Roadha Mihaaru
ދަގަނޑޭ ހައްޖަށް، ސާފް ޗެމްޕިއަންޝިޕުން ނުފެންނާނެ

ހައްޖުގެ އަޅުކަމަށް ދަގަނޑޭ ފުރަނީ، ސާފް ޗެމްޕިއަންޝިޕުން ނުފެންނާނެ

19 ޖޫން 2023

ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދާތީ، އަންނަ ބުދަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕުން ނުފެންނާނެ ކަމަށް އޭނާ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދާތީ، އަންނަ ބުދަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕުން ނުފެންނާނެ ކަމަށް އޭނާ ބުނެފި އެވެ.

ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހަރަދުގައި ރާއްޖެ އިން މި އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ދެއްވި 10 މީހުންގެ ތެރޭގައި ދަގަނޑޭ ހިމެނެ އެވެ. އެ މީހުން ފުރާނީ އަންނަ ހުކުރު ދުވަހު އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަން ގައުމީ ޓީމު މިހާރު ތީބީ އިންޑިއާގެ ބެންގަލޫރުގަ އެވެ. އެ މުބާރާތަށް އެކުލަވާލި ޕްރިލިމިނަރީ ސްކޮޑްގައި ވެސް ދަގަނޑޭ ހިމަނާފައެއް ނުވެ އެވެ.

އޭނާ ބުނީ ޓީމު ނެގި އިރު ހުރީ އަނިޔާގައި ކަމަށެވެ. އެކަމަކު، ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިފައި އޮތުމުން، ހައްޖު މޫސުމާއި ސާފް ޗެމްޕިއަންޝިޕާ އެއް ވަގުތަކާ ދިމާވާތީ ޓީމުގައި ބައިވެރިނުވާން ކުރިން ވެސް ނިންމައިގެން ހުރި ކަމަށް ބުންޏެވެ.

"ސާފް ޗެމްޕިއަންޝިޕްގައި އެހެން ފަހަރަކު ވެސް ކުޅެވިދާނެ،" ދެކުނު އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި މަޝްހޫރުވެފައިވާ ދަގަނޑޭ ބުންޏެވެ.

ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބުދަ ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ ލުބުނާނާއި ބަންގްލަދޭޝް އެވެ. ސާފް ޗެމްޕިއަންޝިޕް އިންތިޒާމު ކުރުމުގެ ހުރިހާ ހައިސިއްޔަތެއް އިންޑިއާ އަށް ދީފައިވުމުން، އެ ގައުމުން ވަނީ ދެކުނު އޭޝިއާ އިން ބޭރުން ކުވައިތާއި ލުބުނާން ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ފުރުސަތު ދިފަ އެވެ.

މުބާރާތާ ކުރިމަތލާއިރު ދިވެހި ޓީމަށް ވަނީ ބޮޑު މައްސަލައެއް ކުރިމަތި ވެފަ އެވެ. އެއްވަނަ ކީޕަރު މުހައްމަދު ފައިސަލްގެ ކަކުލަށް އަނިޔާވުމުން އޭނާ އަށް މުބާރާތުގައި ނުކުޅެވޭނެތީ އޭނާ ވަނީ ސްކޮޑުން ބާކީ ކޮށްފަ އެވެ. ފައިސަލްގެ ބަދަލުގައި ޓީމުން ފުރުސަތު ދިނީ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު އަލީ ނާޖިހް އަށެވެ.