Roadha Mihaaru
ނާޒިމަށް ބަދަލު ހޯދަން ދައުވާކުރެވޭނެ: ސުޕްރީމް ކޯޓް

ނާޒިމް ޖަލަށް ލައި މަގާމު ގެެއްލުނު މައްސަލާގައި ބަދަލު ހޯދަން ދައުވާ ކުރެވޭނެ: ސުޕްރީމް ކޯޓް

18 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް އުމުރަށް ޖަލަށްލި މައްސަލައިގައި ބަދަލު ހޯދަން ދައުވާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދުކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުން މިއަދު އެ ނިންމުންތައް ބާތިލްކޮށް ސިވިލް ކޯޓަށް އަލުން ހުށަހަޅައިފި ނަމަ ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހުކުމްކޮށްފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް އުމުރަށް ޖަލަށްލި މައްސަލައިގައި ބަދަލު ހޯދަން ދައުވާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދުކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުން މިއަދު އެ ނިންމުންތައް ބާތިލްކޮށް ސިވިލް ކޯޓަށް އަލުން ހުށަހަޅައިފި ނަމަ ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހުކުމްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ މެމްބަރަކަށް ހުންނަވަނިކޮށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވާ ކަމަށް ބުނެ ނާޒިމް 25 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކުރީ 2015 ވަނަ އަހަރު އެވެ. އެ ހުކުމާ އެކު، އޭނާގެ މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލުނެވެ. އެކަމަކު އެ ހުކުމް ރިވިއު ކުރަން ނާޒިމްގެ ފަރާތުން ހުށަހެޅުއްވުމުން 2018 ގައި ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އޭނާ މިނިވަންކޮށްފަ އެވެ.

ނާޒިމް މިނިވަންވުމާ އެކު، އޭނާ ވަނީ ހުކުމުގެ ސަބަބުން އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާތީ މެމްބަރުކަމުގެ މުސާރަ އާއި އިނާޔަތްތައް ހޯދުމަށާއި ލިބުނު އެހެން ގެއްލުންތަކަށް ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އޮންނާނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ނެތް ކަމަށެވެ. ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ގާނޫނާ ޚިލާފަށް މީހަކު ބަންދު ކުރުމުން އެކަމުގެ ބަދަލު ލިބިދެވޭނެ ކަމަށް ގާނޫނުއަސާސީ އާއި ބޭރުގެ މުއާހަދާތަކުގައި ބަޔާންކޮށްފައި ވިޔަސް، އިސްތިއުނާފީ ކޯޓަކުން ކުރީގެ ހުކުމެއް ބަދަލު ކުރުމަކީ ބަދަލު ދޭންޖެހޭ ކަމެއް ނޫން ކަމަށެވެ.

ރަޖިސްޓްރާ މައުޟޫއީ ގޮތުން ދައުވާއަށް ނުވަތަ ދައުވާއިން ބަޔަކަށް ގޮތެއް ނިންމައިފި ނަމަ، އެ މައްސައިގައި ޝަރީއަތުން ގޮތެއް ނިންމުމުގެ ދޮރު ބަންދުވޭ

ނާޒިމްގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ފަހުން ބާތިލްކުރީ އިޖްރާއީ ނުކުތާއެއްގެ މައްޗަށް ކަމަށާއި އެއީ ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.

ނަމަވެސް ނާޒިމްގެ ފަރާތުން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން މިއަދު ކުރި ހުކުމުގައި ވަނީ ސިވިލް ކޯޓާއި ހައި ކޯޓުގެ ނިންމުންތައް ބާތިލްކޮށް، މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހަޅައިފި ނަމަ މައްސަލަ ބަލައިގަނެ ގޮތެއް ކަނޑައަަޅަން ޖެހޭނެ ކަމަށެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ބެއްލެވި އެ މައްސަލައިގައި ފަނޑިޔާރު މަހާޒްގެ ރައުޔަށް އަނެއް ދެ ފަނޑިޔާރުން ވެސް ތާއީދު ކުރެއްވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ މިއީ ގެއްލުމުގެ ބަދަލު ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި މައްސަލައެއް ކަމަށް ވެފައި، ސުޕްރީމް ކޯޓުގެ ނިންމުމަކަށް ވާތީ ބަދަލު ހޯދަން ދައުވާ ނުކުރެވޭނެ ކަމަށް ނިންމުމަކީ ދައުވާގެ މައުޟޫގެ ބަޔަކަށް ރަޖިސްޓްރާ ގޮތް ނިންމުން ކަމަށެވެ. މިއީ ރަޖިސްޓްރާގެ ޒިންމާއެއް ނޫން ކަމަށާއި ޝަރީއަތަށް ހުށަހަޅައިގެން ދެ ފަރާތުގެ ހުށަހެޅުމަށް ބިނާކޮށް ގޮތް ނިންމަންޖެހޭ މައުޟޫއީ މައްސަލައެއް ކަމަށެވެ.

މިގޮތަށް ރަޖިސްޓްރާ މައުޟޫއީ ގޮތުން ދައުވާ އަށް ނުވަތަ ދައުވާ އިން ބަޔަކަށް ގޮތެއް ނިންމައިފި ނަމަ، އެ މައްސައިގައި ޝަރީއަތުން ގޮތެއް ނިންމުމުގެ ދޮރު ބަންދުވެ، ގާނޫނުއަސާސީގެ 42 ވަނަ މާއްދާގައި އޮންނަ، އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގު ގެއްލޭނެ ކަމަށް ހުކުމުގައިވެ އެވެ. މީގެ ކުރިން ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމަކަށް ވެސް ހަވާލާދީފައިވެ އެވެ.

މިއީ އިހްތިސާސް ނެތް ކަމަށް ބުނެ ކޯޓަކުން ބަލައި ނުގަންނަ މައްސަލައެއްގައި ޝަރީއަތް ނުކުރުމުގެ އުސޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓުން ނާޒިމް ޖަލަށްލާން ހުކުމް ކުރުމުން ޖަލުގައި ހުންނެވުމަށް ފަހު ރާއްޖެ އިން ބޭރަށް ވަޑައިގެން ފަހުން ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ. އޭނާ ރާއްޖެ ވަޑައިގަތީ 2018 ގެ ރިޔާސީ އިންތިޚާބާ އެކު، އޭރުގެ ރައީސް އަދި ކުރީގެ ގާތް ރަހުމަތްތެރިޔާ އަބްދުﷲ ޔާމީނަށް ނާކާމިޔާބު ވުމުންނެވެ. އޭނާގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ފަހުން ބާތިލް ކުރިޔަސް، އޭނާގެ މެމްބަރުކަމުގެ ގޮނޑި އަލުން އަނބުރާ އިއާދައެއް ނުކުރެ އެވެ.