Roadha Mihaaru
ޓޮމްގެ ވާހަކަ: ކުޅުންތެރިންނަށް ނެގެޓިވް އެނަޖީ ނުދީ!

ތަޖުރިބާއިން ޓޮމްގެ ވާހަކައެއް؛ ކުޅުންތެރިންނަށް ނެގެޓިވް އެނަޖީ ނުދީ، ހިތްވަރު ނެރޭނެ

28 ޖޫން 2023

އިންޑިއާގެ ނިއު ދިއްލީގައި 2011 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި، ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ ދެ މެޗުން އެއްވަރުވެ، ނޭވާ ހޮޅިއަށް އެޅުނެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ނޭޕާލް އަތުން 1-1 ން އެއްވަރުވި އެވެ. ދެވަނަ މެޗުގައި ޕާކިސްތާނު ކައިރިން ލަނޑެއް ނުޖެހުނެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އިންޑިއާގެ ނިއު ދިއްލީގައި 2011 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި، ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ ދެ މެޗުން އެއްވަރުވެ، ނޭވާ ހޮޅިއަށް އެޅުނެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ނޭޕާލް އަތުން 1-1 ން އެއްވަރުވި އެވެ. ދެވަނަ މެޗުގައި ޕާކިސްތާނު ކައިރިން ލަނޑެއް ނުޖެހުނެވެ.

ދެވަނަ މެޗަށް ފަހު ކުރިމަތިވީ އެހެން ހާލަތެކެވެ. އޭރުގެ ކޯޗު އިސްތަވާން އުރުބާނީ ބޭނުންވި ގޮތަށް ކުޅުންތެރިންނަށް ނުކުޅެވުނު މައްސަލައިގައި ވަރަށް ހަރުކަށިކޮށް ކުޅުންތެރިންނަށް އޭނާ ހަޅޭއްލެވި އެވެ. ރުޅިގަނޑު ފަޅައިގެން ގޮސްފައި ހުރި އުރުބާނީގެ ކުރިމަތީގައި އެހެން ކުޅުންތެރިޔަކަށް ޗުއްޕު ވެސް ބުނަން ނުކެރުނެވެ. ކޯޗަށް ރައްދު ދިނުމުގެ ގޮތުން ވާހަކަ ދެއްކީ އޭރު ރާއްޖޭގެ އެއްވަނަ ސްޓައިކަރު އަހުމަދު ތޯރިގް (ޓޮމް) އެވެ.

"އަޅުގަނޑު ހުރެފަ ބުނިން. ކޯޗު އެއް ޕްލޭނަކަށޭ ޕްރެކްޓިހުގައި ވެސް ކުޅުވަނީ. އެންމެ މެޗަކަށް ޕްލޭން ބަދަލު ކުރިޔަސް އެއެއް ވޯކް ނުކޮށް ނުކުރާނެ،" މިހާރު ސިޔާސީ ދާއިރާގައި ހަރަކާތްތެރިކޮށް އުޅުއްވާ މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގް ކިޔައި ދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ ދެ މެޗުގައި އުރުބާނީގެ ޕްލޭން މަސައްކަތެއް ނުކުރި އެވެ. ތިންވަނަ މެޗުން އެއްވަރުވެއްޖެނަމަ ރާއްޖެ އޮތީ މުބާރާތުގެ ގުރޫޕް ސްޓޭޖުން ކަޓާ ގޮތަށެވެ.

އޭނާ ވިދާޅުވީ ބައެއް ފަހަރު ކޯޗުގެ ޕްލޭނާ އެއްގޮތަށް ކަންކަން ނުގޮސް ހުރެދާނެ އެވެ. އެ ހާލަތުގައި ޓީމުގެ ސީނިއާ ކުޅުންތެރިން އިސްނަގައި ނަތީޖާ ނެރެން ހިތްވަރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުބާރާތް ނިމުނީމަ ކޯޗަކަށް ހުންނަ މީހާ ފުރައިގެން ދާނީ ހެންގޭރީ އަށް ނުވަތަ އިޓަލީ އަށް. މިތާ ތިބޭނީ ކުޅުންތެރިން. އެ މީހުންނަށް އިހްސާސް ކުރެވެން ޖެހޭނެ ތިމަންނަމެން ކޮނޑުގައޭ މިއޮތީ ފަސް ލައްކައެއްހާ ދިވެހި ރައްޔިތުން ތަމްސީލު ކުރުމުގެ ޒިންމާ،" ތޯރިގް ވިދާޅުވި އެވެ.

އެ ފަހަރު މުބަރާތުގައި ދެން ޖެހިގެން އައި ބަންގްލަދޭޝް މެޗަށް ރާއްޖެއިން ނުކުތީ ސީނިއާ ކުޅުންތެރިން އިސްނަގައިގެންނެވެ.

"ކޯޗުގެ ޕްލޭން ވޯކް ނުކުރީމަ ސީނިއާ ކުޅުންތެރިން އިސް ނެގީ،" ނިއު ރޭޑިއަންޓްގެ ކުރީގެ ފޯވާޑް ވިދާޅުވި އެވެ.

އެ މެޗުން 3-1 ން ބަންގްލަދޭޝް ބަލި ކުރީ ތޯރިގްގެ ދެ ލަނޑާއި، އަލީ އަޝްފާގް (ދަނގަޑޭ) ގެ ގޯލަކުންނެވެ. މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރު ކުރި އެވެ. ސީނިއާ ކުޅުންތެރިން އިސް ނަގައިގެން ކުރި މަސައްކަތުގެ ނަތީޖާ ފެނުނެނެވެ.

ސާފް ޗެމްޕިއަންޝިޕް 2009 ގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދި ތޯރިގް ވިދާޅުވީ، ކުޅުންތެރިންނަށް އެ ހިތްވަރު ލިބޭނީ ޕޮޒިޓިވް އެނަޖީ ލިބިގެންނެވެ.

"ކުޅުންތެރިންނަށް ނެގެޓިވް އެނަޖީ ނުދީ. އަދި ވެސް ފުރުސަތު އެބައޮތް،" ތޯރިގް ވިދާޅުވި އެވެ.

ތަޖުރިބާގެ އަލީގައި އޭނާ ވިދާޅުވީ، ޓީމާ ބެހޭގޮތުން މީޑިއާގައި ހުންނަ ނެގެޓިވް އެއްޗިހި ބަލާހެދުމުން އޭގެ އަސަރު ވަރަށް ބޮޑަށް ކުރާ ކަމަށެވެ. ކުޅުންތެރިން ނެގެޓިވް އެނަޖީ އަސަރު ކުރާތީ، ސާފް ޗެމްޕިއަންޝިޕް 2008 ރާއްޖެ އަށް ކާމިޔާބުކޮށް ދިން ކޯޗު ސްލޮވޭކިއާގެ ޖޯސެފް ޔަންކޭޒް ކުޅުންތެރިން އަތުން ފޯނު އަތުލާ ކަމަށް ތޯރިގް ވިދާޅުވި އެވެ.

ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ހޯދައިދިން ކޯޗު ޔަންކޭ (ވ) ރާއްޖެ އަށް ކުރި އިހުތިރާމްގެ ދަތުރުގައި އެއާޕޯޓުން އޭނާ އަށް ތޯރިގް (ކ) މަރުހަބާ ވިދާޅުވަނީ --- ފޮޓޯ:

ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ހޯދައިދިން ކޯޗު ޔަންކޭ (ވ) ރާއްޖެ އަށް ކުރި އިހުތިރާމްގެ ދަތުރުގައި އެއާޕޯޓުން އޭނާ އަށް ތޯރިގް (ކ) މަރުހަބާ ވިދާޅުވަނީ --- ފޮޓޯ:

"ޓީމާ ބެހޭގޮތުން ހުންނަ ނެގެޓިވް ވާހަކަތައް ކުޅުންތެރިންނަށް ފެނިގެން އޭގެ އަސަރުކުރާތަން ފެނުނީ. ކުޅުންތެރިންނަށް ނެގެޓިވް އެނަޖީ ފީޑް ވިޔަ ނުދޭން ކުޅުންތެރިން އަތުން ޔަންކޭ ފޯނު އަތުލި. އޭގެ ފައިދާ ފެނުނު،" އޭނާ ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ މިއަދު ލުބުނާނާ ދެކޮޅަށް ކުޅޭ މެޗުން ރާއްޖެ އަށް ފުރުސަތެއް އެބައޮތް ކަމަށެވެ.

"ފުރަތަމަ ދެ މެޗުގައި ފެނުނީ ކޯޗުގެ ޕްލޭން ވޯކް ނުކުރިތަން. މިހާރު ކުޅުންތެރިން އިސްނަގާނެ ނަތީޖާ ނެރެން. ލުބުނާން ސެމީ އަށް ގޮއްސަފަ އޮތީމަ އަޅުގަނޑަށް ގަބޫލު ކުރެވެނީ މިހާރު އެ ޓީމުން މެޗު ނަގާނީ ތަންކޮޅެއް ލައިޓްކޮށޭ. އިންޖަރީ ރިސްކް ކުޑަކުރަން އެ ޓީމުން ވިސްނާނެ. އެހެންވެއްޖެއްޔާ ރާއްޖޭ ޓީމުން މަސައްކަތްކޮށްގެން މިކަން ވެދާނެ،" މީގެ ކުރިން ލުބުނާނާ ދެކޮޅަށް ކުޅުނު ތޯރިގް ވިދާޅުވި އެވެ.

މިއަދު ގައުމީ ޓީމުން ލުބުނާނާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މެންދުރު ފަހު 3 ޖަހާއިރު އެވެ.