Roadha Mihaaru
ކަނޑައެޅި ބަޖެޓު ހުސްވެ ބަދަލަށް 230 މިލިއަން ދީފި

ބަދަލުގެ ގޮތުގައި 230 މިލިއަން، ކަނޑައެޅި ބަޖެޓް ހުސްވެއްޖެ

19 ޖޫން 2023

ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި، ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ ދެ ގުނަ އަށް ހޭދަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި، ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ ދެ ގުނަ އަށް ހޭދަކޮށްފި އެވެ.

ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ބަދަލު ދިނުމަށް ކަނޑައަޅާފައިވަނީ 101 މިލިއަން ރުފިޔާ އެވެ.

އެކަމަކު، ފިނޭންސް މިނިސްޓްރިގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް އެކި ފަރާތްތަކަށް ދައުލަތުން ވަނީ ބަދަލަށް 230 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އެހެންވެ، މިއީ ބަޖެޓަށް ވުރެ 127 ޕަސެންޓު އިތުރު އަދަދެކެވެ.

މި އަހަރުގެ ފުރަތަމަ ހަ މަހުން، ގެއްލުމުގެ ބަދަލަށް ކަނޑައެޅި ބަޖެޓް ހުސްވި އިރު މި އަހަރުގެ މިހާތަނަށް ދައުލަތުން ވަނީ 21 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މިއީ ގާތްގަނޑަކަށް މި އަހަރަށް ކަނޑައެޅި ބަޖެޓުގެ 50 ޕަސެންޓެވެ.

މިދިޔަ މޭ މަހުގެ ނިޔަލަށް ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ހޭދަކުރީ 102 މިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތައް ހާމަކޮށްފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންވެ، މި މަހުގެ ފުރަތަމަ 8 ދުވަހުގެ ތެރޭގައި ބަދަލުގެ ގޮތުގައި އިތުރު 127 މިލިއަން ވަނީ ހޭދަކޮށްފަ އެވެ.

ވޭތުވެދިޔަ ހަތަރު އަހަރު ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް 1.6 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އެ ބަދަލުތައް ދޭން ޖެހެނީ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ގާނޫނާއި ގަވާއިދާ ހިލާފަށް ބާތިލުކުރަން ޖެހުމުގެ ސަބަބުންނެވެ. މިދިޔަ ހަތަރު އަހަރު ވެސް ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ބަޖެޓުކުރި އަދަދަށް ވުރެ އިތުރަށް ސަރުކާރުން ހޭދަކޮށްފަ އެވެ.

ބަދަލުގެ ގޮތުގައި ބޮޑު ހޭދައެއް ކޮށްފައިވާ އިރު، މި އަހަރުގެ ފުރަތަމަ ދެ މަހު ބަދަލުގެ ގޮތުގައި ހޭދަކޮށްފައިވަނީ އެންމެ ކުންފުންޏަކަށެވެ. އެއީ ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ އެވެ.

މިދިޔަ ފެބްރުއަރީ މަހު ބަދަލު ދިން އެ ކުންފުނީގެ ނަން ހާމަކޮށްދޭން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން އެދުމުން ފިނޭންސް މިނިސްޓްރީން ބުނީ ބަދަލު ދިން ކުންފުނިތަކުގެ މައުލޫމާތު ހާމަނުކުރެވެނީ، އެ ފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެހެން ފަރާތަކާ ހިއްސާ ނުކުރަން އެއްބަސްވެފައި އޮތުމުން ކަމަށެވެ. އެ ކުންފުންޏަށް ބަދަލު ދިނީ އާބިޓްރޭޝަންގެ ނިންމުމަކާ ގުޅިގެން ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު އިންފޮމޭޝަން ކޮމިޝަނުން ވަނީ ކުންފުނީގެ ނަން ހާމަކުރަން ފިނޭންސް މިނިސްޓްރީ އަށް އަންގައިފަ އެވެ.