Roadha Mihaaru
ޖާސޫސްކުރި އެމެރިކާގެ އަސްކަރީ އިންޖިނޭރެއް ހައްޔަރުކޮށްފި

ޖާސޫސްކުރި އެމެރިކާގެ އަސްކަރީ އިންޖިނޭރެއް ހައްޔަރުކޮށްފި

11 އޮކްޓޯބަރ 2021

ބޭރު ގައުމަކަށް އެމެރިކާގެ އަސްކަރީ ސިއްރުތަކެއް ވިއްކާލަން އުޅުމުގެ ތުހުމަތުގައި، އެމެރިކާގެ ކަނޑުގެ ސިފައިންގެ އިންޖިނޭރަކާއި އޭނާގެ އަންހެނުން ހައްޔަރުކޮށްފި އެވެ.

ބޭރު ގައުމަކަށް އެމެރިކާގެ އަސްކަރީ ސިއްރުތަކެއް ވިއްކާލަން އުޅުމުގެ ތުހުމަތުގައި، އެމެރިކާގެ ކަނޑުގެ ސިފައިންގެ އިންޖިނޭރަކާއި އޭނާގެ އަންހެނުން ހައްޔަރުކޮށްފި އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އިއްޔެ ބުނި ގޮތުގައި، އެމެރިކާގެ ކަނޑުގެ ސިފައިންގެ އިންޖިނޭރެއްގެ ގޮތުގައި މަސައްކަތް ކުރި ޖޮނަތަން ޓޮއެބް އާއި އޭނާގެ އަންހެނުން ޑަޔާނާ ހައްޔަރުކުރީ، އެމެރިކާގެ އެޓޮމިކް ހަކަތައާ ބެހޭ ގާނޫނާ ހިލާފުވުމުގެ ކުށުގަ އެވެ. އެ ދެ މީހުން މަސައްކަތްކުރީ، އެމެރިކާގެ ކަނޑުގެ ސިފައިންގެ ތެރޭގައި ބޭނުންކުރާ، ނިއުކްލިއާ ހަކަތައިން ދުއްވާ ސަބްމެރިން ފަރުމާކޮށްފައިވާ ގޮތުގެ ކުރެހުންތަކެއް، ބޭރު ގައުމެއްގެ ބަޔަކަށް ކަމަށް ހީކުރި ބަޔަކަށް ވިއްކާލަން އުޅުމުގެ ތުހުމަތުގަ އެވެ.

އެމެރިކާގެ ނިއުކްލިއާ ސަބްމެރިންތަކުގެ ސިއްރު މައުލޫމާތުތައް އެނގޭ ފަދަ މަގާމެއްގައި ހުރި ޖޮނަތަން ޓޮއެބް، ނިއުކްލިއާ ސަބްމެރިންގެ ކުރެހުންތައް ވިއްކާލަން އުޅުނީ، ދުނިޔޭގެ ބާރުގަދަ ގައުމެއްގެ އޭޖެންޓެއް ކަމަށް އޭނާއަށް ގަބޫލުކުރެވުނު މީހަކަށެވެ. ނަމަވެސް އޭނާ އަށް އޮޅިގެން، އެކަމުގައި މުއާމަލާތު ކުރެވުނީ، އެމެރިކާގެ ތަހުގީގުތަކާ ބެހޭ މަރުކަޒީ އިދާރާ (އެފްބީއައި)ގެ އޭޖެންޓަކާ އެވެ.

ގާތްގަނޑަކަށް އަހަރެއްހާ ދުވަހަށް ދެމިގެން ދިޔަ އެ މުއާމަލާތުގެ ތެރޭގައި، އެމެރިކާގެ އަސްކަރިއްޔާގެ ވަރަށް ނާޒުކު މައުލޫމާތުތައް ވެސް، އޭނާގެ ފަރާތުން ސިއްރު އޭޖެންޓަށް ދީފައިވެ އެވެ. އޭނާ އެ މައުލޫމާތުތައް ފޯރުކޮށްދީފައިވަނީ، ބަދަލުގައި ކްރިޕްޓޮކަރަންސީ މެދުވެރިކޮށް އެތައް ހާސް ޑޮލަރެއް ހޯދުމަށް ފަހު އެވެ.

ޖޮނަތަން ޓޮއެބްގެ ފަރާތުން މައުލޫމާތު ލިބޭނެކަން އެނގުމުން، ސިއްރު އޭޖެންޓުގެ ފަރާތުން ޖޮނަތަން ޓޮއެބްއަށް 10 ހާސް ޑޮލަރު، ހަދިޔާއެއްގެ ގޮތުގައި ފޮނުވި އެވެ. އަދި ސަބްމެރީންގެ ސިއްރު މައުލޫމާތުތައް ހަވާލުކުރުމަށްޓަކައި، އޭނާގެ އަންހެނުންނާ އެކުގައި ވެސްޓް ވަރްޖީނިއާ އަށް އައުމަށް ޖޮނަތަން ޓޮއެބް އެއްބަސްވި އެވެ.

ދެ ފަރާތުން އެއްބަސްވި ތާރީހުގައި އެއްބަސްވި ތަނަށް، ސިއްރު މައުލޫމާތުތައް ހިމެނޭ އެސްޑީ ކާޑު ހިފައިގެން އައީ ޖޮނަތަން ޓޮއެބްގެ ދެމަރިފިންނެވެ. އެސްޑީ ކާޑު އޮތީ ޕީނަޓް ބަޓަރު ސޭންޑްވިޗެއްގެ ތެރޭގައި ރައްކާކޮށްފަ އެވެ.

ބޭރު ގައުމެއްގެ އޭޖެންޓަކަށް ހެދިގެން އުޅުނު އެފްބީއައިގެ އޭޖެންޓް، ކްރިޕްޓޯކަރަންސީން އިތުރު 20 ހާސް ޑޮލަރު ދިނުމުން، އެސްޑީ ކާޑު ރައްކާކޮށްފައި އޮތް ސޭންޑްވިޗާއި، އެ ކާޑު ހުޅުވަން ބޭނުންވާ ޕާސްވޯޑް ވެސް، ޖޮނަތަން ޓޮއެބް ބޭރުގެ އޭޖެންޓާ ހަވާލުކުރި އެވެ.

އޭގެ ފަހުން ވެސް އިތުރު ދެ ފަހަރެއްގެ މަތިން، ޖޮނަތަން ޓޮއެބް، ހެދިގެން އުޅުނު ބޭރުގެ އޭޖެންޓާ ބައްދަލުކުރި އެވެ. އެފްބީއައިގެ އޭޖެންޓުން އައިސް ޖޮނަތަން ޓޮއެބް ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ.