Roadha Mihaaru
ޝިފާއުގެ މައްސަލަ އިސްތިއުނާފު ކުރިއިރު ފުރައިފި

ވަގު ޓީޓީން ވިޔަފާރި ކުރި ޝިފާއުގެ މައްސަލަ އިސްތިއުނާފު ކުރިއިރު ރާއްޖޭން ފުރައިފި

19 ޖޫން 2023

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ބޭނުންކޮށްގެން ރާއްޖެ އަށް މުދާ އެތެރެކުރުމުގެ ތުހުމަތަށް ހައްޔަރުކުރި ހުސައިން ޝިފާއުގެ މައްސަލަ އިސްތިއުނާފް ކުރަން ޕީޖީން ހުށަހެޅިއިރު ރާއްޖެއިން ފުރައިގެން ގޮސްފައިވާ ކަން ހާމަވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ބޭނުންކޮށްގެން ރާއްޖެ އަށް މުދާ އެތެރެކުރުމުގެ ތުހުމަތަށް ހައްޔަރުކުރި ހުސައިން ޝިފާއުގެ މައްސަލަ އިސްތިއުނާފް ކުރަން ޕީޖީން ހުށަހެޅިއިރު ރާއްޖެއިން ފުރައިގެން ގޮސްފައިވާ ކަން ހާމަވެއްޖެ އެވެ.

ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގައި މަކަރު ހެދުމަށް ފަހު ފިލައިގެން އުޅޭތީ 2021 ވަނަ އަހަރު ފުލުހުން ހޯދަން އިއުލާން ވެސް ކޮށްފައިވާ ޝިފާއު ވަގު ޓީޓީ ބޭނުން ކުރި މައްސަލާގައި ހައްޔަރު ކުރީ މިދިޔަ އޭޕްރީލް މަހުގެ 28 ގަ އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބުނެ ކޯޓުން އޭނާ ދޫކޮށްލީ މިދިޔަ މަހުގެ 27ގަ އެވެ.

ހައިކޯޓުން މިއަދު ބުނީ އެ މައްސަލަ އިސްތިއުނާފް ކޮށްދިނުމަށް އެދި ޕީޖީން އޭނާ ބަންދުން ދޫކޮށްލި ދުވަހު ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ މިހާރު އުޅޭ އެޑްރެސް ހޯދުމަށް ޕީޖީގައި އެދުމުން ޝިފާއު، މިދިޔަ މަހުގެ 29 ވަނަ ދުވަހު ރާއްޖެއިން ފުރައިގެން ގޮސްފައިވާ ކަމަށާއި އޭގެ ފަހުން އެނބުރި ރާއްޖެއަށް އައިސްފައި ނުވާ ކަމަށް ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވެ އެވެ.

ހައިކޯޓުން ވަނީ އޭނާ މިހާޜު ދިރިއުޅެމުން އަންނަ އެޑްރެސް ހޯދުމަށްފަހު މައްސަލަ ހުށަހެޅުމަށް އަނބުރާ ޕީޖީއަށް ފޮނުވާލަން ހުކުމްކޮށްފަ އެވެ.

ޝިފާއު ދޫކޮށްލުމުން ރާއްޖެއިން ފުރައިގެން ގޮސްފައި ވީނަމަވެސް ޕީޖީ އޮފީހުން ވަނީ އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ދައުވާތަކެއް ކޮށްފަ އެވެ.

އޭގެ ތެރޭގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާއަކާއި މަނީ ލޯންޑަރިންގެ ކުށުގެ ހަތް ދައުވާއެއް އޭނާގެ މައްޗަށް ކުރުމަށް ޕީޖީން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.

އެ ދައުވާތައް ސާބިތުވެއްޖެ ނަމަ 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.