Roadha Mihaaru
ޗައިނާއިން ޕާކިސްތާނުގަ ނިއުކްލިއާ އިންޖީނުގެއެއް ހަދަނީ

ޗައިނާގެ އެހީގައި ޕާކިސްތާނުގައި ނިއުކްލިއާ އިންޖީނުގެއެއް ހަދަނީ

21 ޖޫން 2023

ޕަންޖާބް، ޕާކިސްތާން (ޖޫން 21) - ޕާކިސްތާނުގެ މެދުތެރޭ ޕްރޮވިންސެއް ކަމަށްވާ ޕަންޖާބުގައި ނިއުކްލިއާ އިންޖީނުގެއެއް ބިނާކުރުމަށް ޗައިނާ އާއި ޕާކިސްތާނުން އެއްބަސްވެ، ދެ ގައުމުން އިއްޔެ އެކަން އިއުލާންކޮށްފި އެވެ.

ޕަންޖާބް، ޕާކިސްތާން (ޖޫން 21) - ޕާކިސްތާނުގެ މެދުތެރޭ ޕްރޮވިންސެއް ކަމަށްވާ ޕަންޖާބުގައި ނިއުކްލިއާ އިންޖީނުގެއެއް ބިނާކުރުމަށް ޗައިނާ އާއި ޕާކިސްތާނުން އެއްބަސްވެ، ދެ ގައުމުން އިއްޔެ އެކަން އިއުލާންކޮށްފި އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ވިދާޅުވި ގޮތުގައި ޗައިނާގެ އެހީތެރިކަމާއެކު ޕަންޖާބުގައި ގާއިމުކުރަން ހަމަޖެހިފައިވަނީ، 1200 މެގަވޮޓްގެ ނިއުކްލިއާ އިންޖީނުގެއެކެވެ. ޖުމްލަ 4.8 ބިލިއަން ޑޮލަރުގެ މި މަޝްރޫއު ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން، ޗައިނާ ނޭޝަނަލް ނިއުކްލިއާ ކޯޕަރޭޝަން އާއި ޕާކިސްތާން އެޓޮމިކް އެނާޖީ ކޮމިޝަނުން އިއްޔެ ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ.

މި ފަހުމުނާމާގައި ސޮއިކުރުމަށް ފަހު ގައުމީ ޓީވީ އަށް ދެއްވި އިންޓަވިއުގައި ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ވިދާޅުވި ގޮތުގައި ޕާކިސްތާނާ ޗައިނާއާ ދެމެދު މިހާރު އޮތީ ވަރަށް ރަނގަޅު ގުޅުމެއް ގާއިމުކުރެވި އިތުބާރު އުފެދިފަ އެވެ. އަދި ޗައިނާއަކީ ބަރޯސާވެވޭ ފަދަ ގާތް އެކުވެރި ގައުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗަޝްމާ 5 ގެ ނަންދީފައިވާ މި މަޝްރޫއު ފުރިހަމަވުމުން، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާންޖެހޭ މިންވަރު އެތައް ގުނައަކަށް ކުޑަވެގެންދާނެ އެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ވެސް ލިބިގެންދާނެ އެވެ.

ހަކަތަ އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމުގެ ގޮތުން، ޕާކިސްތާނުގެ ބަނދަރު ރަށެއް ކަމަށްވާ ކަރާޗީގައި ވެސް މިހާރު ވަނީ ނިއުކްލިއާ އިންޖީނުގެއެއް ގާއިމުކޮށް ކަރަންޓު އުފައްދަން ފަށައިފަ އެވެ. މީގެ ދެ އަހަރު ކުރިން ކަރާޗީގައި ގާއިމުކުރި، 1100 މެގަވޮޓްގެ އެ އިންޖީނުގެއަކީ ވެސް ޗައިނާގެ އެހީތެރިކަމާއެކު ގާއިމުކުރި އިންޖީނުގެއެކެވެ.

ކަރާޗީގައި ގާއިމުކުރި ނިއުކްލިއާ އިންޖީނުގެއިން ކަރަންޓު އުފައްދަން ފެށުމާ ގުޅިގެން، ޕާކިސްތާނުގައި ހިންގާ ނިއުކްލިއާ އިންޖީނުގެތަކުން އުފައްދާ ކަރަންޓުގެ މިންވަރު މިހާރު ވަނީ 1400 މެގަވޮޓަށް އިތުރުވެފަ އެވެ.

ޗަޝްމާ 5ގެ މަޝްރޫއަކީ މީގެ އަހަރުތަކެއް ކުރިން ފަށަން ތާވަލުކޮށްފައި އޮތް މަޝްރޫއެކެވެ. ތަފާތު ސަބަބުތަކާ ހުރެ އަހަރުތަކެއް ފަސްވެގެން ދިއުމަށް ފަހު، އަލުން މި މަޝްރޫއު ފަށާއިރު، މަޝްރޫއުގެ އަގަށް ޗައިނާއިން އެއްވެސް ބަދަލެއް ނުގެންނާތީ، ޕާކިސްތާނުގެ ބޮޑުވަޒީރު ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވި އެވެ.

ޖުމްލަ 4.8 މިލިއަން ޑޮލަރުގެ މި މަޝްރޫއު ފެށުމުގެ ގޮތުން ޗައިނާ ސަރުކާރުން މިހާރުވެސް ވަނީ 105 މިލިއަން ޑޮލަރު ޕާކިސްތާނަށް ދީފަ އެވެ.