ ހުޅުވުމުގެ ކުރިން އެމެރިކާ އިން ރާއްޖެއާއެކު ކުރާ ހާރިޖީ މުއާމަލާތްތައް ކުރިއަށް ގެންދަނީ ސްރީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީ މެދުވެރިކޮށެވެ. އެމެރިކާގައި ރާއްޖެ ތަމްސީލުކުރަނީ އދ. ގައި ހުންނަ ރާއްޖޭގެ މިޝަން މެދުވެރިކޮށެވެ.
ރާއްޖޭގެ އެމްބަސީއެއް މީގެ ކުރިން އެމެރިކާގައި ކުޑަ ދުވަސްކޮޅަކަށް ހިންގި އެވެ. އެކަމަކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2007 ގައި ހުޅުވި އެ އެމްބަސީ ހިންގަން ދިމާވި ބަޖެޓްގެ ދަތިކަމާ ހެދި 2008 ގައި ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވި ފަހުން އެ އެމްބަސީ ބަންދުކުރި އެވެ.
އެމެރިކާގެ އެމްބަސީއެއް މިހާރު ރާއްޖޭގައި ވެސް ހުރެ އެވެ. އެ އެމްބަސީ ހިންގަނީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގަ އެވެ.
އެމެރިކާ އިން ރާއްޖެއާ ހާރިޖީ ގުޅުން ގާއިމުކުރީ 1966 ވަނަ އަހަރު އެވެ.
ޒަމީރު ފުރަތަމަ ބައްދަލުކުރެއްވީ ފަލަސްތީނުގެ މަންދޫބާ
އެމެރިކާއިން ރާއްޖެއަށް ހާއްސަކޮށް އަލަށް ސަފީރެއް
އެމެރިކާ އިން ރާއްޖެއަށް ފައިޒާ ވެކްސިން ހަދިޔާކޮށްފި
އެމެރިކާގެ ވެކްސިން ލިސްޓުގެ ކުރީގައި ރާއްޖެ
ރަނގަޅު ބައިވެރިއެއްގެ ގޮތުގައި ތިބެން ބޭނުން:ޕޮމްޕެއޯ
ރާއްޖެއަށް އެމެރިކާއިން 60 ވެންޓިލޭޓަރު ހަދިޔާކޮށްފި
އެމެރިކާއިން ރާއްޖެއަށް ދެ މިލިއަން ޑޮލަރު ދެނީ
އެމެރިކާ އިން ރާއްޖެއަށް އިތުރު 8މިލިއަން ޑޮލަރު ދީފި
ޒަމީރު، ގުޓެރޭސްއާ ބައްދަލުކުރައްވައިފި
ޒަމީރު، ބްލިންކަންއާ ބައްދަލުކުރައްވައިފި