Roadha Mihaaru
"ގެއްލުނު ސަބްމެރިން ހަލާކުވެ އެންމެން މަރުވެއްޖެ"

ބެލެވެނީ ގެއްލުނު ސަބްމެރިން ހަލާކުވެ އެންމެން މަރުވެފައިވާ ކަމަށް

23 ޖޫން 2023

ހަވާއީ (ޖޫން 23) - އެޓްލާންޓިކް ކަނޑުގެ އުތުރު ސަރަހައްދަށް ފެތިފައި އޮތް މަޝްހޫރު ޓައިޓޭނިކް ބަލައިލަން އެ ސަރަހައްދަށް ފީނަނިކޮށް ގެއްލުނު ސަބްމެރިން ފުނޑުފުނޑުވެ، އޭގައި ތިބި ފަސް މީހުން މަރުވި ކަމަށް ބެލެވިއްޖެ އެވެ.

ހަވާއީ (ޖޫން 23) - އެޓްލާންޓިކް ކަނޑުގެ އުތުރު ސަރަހައްދަށް ފެތިފައި އޮތް މަޝްހޫރު ޓައިޓޭނިކް ބަލައިލަން އެ ސަރަހައްދަށް ފީނަނިކޮށް ގެއްލުނު ސަބްމެރިން ފުނޑުފުނޑުވެ، އޭގައި ތިބި ފަސް މީހުން މަރުވި ކަމަށް ބެލެވިއްޖެ އެވެ.

އެމެރިކާގެ ކޯސްޓް ގާޑާ ހަވާލާދީ ބޭރުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، ގެއްލުނު ޓައިޓަން ސަބްމެރިންގެ ފަހަތުގައިވާ ކޯނަކާއި އަދިވެސް އިތުރު ބައިތަކެއް އެޓްލާންޓިކް ކަނޑަށް ފެތިފައި އޮތް ޓައިޓޭނިކާ 1،600 ފޫޓު ދުރުން ކަނޑުއަޑިން ފެނިފައިވެ އެވެ. އަދި ފެނިފައިވާ އެއްޗެހިން އެ އުޅަނދު ގޮވާފައިވާ ކަމަށް ބެލެވެ އެވެ.

އެ ސަބްމެރިންގެ ފަސް ބައެއް ކޯސްޓް ގާޑުން ހޯދާފައިވެ އެވެ. އެ ހޯދުނު ބައިތަކުން ސަބްމެރިންގެ ޗެމްބަރުގައި ޕްރެޝަރު ހުސްވެ، އެ އުޅަނދު ގޮވީ ކަމަށް އިދާރާތަކުން ގަބޫލުކުރެ އެވެ.

މި ސަބްމެރިން ކަނޑުއަޑިއަށް ގެއްލުނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. ޓައިޓޭން އާއި ފެންމަތީގައި އޮންނަ އޭގެ މައި އުޅަނދު ޕޯލާ ޕްރިންސްއާ ދެމެދު ގުޅުން ކެނޑުނީ، ޓައިޓޭނިކް ބަލައިލުމަށް ބައިވެރިވި ފަސް މީހުން ގޮވައިގެން އެ ސަރަހައްދަށް ފީނަން ފެށިތާ އެއް ގަޑިއިރާއި 45 މިނެޓް ފަހުންނެވެ.

މައި އުޅަނދާ ގުޅުން ކެނޑުނީ ކީއްވެގެން ކަމެއް އަދި ގުޅުން ކެނޑުނުއިރު ޓައިޓޭން އޮތީ ޓައިޓޭނިކްއާ ކިހާ ދުރުމިނެއްގައި ކަމެއް އަދި ކަނޑުގެ ކިހާ ފުނެއްގައި ކަމެއް ވެސް ނޭނގެ އެވެ. އެ ސަމްބެރިން ހޯދުމަށް އެމެރިކާގެ ސިފައިންނާއި ކަމާބެހޭ އެހެން އިދާރާތަކުން އަންނަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.

ޓައިޓޭނިކް ބަލައިލުމަށް ޓައިޓޭން ކުރި މި ދަތުރުގައި ބައިވެރިވި ފަސް މީހުންގެ ތެރޭގައި، ޕާކިސްތާނުގެ ވިޔަފާރިވެރިއެއް ކަމަށްވާ ޝަހްޒާދާ ދާއޫދާއި އޭނާގެ ފިރިހެން ދަރި ސުލައިމާން ދާއޫދު ވެސް ހިމެނެ އެވެ. އެ ދެ މީހުންގެ އިތުރުން އޯޝަންގޭޓް އެކްސްޕެޑިޝަންސްގެ ވެރިޔާ ސްޓޮކްޓަން ރަޝް އާއި ފަރަންސޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ ޕޯލް ހެންރީ އާއި އިނގިރޭސި ވިލާތުގެ ވިޔަފާރިވެރިއެއް ކަމަށްވާ ހެމިޝް ހާޑިންގް ވެސް ހިމެނެ އެވެ.