Roadha Mihaaru
ރައީސް އެދިވަޑައިގަތީ މަޖިލިސް ހިނގާނެ ގޮތެއް ހޯދުން

ރައީސް އެދިވަޑައިގަތީ މަޖިލިސް ހިނގާނެ ގޮތެއް ހޯދުން: މިއުވާން

20 ޖޫން 2023

ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބު، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފާ އިއްޔެ ބައްދަލުކުރެއްވިއިރު އެދިވަޑައިގަތީ މަޖިލިސް ނުހުއްޓި ހިނގާނެ ގޮތެއް ހޯދުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބު، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފާ އިއްޔެ ބައްދަލުކުރެއްވިއިރު އެދިވަޑައިގަތީ މަޖިލިސް ނުހުއްޓި ހިނގާނެ ގޮތެއް ހޯދުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅުމާ އެކު، އުފެދުނު ކޯޅުންގަނޑު ހޫނުވަމުން އައިސް، މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ ގޮތެއް ނެތި ދައުލަތުގެ އެއް ބާރު މިހާރު މިއަދުން ފެށިގެން ވަނީ އެކީގައި ހުއްޓިފަ އެވެ.

މަޖިލިސް ހުއްޓުނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން ކަމަށް ނަޝީދު ވަނީ އިއްޔެ ވިދާޅުވެފަ އެވެ. އެކަން ކުރީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިގެން ކަމަށް ތުހުމަތު ކުރައްވައި، ނަޝީދު ވަނީ ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންދެވުމަށް ގޮވާލައްވައިފަ އެވެ.

އެކަމާ ގުޅިގެން "މިހާރު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، މަޖިލީހުގެ ޖަލްސާތައް ނުބޭއްވި، ދައުލަތުގެ އެއް ބާރު ހުއްޓުފައި އޮތުމުގެ ކަންބޮޑުވުން ރައީސް ވެސް އަފީފާ ހިއްސާ ކުރެއްވި ކަމަށެވެ.

"ރައީސް އަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ. ދެން މަޖިލީހަކީ ދައުލަތުގެ އެއް ބާރު. އެހެންވީމާ އެ ހައިސިއްޔަތުން ރައީސް އެދިވަޑައިގަންނަވަނީ މަޖިލިސް ނުހުއްޓި ހިނގާނެ ގޮތެއް ހޯދުން،" މިއުވާން ވިދާޅުވި އެވެ.

އެ ކަން މަޖިލީހުގެ ރިޔާސަތު މި ފަހުން ބެލެހެއްޓެވި އަފީފާ އިއްޔެ ބައްދަލުކުރެއްވިއިރު ރައީސް ހިއްސާ ކުރެއްވި ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.

ނަޝީދު އިއްޔެ ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ، އަފީފް ބައްދަލުކުރެއްވި ނަޝީދުގެ އެދިވަޑައިގަތުމަކަށެވެ. ބޭނުމަކީ މަޖިލިހުގެ މައްސަލަ ހައްލެއް ހޯދުމަށެވެ.

ޖަލްސާތައް ނުބޭއްވެނީ ކީއްވެ؟

މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ނަމަ، އެހެން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެ އެވެ.

މިދިޔަ ތިން ދުވަހު ރިޔާސަތު ބެލެހެއްޓެވީ އަފީފެވެ.

ރިޔާސަތުގައި އިންނަވާނެ ބޭފުޅަކު ނެތިގެން، މިއަދު ބާއްވަންޖެހޭ ޖަލްސާ ތާވަލުކޮށްފައެއް ވެސް ނުވެ އެވެ. ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން ނަޝީދު އިންކާރުކުރައްވާ ހިނދު، މަޖިލީހުގެ އިތުރު އެއްވެސް ޖަލްސާއެއް ބޭއްވޭނެ ކަމާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.