ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އިދިކޮޅު މެމްބަރުން ހަލަބޮލިކޮށް ހުއްޓުވީ، އެކަމަށް މަޖިލީހުގެ ރިޔާސަތުން ފުރުސަތު ދިނުމުން ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން ބުނެފި އެވެ.
14 ޖޫން 2023
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އިދިކޮޅު މެމްބަރުން ހަލަބޮލިކޮށް ހުއްޓުވީ، އެކަމަށް މަޖިލީހުގެ ރިޔާސަތުން ފުރުސަތު ދިނުމުން ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން ބުނެފި އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީގެ ޕީޖީ ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނީ، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަބަދުވެސް ދެމިއޮންނާނެ ކަމަށް ގަބޫލުކުރި ނަމަވެސް، މިއަދުގެ ޖަލްސާ އަށް އެއްބާރުލުން ދިނީ ކޮމިޓީތައް އެކުލަވާލުމުގެ މައްސަލަ އާއި އިތުރު މުހިންމު އެހެން މަސައްކަތްތަކެއް އެޖެންޑާ ކޮށްފައި އޮތުމުން ކަމަށެވެ.
"...މަޖިލީހުގެ ހުއްޓިފައިވާ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މައްސަލައަކީ މިވަގުތު މަޖިލިސް ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތެވެ،" ބަޔާނުގައި ބުންޏެވެ.
އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރައްވާ 13 މެމްބަރުންގެ ތެރެއިން، ގިނަ މެމްބަރުން އިސްވެ މިއަދުގެ ޖަލްސާ ހުއްޓުވީ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުން އެޖެންޑާގައި ނުހިމެނޭ ކަމަށް ވިދާޅުވެ އެވެ. ތަޅުމުގައި އަޑުގަދަކޮށް، އިހުތިޖާޖު ކުރަމުން ދިޔައީ، ކޮމިޓީތައް އަލުން އެކުލަވާލަނީ އެ މެމްބަރުންނާ މަޝްވަރާނުކޮށް ކަމަށް ތުހުމަތު ކުރެއްވި އެވެ. ތަޅުމުގައި އަވުގުރާނަ ގޮވައި، އަޑުގަދަކޮށް، މާރާމާރީ ހިންގާ ހިސާބަށް ހޫނުވެގެން ދިޔައިރު ވެސް، ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އެއްވެސް ފިޔަވަޅެއް ނާޅުއްވަ އެވެ. އެ ހުރިހާ ކަންކަމަށް އޭނާ އިންނެވީ ފުރުސަތު ދެއްވައިގެންނެވެ.
އެކަމަކު އެމްޑީޕީ ޕީޖީ ގުރޫޕުން ބުނީ، އެ މައްސަލަ އެޖެންޑާ ކުރީ މަޖިލިސް ތަމްސީލުކުރާ ހުރިހާ ސިޔާސީ ޕާޓީތަކާއި މިނިވަން މެމްބަރުންނާ ތިން ފަހަރަށް މަޝްވަރާކޮށް، މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކާއި ނިސްބަތަށް ރިއާޔަތްކޮށް ކަމަށެވެ.
"މި މައްސަލާގައި މަޖިލީހުގެ އިދާރާއިން ދެ ގޮތެއް ހުށަހަޅާފައިވަނިކޮށް، އެއިން އެއްވެސް ކަމަކަށް ފުރުސަތު ނުދީ މިއަދުގެ ޖަލްސާ ފެށުމާ އެކު، އިދިކޮޅު މެމްބަރުންނަށް މަޖިލިސް ހަލަބޮލި ކުރުމަށް ރިޔާސަތުން ފުރުސަތު ދީ، ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް ފަސްޖެހި، މަޖިލީހުގެ ރިޔާސަތުން ވަނީ މިއަދުގެ ޖަލްސާ ހުއްޓާލާފަ އެވެ،" ބަޔާނުގައި ވެ އެވެ.
އެމްޑީޕީގެ ޕީޖީން އެ ތުހުމަތުކުރާއިރު، މިއަދުގެ ޖަލްސާ އަފީފް ނިންމަވާލެއްވީ ވަރަށް ސުވާލު އުފެއްދޭ ގޮތަކަށެވެ. މަޖިލިސް އެންމެ ހަލަބޮލިވި ވަގުތު، ރިޔާސަތުގައި އިންނެވި އަފީފަށް ފޯނު ކޯލެއް އައި މަންޒަރު ލައިވްކޮށް ބްރޯޑްކާސްޓް ކުރި ޖަލްސާ އަށް ފެނުނެވެ. އަދި މައިކު ކަނޑާ ނުލައި ހުރުމުން އޭނާ ފޯނުން ދެއްކެވި ވާހަކަ ވަރަށް ސާފުކޮށް އަޑު އިވުނެވެ.
ފޯނު ނެގި ގޮތަށް ފުރަތަމަ ވެސް އަފީފް ވިދާޅުވީ "އާދެ މި ނިންމާލަނީ" ކަމަށެވެ.
"އާދެ... މި ނިންމާލަނީ. ނިންމާލަން މި އުޅެނީ." އެހެން ވިދާޅުވެ ފޯނު ބޭއްވުމަށްފަހު އަފީފު ޖަލްސާ ނިންމަވާލެއްވީ އެވެ.
ކޮމިޓީތައް އެކުލަވާލުމުގެ އިތުރުން، މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައިވާ މުހިންމު ބިލުތަކެއްގެ މައްސަލައަށް ފުރުސަތު ނުދީ، މަޖިލީހުގެ ނިޒާމު ނަގާލައި، ޖަލްސާ ހުއްޓުވާލުމުގެ ކަންބޮޑުވުން އެ ބަޔާނުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ފާޅުކުރި އެވެ.
އެއާ އެކު މަޖިލީހުގައި މިހާރު ހުއްޓިފައިވާ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގު މަޖިލީހުގެ އިދާރާގެ އިތުރުން މެމްބަރުން ވެސް ފަހިކޮށް ދިނުމަށް އެ ބަޔާނުގައި އިލްތިމާސްކުރި އެވެ.
މިއަދުގެ ޖަލްސާ ހުއްޓުވަން، ކޮމިޓީތައް އެކުލަވާލުމުގައި ޑިމޮކްރެޓްސްގެ މެމްބަރުން ފާހަގަކުރެއްވި މައްސަލައަކީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ވަރު ބަލާ ކޮމިޓީ އަށް ގެންނަން ހުށަހަޅާފައިވާ ބަދަލެވެ.
އެ މެމްބަރުން ވިދާޅުވި ގޮތުގައި އެ ކޮމިޓީގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ 64 ޕަސަންޓު އޮވެގެން، ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެ އެވެ.
މަޖިލީހުގެ ގަވާއިދަށް ބަލާއިރު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވަކި ހާއްސަ ނިސްބަތެއް އޮންނަންޖެހޭނެ ކަމަށް ބަޔާންކޮށްފައެއް ނުވެ އެވެ. އަދި މި ހިނގާ 19 މަޖިލީހުގައި ވެސް، ޖުމްލަ 11 މެމްބަރުން ތިއްބަވާ ކޮމިޓީގައި މިހާތަނަށް އެމްޑީޕީގެ ހަތް މެމްބަރަކު ތިއްބަވަ އެވެ. އެއީ މުޅި ކޮމިޓީގެ ގާތްގަނޑަކަށް 64 ޕަސަންޓެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެމްބަރުން ކަނޑައެޅުމުގައި މަޖިލީހުގައި އެކިއެކި ޕާޓީތައް ނިސްބަތް ވެފައިވާ ގޮތް އެއީ ހަމައެއް ކަމުގައި ބަލައި، ކޮމިޓީ އެކުލަވާލާނީ އެ ހަމަ ތަމްސީލުވާ ގޮތަށް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެ އެވެ.
އެމްޑީޕީން ގަބޫލުކުރާ ގޮތުގައި އެ މާއްދާގެ ދަށުން ކޮންމެ ކޮމިޓީއަކުން 64 ޕަސަންޓު ލިބެންޖެހެ އެވެ. އެކަމަކު އިދިކޮޅު މެމްބަރުން ވިދާޅުވަނީ އެމްޑީޕީއަށް ލިބެންޖެހޭނީ ދާއިމީ ކޮމިތީތަކުގެ ހުރިހާ ސްލޮޓަކުން އެ ނިސްބަތް ކަމަށެވެ.
މިއަދުގެ ޖަލްސާ އަށް ކޮމިޓީތަކުގެ މައްސަލަ އެޖެންޑާ ކުރީ، މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ނުދާތީ ޖަލްސާތައް ކުރިޔަށް ގެންދެވޭނެ ގޮތްތަކާއި ގާނޫނީ މައްސަލަތައް ހައްލު ކުރެވޭނެ ހުށަހެޅުންތައް އަމީންއާންމު ފާތިމަތު ނިއުޝާ ނަޝީދަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ.
އޭޖީގެ ލަފާ: ނަޝީދު ވަކިކުރާ ގަރާރު ބޭރުކުރީ ގޯސްކޮށް
މެމްބަރުން ނެތިގެން އިމްތިޔާޒް މައްސަލަ ޕާކުކޮށްފި
"މުގާބޭ" އަށް ގޮވައި، ޖަލްސާ ހުއްޓުވައިފި
ނައިބު ރައީސްކަމުން އީވާ ވަކިކުރަން ސޮއި ހަމަކޮށްފި
ޖަލްސާ ބާއްވައިދޭން މަޖިލީހުގެ އިދާރާއިން އޮތީ އެދިފައި
އީވާ އަދިވެސް އާލާސްކަންފުޅާ، ޖަލްސާ ނުބޭއްވުނު
ނަޝީދުގެ ގަރާރު އާދީއްތައަށް ވެސް އެޖެންޑާކޮށްފި
ދައުލަތުގެ ބާރެއް ހުއްޓޭގޮތަށް ގަވާއިދެއް މާނަކުރެވިދާނެ؟
އީވާ އަދިވެސް އާލާސްކަންފުޅާ، ޖަލްސާ ކެންސަލް
ނަޝީދުގެ ގަރާރު މާދަމާ އަށް ވެސް އެޖެންޑާކޮށްފި