Roadha Mihaaru
ޕްރެޝަރު ކުރިމަތިވުމުން ބައްސާމް ޕްރެސް ކޮންފަރެންސަކަށް

ޕްރެޝަރު ކުރިމަތިވުމުން ނޫސްވެރިންގެ ބައްދަލުވުމަކަށް ދާން ބައްސާމް ނިންމަވައިފި

27 ޖޫން 2023

އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ބަންގަބަންދު ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓިމު ބަންގްލަދޭށް އަތުން ބަލިވުމުން، ކުރިމަތިވި ޕްރެޝަރާ އެކު ނޫސްވެރިންގެ ބައްދަލުވުމަކަށް ދާން އެފްއޭއެމްގެ ޜައީސް ބައްސާމް އަދީލް ޖަލީލް ނިންމަވައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ބަންގަބަންދު ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓިމު ބަންގްލަދޭށް އަތުން ބަލިވުމުން، ކުރިމަތިވި ޕްރެޝަރާ އެކު ނޫސްވެރިންގެ ބައްދަލުވުމަކަށް ދާން އެފްއޭއެމްގެ ޜައީސް ބައްސާމް އަދީލް ޖަލީލް ނިންމަވައިފި އެވެ.

އެފްއޭއެމްގެ މީޑިއާ ގުރޫޕްގައި ނޫސްވެރިން ޝުއޫރުފާޅު ކުރުމުން. ހައްޖުގެ އަޅުކަންއަދާކުރެއްވުމަށް މައްކާގައި ހުންނަވައުއި ބައްސާމް ފޮނުއްވި މެސެޖުގައި ވިދާޅުވީ ޓީމުގެ ޕާފޯމަންސާ ގުޅިގެން ނުތަނަވަސްކަން ހުންނާނެކަން އެނގިލައްވާ ކަމަށެވެ. ނަމަވެސް މިވަގުތު ޓީމު ކުރިއަށް ދާން ފުރުސަތުދީ، ޓީމަށް ހެޔޮ ދުއާ ކޮށްދޭން އޭނާ އެދިވަޑައިގެންނެވި އެވެ. އަދި އަންނަ މަހުގެ 15 ވަނަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާނެ ކަމަށް ބައްސާމްގެ މެސެޖުގައި ވެއެވެ.

"އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނާ ޖުލައި 15 ވަނަ ދުވަހު ޕްރެސް ކޮންފަރެންސެއްގައި ބައްދަލުކޮށް، ހުރިހާ ސުވާލުތަކަކަށް ޖަވާބު އަރުވާނަން،" ބައްސާމް ވިދާޅުވި އެވެ.

"އިންޝާ ﷲ، ޓީމު ކުރިއަށް ދާން ހިތްވަރުދެއްވާ، އަޅުގަނޑު އެދެނީ ޓީމަށްޓަކާ ތިޔަ އެންމެންގެ ހެޔޮ ދުއާ."

ބައްސާމްގެ މެސެޖުގެ ކުރިން ގައުމީ ޓިމުގެ މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ) ވަނީ، މާދަމާގެ މެޗުގެ ކުރިން ނުރަނގަޅު ހަބަރުތައް މީޑިއާތަކުން ނުފަތުރާން އެދިފަ އެވެ.

މުބާރާތުގެ ކުރިން ބައްސާމް ވަނީ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގެ މީޑިއާ އޮފިޝަލްކަން ވެސް ޝިބާއާ ހަވާލުކޮށްފަ އެވެ. މިއާ އެކު ގައުމީ ޓީމުގެ ހުރިހާ މައުލޫމާތުތަކަކާއި ކުޅުންތެރިންގެ ހާލަތާއި އެފަދަ އެހެނިހެން ކަންކަން ވެސް ޝިބާ، މީޑީއާއަށް ހާމަ ކުރައްވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ނަމަވެސް ޝިބާގެ ފަރާތުން މީޑީއާ އަށް އެންމެ ފުރިހަމަ އެއްބާރުލުން ލިބިފައި ނުވާކަން ހިތާމައާ އެކު ފާހަގަ ކުރަމެވެ. ޓީމުގެ ކުޅުންތެރިން މުބާރާތަށް އިންޑިއާ އަށް އައުމާ އެކު ފުޑް ޕޮއިޒަން ވެފައިވާކަމަށް ވާހަކަތައް ފެތުރިފައި ވާއިރު އެކަމާ ގުޅިގެން ޝިބާގެ ބަހެއް ހޯދަން ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބު ވެފަ އެވެ.

ގައުމީ ޓީމް ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާދަމާ މެންދުރު ރާއްޖެ ގަޑިން 3 ޖަހާއިރު ލެބަނަން އާ ދެކޮޅަށް ނުކުންނައިރު، ސެމީ ފައިނަލްގެ ޖާގައެއް ހޯދަން ރާއްޖެއަށް ގިނަ ގޯލުތަކެއް ޖަހައިގެން މޮޅުވުން މަޖުބޫރެވެ. ފުރަތަމަ މެޗުގައި ބޫޓާން އަތުން 2-0 އިން މޮޅުވެފައި ވާއިރު ދެވަނަ މެޗުގައި ވަނީ ބަންގްލަދޭޝް އަތުން 3-1 އިން ބަލިވެފަ އެވެ.

ރާއްޖެ ހިމެނޭ ގުރޫޕް ބީގެ ފަހު މެޗުގައި މާދަމާ ރޭ ބޫޓާނާއި ބަންގްލަދޭޝް ބައްދަލުކުރާނެ އެވެ. ލެބަނަން ވަނީ އެޓީމުން ފުރަތަމަ ދެ މެޗުގައި ބަންގްލަދޭޝް އާއި ބޫޓާން ވެސް ބަލިކޮށްފަ އެވެ.